ޢާންމު ރައްޔިތުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންދިޔަ އެއް މައްސަލައަކީ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ތިބޭ މީހުން ނުވަތަ ތަޙުޤީޤު މަރުޙަލާގައި "ވާނުވާ" ބަންދުގައި ތިބޭ މީހުން އެތައް އަަހަރެއް ވަންދެން އެ ބަންދުގައި ތިބެން ޖެހުމެވެ. މިފަދަ ބަންދަށް "ވާނުވާ" ބަންދޭ ކިޔަނީ އެ މީހުން ބަންދުގައި ތިބޭ މުއްދަތުގައި އެމީހުންނާމެދު ކަންހިނގާނެ ނުވަތަ ހިނގާ ގޮތް ސާފުކޮށް އެމީހުންނަށް ނޭނގޭތީއެވެ.
އެއީ އެ މީހަކުހުރީ ތަޙުޤީޤު މަރުޙަލާގައިނަމަ އެ ތަޙުޤީޤެއް ކުރިއަށްދާނެ ގޮތާއި ހޭދަވާނެ މުއްދަތު އަދި ބަންދުގައި ހުރީ ޝަރީޢަތުގެ މަރުޙަލާގައިނަމަ، އެ މީހެއް ޝަރީޢަތުގެ އަޑުއެހުންތައް ކުރިއަށް ދާނޭ ގޮތަކާއި ޝަރީޢަތަށް ހޭދަވާނެ މުއްދަތު މިގޮތަށް ބަންދުގައި ތިބޭ މީހުންނަށް ނޭނގެއެވެ. އެހެންކަމުން މި ކަންކަމަށް ހޭދަވާ މުއްދަތު އެންމެ ކުރުވާނޭ ގޮތަކަށް ކަންކަން ބައްޓަންކުރެއްވުމަށް ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ފަށްޓަވާފައެވެ.
އެކިއެކި ޖިނާއީ މައްސަލަތަކުގެ ތުހުމަތުކުރެވިގެން ތަޙުޤީޤު މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާގައި މީހަކު ބަންދުކޮށްފައި ބަހައްޓަނީ ޤާނޫނުއަސާސީއާއި ޖިނާއީ އިޖުރާއާތުގެ ޤާނޫނާ ގުޅުންހުރި އެހެނިހެން ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގެ ތެރެއިން ޙާލަތެއް އޮތްކަން ކޯޓަށް ބެލެވޭ ޙާލަތްތަކުގައި، ކޯޓުން ނެރުއްވާ ބަންދުގައި ބެހެއްޓުމުގެ އަމުރެއްގެ ދަށުންނެވެ. އަދި މިފަދަ ބަންދެއްގައި ހުންނަ މީހަކު ބަންދުގައި ހުންނަ މުއްދަތު ދިގުވުމަކީ ހަމައެކަނި އެކަމަށް ބަލައި އެމީހަކު ބަންދުން ދޫކޮށްލެވޭނެ ސަބަބެއް ނޫންކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅުއްވާފައެވެ.
ސަރުކާރުން ވަނީ "ވާނުވާ" ބަންދުގައި ތިބޭ މީހުންގެ އަދަދު ވީހާވެސް މަދުކުރުމަށް މަގުފަހިވާގޮތަށް ގިނަ އިންތިޒާމުތަކެއް ފަހިކޮށްދެއްވާފައެވެ. އެގޮތުން ޖިނާއީ ބޮޑެތި މައްސަލަތައް ކޖަ، ތަޙުޤީޤުކުރުމަށް ޤާނޫނުން ދީފައިވާ މުއްދަތު މިހާރުވަނީ، 180 ދުވަހަށްވުރެ ދިގުނުވާނެހެން ލިމިޓްކޮށްފައެވެ. މި ބަދަލު ގެނައީ އޮގަސްޓު މަހު ޢަމަލުކުރަން ފެށި ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ ދަށުންނެވެ.
ހަމައެއާއެކު މައްސަލަތައް އަވަސްކުރުމަށް ކްރިމިނަލް ކޯޓަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަން މިހާރު ވަނީ ޙައްލުކޮށްފައެވެ. އަދި ވަސީލަތްތައް އިތުރުކޮށްދިނުމާއެކު ކޯޓުތައް އެންމެ އެކަށީގެންވާ ގޮތެއްގައި ބާރު ދުވެލީގައި ހިންގުމަށް ދަތިވާ ބަޖެޓްގެ ދަތިކަން ފިލުވައި، ޖުޑީޝަރީ ހިންގުން ޙަޤީޤީ މާނައިގައި މުސްތަޤިއްލުކުރުމަށްޓަކައި އަންނަ އަހަރު ޖުޑިޝަރީ ދާއިރާއަށް ބޮޑު ބަޖެޓެއް ކަނޑައަޅައި ބޮޑެތި އިނާޔަތްތަކެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.
