އަންނަ ބުދަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ނިންމަވާފައިވާއިރު، އެ ބައްދަލުވުން ޚާއްސަކުރަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.
މި ބައްދަލުވުން ވަކި ފަންތިތަކުގެ ވިޔަފާރިވެރިންނަށް ޚާއްސަކުރާކަން މީގެ ކުރިން ހާމަކޮށްފައެއްނުވެއެވެ.
މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ދިވެހި ވިޔަފާރިވެރިންނާއި ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ، ފަށްޓަވާ ސިލްސިލާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން އަންނަ ބުދަ ދުވަހުގެ ރޭ އޮންނަ ބައްދަލުވުން ޚާއްސަކުރުމަށް ހަމަޖެހިފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ކަމަށެވެ. ވީމާ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމުގެ ދަޢުވަތު ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިންނަށް އަރުވާކަމަށް ހީނާ ވިދާޅުވިއެވެ.
ދިވެހި ވިޔަފާރިވެރިންނާއި ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފަށްޓަވާ ސިލްސިލާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން 17 ޑިސެންބަރު 2025 ވާ ބުދަ ދުވަހުގެރޭ 8:30 ގައި، ސޯޝަލް ސެންޓަރުގައި ބާއްވަވާ ފުރަތަމަ ބައްދަލުކުރެއްވުން ޚާއްޞަކުރެވިފައިވަނީ ކުދި…
— Heena Waleed (@MvSpokesperson) December 16, 2025
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުން އޮންނާނީ ސޯޝަލް ސެންޓަރުގައި ބުދަ ދުވަހުގެ ރޭ 20:30ގައެވެ.
ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ނިންމަވާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ދާދިފަހުން ވަނީ ދިވެހި މަސްވެރިންނާވެސް ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން އަންނަ އަންގާރަ ދުވަހުގެ ރޭ މާލޭގެ ގަލޮޅު އަވަށު ރައްޔިތުންނާވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވުމުގެ ސިޔާސަތުގެ ދަށުން ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯއްދެވުމަށް ބައްދަލުކުރެއްވުންތައް ރައީސް ދަނީ ބާއްވަވަމުންނެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާފައިވެއެވެ. އަދި އެކިއެކި ސިނާޢަތްތަކަށް ޚާއްސަކޮށްގެން ވެސް ރައީސް ދަނީ ބައްދަލުވުންތައް ބާއްވަމުންނެވެ.