ޚަބަރު

ފުވައްމުލަކަށް ފެން ލިބުމުގައި ދިމާވި ދަތިތަކުގެ ސަބަބުން މިދިޔަ މަހުގެ ބިލު މަޢާފު


  • މިދިޔަ މަހުގެ އެކި ދުވަސްތަކުގައި ފުވައްމުލަކުން ފެން ކެނޑިފައިވޭ

  • ބިލު ދައްކަން ނުޖެހޭގޮތަށް ނިންމީ ރައްޔިތުންނަށް ދިމާވި ތަކުލީފުތަކަށް ލުޔެއް ދިނުމަށް

ޏ. ފުވައްމުލަކަށް ފެން ލިބުމުގައި ދިމާވި ދަތިތަކުގެ ސަބަބުން މިދިޔަ މަހުގެ ފެން ބިލު ނުނަގާ ގޮތަށް ފެނަކަ ކޯޕަރޭޝަނުން ނިންމަވައިފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ފުވައްމުލަކު ސިޓީއަށް ދިމާވެފައިވާ ފެނުގެ މައްސަލަ ޙައްލުކޮށް، ރަނގަޅު ފެންވަރެއްގައި ފެނުގެ ޚިދުމަތް އަލުން ދިނުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ހުއްޓުމެއްނެތި ކުރަމުންދާ ކަމަށެވެ. އަދި ވޭތުވެދިޔަ ދުވަސްތަކުގައި ފުވައްމުލައް ސިޓީގެ ފެނުގެ ނެޓްވޯކުގެ މަސައްކަތްތަކެއް ކުރިއިރު، އެކި ވަގުތުތަކުގައި ފެން ކެނޑުމާއި، ފެނުގެ ޕްރެޝަރ ދަށްވުން ފަދަ ކަންކަން މެދުވެރިވި ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް ދިމާވި ދަތިތަކަށް ލުޔެއް ދިނުމުގެ ގޮތުން މިދިޔަ މަހުގެ ބިލަށްވާ ފައިސާ ނުނަގާ ގޮތަށް ނިންމާފައިވާ ކަމަށް ފެނަކައިން ވިދާޅުވިއެވެ.

ފެނަކައިން ވިދާޅުވީ، ފުވައްމުލަކުގެ ފެނުގެ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށެވެ. ފެނަކައިން ވަނީ، ފެނުގެ ޚިދުމަތް މެދުކެނޑި ދިމާވި ދަތި ވަގުތުތަކުގައިވެސް ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ.

ފުވައްމުލަކުގެ ފެނުގެ ވިއުގައަށް މައްސަލައެއް ދިމާވެ ސަޕްލައި ފެނުގެ ޚިދުމަތް މެދުކެނޑުނީ، މިދިޔަ މަހުގެ 10 ވަނަ ދުވަހުއެވެ. އަދި ދިމާވި މައްސަލަ ޙައްލުކޮށް ފެން ދޫކުރަން ފަށާފައިވަނީ، މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ.