ޚަބަރު

ދެކުނުގެ އޮޕަރޭޝަން 11 ސަރަހައްދެއްގައި، ފައިސާއާއި، މަސްތުވާތަކެއްޗާއިއެކު 13 މީހުން ހައްޔަރަށް


  • ފައިސާއާއި ޑްރަގްގެ ވިޔަފާރިކުރަން ބޭނުންކުރާ ސާމާނާއި އިލެކްޓްރޯނިކް އާލާތްތައް އަތުލައިގެންފައިވޭ

  • ދެކުނު އަތޮޅުތަކުގައި އޮޕަރޭޝަން ކުރިއަށްގެންދިޔައީ 11 ސަރަހައްދަކަށް އަމާޒުކޮށްގެން

މަސްތުވާ ތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަން އަލިމަގުގައި ދެކުނުގެ އަތޮޅުތަކުން 13 ތަނަކާއި 4 އުޅަނދެއް ބަލައި ފާސްކޮށް، 13 މީހަކު ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

އޮޕަރޭޝަން "އަލިމަގު"އަކީ މަސްތުވާތަކެތީގެ ނެޓްވަރކްތައް ހޯދައި، މަސްތުވާތަކެތީގެ ވަބާ ނައްތާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އެންގެވުމަކަށް ފުލުހުން ފެށްޓެވި އޮޕަރޭޝަނެކެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ސައުތު ޕޮލިސްގެ ކޮމާންޑަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝަމީމް ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން ދެކުނުގެ ރަށްރަށުން 13 ތަނަކާއި 4 އުޅަނދެއް ބަލައި ފާސްކޮށް، 13 މީހަކު ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި ބަލައި ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެއްޗާއި ފައިސާއާއި މަސްތުވާތަކެތީގެ ވިޔަފާރިކުރުމަށް ބޭނުންކުރާ ސާމާނާއި އިލެކްޓްރޯނިކް އާލާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ދެކުނު އަތޮޅުތަކުގައި އޮޕަރޭޝަން ކުރިއަށްގެންދިޔައީ 11 ސަރަހައްދަކަށް އަމާޒުކޮށްގެން ކަމަށެވެ. އެގޮތުން އައްޑޫ ފޭދޫ، މަރަދޫ އަދި ހިތަދޫގެ އިތުރުން ގއ. ވިލިނގިލި، ގއ. މާމެންދޫ، ގއ. ކޮލަމާފުށި އަދި ގދ. ފަރެސްމާތޮޑާއިން ތަންތަން ބަލައިު ފާސްކުރިކަމަށް އޭނާ ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އޮޕަރޭޝަން ކުރިއަށްގެންގޮސްފައިވަނީ ޑްރަގް އެންފޯސްމެންޓާއި އިންޓަލެޖެންސް ޔުނިޓުތަކާއި އިންވެސްޓިގޭޝަން ޔުނިޓުތައް ގުޅިގެން 124 ފުލުހުންގެ މައްޗަށް އެކުލެވޭ ޓީމަކުން ކަމަށެވެ.

6 މަސް ދުވަހުން ފުލުހުން އެއްކޮށްފައިވާ އިންޓަލެޖެންސް މަޢުލޫމާތުތަކަށް ރިޢާޔަތްކޮށް "އޮޕަރޭޝަން އަލިމަގު"ގެ ނަމުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ޚާއްސަ އޮޕަރޭޝަނެއް ފެށީ މިއަދު ހެނދުނު 05:30 ގައެވެ. މި އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް ޖުމުލަ 86 ތަނެއް ބަލައި ފާސްކޮށް، 97 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.

އަލިމަގު އޮޕަރޭޝަންގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވެ، ސްޕެޝަލައިޒްޑް ޑިޕާޓްމަންޓްތަކާއި ރީޖަންތަކުން ވިލަރެސްކުރެވިގެން އެކުލަވާލެވިފައިވާ ޓީމުތަކުން މުޅި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަނުގައި އެއްވަގުތެއްގައި ތަންތަން ބަލައި ފާސްކުރުމާއި ޤާނޫނު ތަންފީޒުކުރުމުގެ ޢަމަލީ މަސައްކަތް ދަނީ ކުރަމުންނެވެ.

"އޮޕަރޭޝަން އަލިމަގު" އަކީ ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގޭ މަސްތުވާތަކެއްޗާ ދެކޮޅު ހަރަކާތެވެ. މިއީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރާ ވިއުގަތައް ހުއްޓުވައި، މުޅިން ނައްތާލުމަށާއި، މުޖުތަމައުގައި މަސްތުވާތަކެތި ފެތުރުމުގައި ޒިންމާވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން ހިންގޭ އޮޕަރޭޝަނެކެވެ.