ކުރީގެ ރައީސުން އޮފީސް ހިންގުމަށް ދައުލަތުން ދޭ ފައިސާ އުނިކޮށް، ކުރީގެ ނައިބުންނަށް ޢިނާޔަތެއް ދޭ ގޮތަށް ޤާނޫނު އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ޤާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދުއެވެ. މި އިސްލާޙުތައް ހުށައެޅުއްވީ ނޮވެންބަރު މަހުގެ 27 ވަނަ ދުވަހުއެވެ.
ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްވީ، އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ ވެސް ތާޢީދާއެކުއެވެ.
ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާ ބެހޭ ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުތަކުގެ ދަށުން ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ފަރާތްތަކަށް ދެވޭ ބައެއް ޢިނާޔަތްތައް އުނިކުރުމަށް ވަނީ ހިމަނާފައެވެ. އެގޮތުން، ކުރީގެ ރައީސުން އޮފީސް ހިންގުމަށް ދައުލަތުން ކޮންމެ މަހަކު ދޭ 175،000 ރުފިޔާ ދޭން ނުޖެހޭގޮތަށް ޤާނޫނަށް ވަނީ އިސްލާހު ހުށަހަޅުއްވާފައެވެ.
މީގެ އިތުރުން ރައީސްކަން ކުރެއްވި ބޭފުޅަކު ދެވަނަ ދައުރަކަށް އިންތިޚާބުވެއްޖަނަމަ އެ ދައުރެއްގައި އަދި ދައުލަތުގެ އެ ނޫންވެސް މަޤާމަކަށް އައްޔަން ކުރެވިއްޖެނަމަ އެ މަޤާމެއްގެ މުއްދަތުގައި ޤާނޫނުން އެ ބޭފުޅަކަށް ދޭ ޢިނާޔަތްތައް މެދުކަނޑާލަންޖެހޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. މިހާރު ޤާނޫނު އޮތްގޮތުން ޢިނާޔަތް މެދުކަނޑާލަން ޖެހޭނީ ދެވަނަ ދައުރަކަށް އިންތިޚާބުވުމުން އެކަންޏެވެ.
ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންގެ ޢިނާޔަތްތަކަށް ބަދަލު ގެނައުމުގެ އިތުރުން ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ޢިނާޔަތް ދިނުމަށްވެސް މި ބިލުގައި ވަނީ ހިމަނުއްވާފައެވެ. އަދި މި ދެ ބަދަލާއެކު ޚަރަދަށް އަންނާނެ ބަދަލުތަކުގެ އެސްޓިމޭޓެއްވެސް ވަނީ ހުށަހަޅުއްވާފައެވެ.
އެ އެސްޓިމޭޓްގައިވާގޮތުން ކުރީގެ ރައީސުންގެ އޮފީސް ހިންގަން ދޭ ފައިސާ އުނިކޮށްފިނަމަ އަންނަ އަހަރު 10،500،000 ރުފިޔާ ޚަރަދު ކުޑަވާނެއެވެ. މީގެ ސަބަބުން އަންނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުން ކުރީގެ ރައީސުންނަށް ޢިނާޔަތުގެ ގޮތުގައި ކަނޑައަޅާފައިވާ 19.7 މިލިޔަން ރުފިޔާ 10.2 މިލިޔަން ރުފިޔާއަށް ކުޑަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މީގެ އިތުރުން ނައިބުންނަށް ދޭ ޢިނާޔަތް ހިމެނުމުން އަންނަ އަހަރު އެކަމަށް 360،000 ރުފިޔާ އަދި ނައިބުންނަށް ދޭ ބޭސްފަރުވާގެ ޚަރަދަށް 700،000 ރުފިޔާ ޚަރަދުވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ. ކުރިން ބިލުގައި ނައިބު ރައީސުންނަށް މަހަކު 25،000 ރުފިޔާގެ ޢިނާޔަތެއް ދޭން ހިމެނި ނަމަވެސް، ކޮމިޓީން ވަނީ އެ އަދަދު 30،000 ރުފިޔާއަށް ބޮޑުކޮށްފައެވެ.
މި އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި ދައުލަތުން ޢިނާޔަތް ދޭންޖެހޭނީ 5 އަހަރުގެ ދައުރު ފުރިހަމަ ކުރާ ނައިބު ރައީސުންނަށް އެކަންޏެވެ. މި އުސޫލުން ބަލާނަމަ މިހާތަނަށް 5 އަހަރުގެ ދައުރު ފުރިހަމަ ކުރެއްވި ހަމައެކަނި ނައިބު ރައީސަކީ މިދިޔަ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކުރެއްވި ފައިޞަލް ނަސީމެވެ. އޭގެ ކުރިން ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންނަށް އެކި ސަބަބުތަކާހުރެ 5 އަހަރުގެ ދައުރު ފުރިހަމަ ނުކުރެއްވެއެވެ.
މި ބިލަށް ޢަމަލުކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ މިބިލް ތަޞްދީޤުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.