ޚަބަރު

މުހިންމު އެތައްކަމަކަށް ޙައްލުގެނައުމަށް މިއަހަރު މަޖިލީހުން 31 ބިލެއް ފާސްކުރި


  • މިއަހަރުގެ ތެރޭގައި ޖުމުލަ 87 ޖަލްސާއެއް ބާއްވާފައިވޭ

  • ޖަލްސާތަކުގައި ގާތްގަނޑަކަށް 169 ގަޑިއިރު ހޭދަކޮށްފައިވޭ

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ މަސައްކަތް ނިންމާލައި، މަޖިލިސް މިހާރު ޗުއްޓީއަށް ގޮސްފައިވާއިރު، މިއަހަރުގެ 3 ދައުރުގެ ތެރޭގައި މަޖިލީހުން ވަނީ 31 ބިލެއް ފާސްކޮށްފައެވެ. މީގެ ތެރޭގައި މުހިންމު ގިނަ ބިލުތަކެއް ހިމެނޭއިރު ކުރީ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް މަޖިލީހުން ވަނީ މުހިންމު މަސައްކަތްތަކެއްކޮށްފައެވެ.

20ވަނަ ރައްޔިތުންގެ މަޖިލީހުން މަސައްކަތްކުރަނީ މުހިންމު ބިލުތައް ވަރަށް ފުރިހަމައަށް ދިރާސާކުރުމަށްފަހު ކުރު މުއްދަތެއްގެ ތެރޭގައި ބިލުތަކުގެ މަސައްކަތް ނިންމައި، ނަތީޖާ ނެރރެދިނުމަށްކަމަށް މަޖިލީހުގެ ރައީސާއި މެންބަރުންވެސް ފާހަގަކުރައްވައެވެ. އަދި ކޮމިޓީތަކުންވެސް ގިނަ މަސައްކަތްތަކެއް ކުރާއިރު، ސަރުކާރަށް ފާރަވެރިވުމާއި މިނިވަން މުއައްސަސާތަކުންކުރާ މަސައްކަތްތައް ބަލައި، އިދާރާތަކާއި ކުންފުނިތަކާއި މުއައްސަސާތަކުގެ ޚިދުމަތްތައް ރައްޔިތުންނަށް ލިބޭކަން ކަށަވަރުކުރެއެވެ. އަދި އެދުވަސްވަރެއްގައި ފާހަގަކުރެވޭ ތަފާތު އެކި މައްސަލަތާކާއި ގުޅިގެން ގުށަހެޅޭ ކަންކަން އޮންނަ އުސޫލުގެ ތެރެއިން މަޖިލީހުން ބަލައި ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ދަނީ އިރުޝާދުދެމުންނެވެ.

މިއަހަރުގެ 3 ދައުރުވެސް ނިންމާލައި، މަޖިލިސް މިހާރު މިވަނީ ޗުއްޓީއަށް ގޮސްފައެއެވެ. މިއަހަރު މަޖިލީހުން ކުރެއްވިި މުހިންމު މަސައްކަތްތަކުގެ ތެރޭގައި މިއަހަރު ބޭއްވި އެމަޖިލީހުގެ 87 ޖަލްސާގައި ގާތްގަނޑަކަށް 169 ގަޑިއިރު ވަނީ ހޭދަކޮށްފައެވެ. އަދި ކޮމިޓީތަކުގެ 462 ބައްދަލުވުން ބާއްވާފައިވާއިރު، ގާތްގަނޑަކަށް 351 ގަޑިއިރު ކޮމިޓީ މަސައްކަތްތަކުގައި މެންބަރުން ހޭދަކޮށްފައިވެއެވެ.

މިއަހަރުގެ ތެރޭގައި މަޖިލީހުން ވަނީ ޖުމްލަ 31 ބިލެއް ފާސްކޮށްފައެވެ.

މިއަހަރުގެ ތެރޭގައި މަޖިލީހުން ފާސްކުރެއްވި ބައެއް ބިލުތައް:

• ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ބިލު
• މަތީ ތަޢުލީމާއި ތަމްރީންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
• ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
• ޓެރޭޑްމަރކްގެ ބިލު
• ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލު
• ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލު
• ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
• ދައުލަތުގެ ފިސްކަލް ޒިންމާގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
• ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާ ބެހޭ ޤާނޫނަށް
އިޞްލާޙު ގެނައުމުގެ ބިލު
• ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
• ޒަކާތުގެ ބިލު
• މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
• ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
• ފެނާއި ނަރުދަމާގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
• މޯލްޑިވްސް އިންޓަރލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ބިލު
• ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
• އިމިގްރޭޝަންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
• ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
• ގޭންގު ކުށްތައް ހުއްޓުވުމާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު

މަޖިލިސް ޗުއްޓީއަށް ދިއުމާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ 20ވަނަ މަޖިލީހުގެ އުޞޫލަކީ ސަރުކާރު ހިންގުމަށް ނުވަތަ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތެއް ފޯރުކޮށްދިނުމުގައި މަޖިލީހުން ކުރަންޖެހޭ ކަމެއް ނުނިމި އޮތް ނަމަ އެ މަސައްކަތެއް ނިންމުމަށްފަހު ޗުއްޓީއަށްދިއުން ކަމަށެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ 20ވަނަ މަޖިލީހުން މަސައްކަތްކުރައްވަމުން ގެންދަވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމަށް ބޭނުންވާ ބިލުތައް ނިންމައިދީ، ރައީސް ބޭނުންފުޅުވާ ހަލުވިކަމާއެކު މަސައްކަތްތައް ނިންމުމަށް ކަމަށެވެ. އަދި ސަރުކާރު ޖަވާބުދާރީކުރުވައި، މިނިވަން މުއައްސަސާތައް ޖަވާބުދާރީކުރުވުމަށް މަޖިލީހުގެ ކޮމިޓީތަކުން ވެސް މުހިންމު ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ.

"ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތް ފޯރުކޮށްދިނުމުގައި އެއްވެސް ކަހަލަ ދަތިކަމެއް ސަރުކާރަށް ކުރިމަތިނުވެ މަޖިލީހުން ކޮށްދޭންޖެހޭ ހުރިހާ ކަންތައްތަކެއް ކޮށްދެވޭތޯ، އެންމެ ފުރިހަމަ ގޮތުގައި ކޮށްދެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ. އަޅުގަނޑު ހަމަ ވަރަށް ހިތްހަމަޖެހޭ މިއަހަރުގެ މި މަޖިލީހުގެ މަސައްކަތްތަކާ ދޭތެރޭގައި" ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މިއަހަރުގެ ތެރޭގައި އީ-ޕެޓިޝަންގެ ނިޒާމު ތަޢާރަފުކުރުމަށް 20ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށްވެސް އިޞްލާޙު ގެނެސްފައިވެއެވެ. މިއީވެސް ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ފަސޭހަ ނިޒާމެއްގެ ތެރެއިން މަޖިލީހަށް ހުށައެޅުމުގެ މަގު ފަހިކޮށްދިނުމަށް ތަޢާރަފްކުރުމަށް މަސައްކަތްކުރަމުންދާ ނިޒާމެކެވެ.