ޚަބަރު

ފެނަކަ ފުވައްމުލަކު ބްރާންޗުން ދޫކުރަމުންދާ ފެން ބުއިމަށް ރައްކާތެރި: އެމްއެފްޑީއޭ


  • ފެނުގެ ރައްކާތެރިކަމާމެދު ސިޓީ ކައުންސިލުން ވަނީ ސުވާލު އުފައްދާފައި

  • ފެން ދޫކުރަން ފެށީ އެމްއެފްޑީއޭގެ ހުއްދަ ލިބިގެންކަމަށް ފެނަކައިން ވިދާޅުވެފައިވޭ

ފެން ޕްލާންޓަށް ދިމާވި މައްސަލަ ހައްލުކުރުމަށްފަހު، ފެނަކަ ފުވައްމުލަކު ބްރާންޗުން ދޫކުރަމުންދާ ފެނަކީ ބުއިމަށް ރައްކާތެރި އެއްޗެއްކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭއިން ވިދާޅުވެއްޖެއެވެ.

އެމްއެފްޑީއޭއިން މިހެން ވިދާޅުވީ ފުވައްމުލައް ސިޓީ ކައުންސިލުން ފެނަކައިން ދޫކުރާ ބޯ ފެނުގެ ރައްކާތެރިކަމާ މެދު ސުވާލު އުފައްދާފައި ވަނިކޮށެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ފެނަކައިން ދޫކުރަމުންދާ ފެނަކީ ރައްކާތެރި ފެންކަން ޔަޤީންވާ ފަދަ ޓެސްޓްތަކުގެ ނަތީޖާ މިހާތަނަށް ލިބިފައިނުވާކަމަށް ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ފެނަކަ ފުވައްމުލައް ބްރާންޗްއިން ދޫކުރަމުންދާ މުނިސިޕަލް ފެނުގެ މައްސަލައާ ގުޅިގެން އެ ސިޓީގެ އެކި ސަރަހައްދުތަކުން ފެން ނަގާ ތަޙުލީލުކޮށްފައިވާ ކަމަށެވެ. އަދި މި ތަޙުލީލުތަކުގެ ނަތީޖާ ދައްކާ ގޮތުން މި ފެނަކީ ޞިއްޙަތާ ބެހޭ ޖަމިއްޔާގެ ބޯ ފެނުގެ މިންގަނޑަށް ފެތޭ ފެނެއްކަމަށް އެމްއެފްޑީއޭއިން ވިދާޅުވިއެވެ.

ފުވައްމުލަކުގެ ފެނުގެ ވިއުގައަށް މައްސަލައެއް ދިމާވެ ސަޕްލައި ފެނުގެ ޚިދުމަތް މެދުކެނޑުނީ މިދިޔަ ހޯމަ ދުވަހުއެވެ. ދިމާވި މައްސަލަ ހައްލުކޮށް ފެން ދޫކުރަން ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ފެނަކައިން ވިދާޅުވީ ފެން ދޫކުރަން ފަށާފައިވަނީ އެމްއެފްޑީއޭއިން ތަހުލީލުކޮށް، އެ އޮތޯރިޓީގެ ހުއްދަ ލިބުމަށްފަހުގައި ކަމަށެވެ.