މީގެ އިތުރުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ދިމާވެފައިވާ ޖާގައިގެ ދަތިކާމާއި މުވައްޒަފުންގެ ދަތިކަން ޙައްލުކުރުމަށްޓަކައި މި އަހަރުގެ ބަޖެޓަށް އިތުރަށް ބޭނުންވާކަމަށް އެ އޮފީހުން ދެންނެވި ޢަދަދަށް އެ އޮފީހަށް ބަޖެޓް އިތުރުކޮށްދީފައިވެއެވެ. މިހާތަނަށް ގެނެސްފައިވާ މި ބަދަލުތަކާއެކު ނުނިމި ގިނަ ދުވަސްވެފައި ހުރި ޖިނާއީ ބޮޑެތި މައްސަލަތަކުގެ އަޑުއެހުންތައް ފެށިގެން ހަލުވިކަމާއެކު ކުރިއަށްދާކަން ސަރުކާރުން ފާހަގަކުރައްވައެވެ.
ބަންދުގައި ގިނަދުވަސް ވެފައިވާ މީހުންގެ މައްސަލަތަކަށް އިސްކަންދީގެން ކްރިމިނަލް ކޯޓުންނާއި އެހެނިހެން ކޯޓުތަކުން މައްސަލަތައް ބެލުމުގެ ދުވެލި ހަލުވިކޮށް، މައްސަލަތައް ކުރިއަށް ދާނޭ ގޮތުގެ ތާވަލުތައް އެކުލަވާލައި، މައްސަލަތައް ހިނގާނޭ ދުވަސްތަކާއި ވަގުތުތައް ދުރާލާ މިހާރު ދަނީ ޙަސްމުންނަށް އަންގަމުންނެވެ. މީގެ އިތުރުން ޖިނާއީ ބޮޑެތި މައްސަލަތަކުގައި ބަންދުކޮށްފައި ތިބި މީހުން ފިޔަވައި އެހެން މީހުން ބަލަންޖެހޭ ކަންކަމަށް ބެލުމަށްފަހު، ޓެގު އެޅުވުމަށްފަހު ދޫކޮށްލުމުގެ މަސައްކަތްވެސް ޕީޖީ އޮފީހުން މިހާރު ދަނީ ކުރައްވަމުންނެވެ.
ސަރުކާރުން ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، މިވަގުތު "ވާނުވާ" ނުވަތަ ރިމާންޑް ބަންދުގައި ތިބީ ޖުމުލަ 408 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ޓެރެރިޒަމްގެ ދަޢުވާކޮށްފައިވާ 20 މީހުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުޙުމަތުގައި ދަޢުވާކޮށްފައިވާ 117 މީހުންނާއި ގިނަ އަދަދެއްގެ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލަތަކުގައި ދަޢުވާކޮށްފައިވާ 116 މީހުންނާއި މަރުގެ މައްސަލަތަކުގައި ދަޢުވާކޮށްފައިވާ 29 މީހުންނާއި އެހެނިހެން އަނިޔާވެރި ބޮޑެތި މައްސަލަތަކުގައި ދަޢުވާކޮށްފައިވާ 126 މީހުންނެވެ.
ކޯޓުތަކުގެ ވަސީލަތްތަކަށާއި މުވައްޒަފުންގެ މުސާރައަށް ގެނެސްފައިވާ ހެޔޮ ބަދަލުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ކޯޓުތަކުގެ ހިންގުން އިތުރަށް ހަރުދަނާވެ، ކޯޓަށް ހުށަހެޅޭ މައްސަލަތައް ދުރާލާ ތާވަލުކޮށް، އެ ތާވަލުތަކާ އެއްގޮތަށް މައްސަލަ ހިނގަން ފެށުމުން ވާނުވާ ނޭންގި އެއްވެސް މީހަކު ބަންދުގައި ހުރުން މުޅިން ހުއްޓުމަކަށް އަންނާނެކަން ސަރުކާރުން ފާހަގަކުރައްވައެވެ.