ޚަބަރު

ޑްރަގުގެ ޢަމަލުތައް ޖެހޭނީ ހުއްޓާލަން، ކުޑަ ޖާގައެއްވެސް ދެން ނުދޭނަން: ވަޒީރު އިޙްސާން


  • އޮޕަރޭޝަން ކުރިއަށްގެންދަނީ 6 މަސް ދުވަހުން އެއްކުރި އިންޓަލެޖެންސް މަޢުލޫމާތަށް ބިނާކޮށް

  • އޮަޕަރޭޝަންގެ ތެރެއިން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން

މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަށް ފެށި އޮޕަރޭޝަން "އަލިމަގު" ހުއްޓާލާނީ އެ ވަބާ މުޅި ރާއްޖެއިން ނައްތާލުމަށްފަހުކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

އޮޕަރޭޝަން "އަލިމަގު"އަކީ މަސްތުވާތަކެތީގެ ނެޓްވަރކްތައް ހޯދައި، މަސްތުވާތަކެތީގެ ވަބާ ނައްތާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އެންގެވުމަކަށް ފުލުހުން ފެށްޓެވި ޚާއްސަ އޮޕަރޭޝަނެކެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ "އަލިމަގު" އޮޕަރޭޝަން ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް ކުރިއަށްދާކަމަށާއި މި އޮޕަރޭޝަން ކުރިއަށްގެންދަނީ 6 މަސް ދުވަހުން ފުލުހުން އެއްކުރި އިންޓަލެޖެންސް މަޢުލޫމާތަށް ބިނާކޮށް ކަމަށެވެ.

ދާޚިލީ ވަޒީރު ވިދާޅުވީ އޮޕަރޭޝަންގެ ތެރެއިން ގަވާއިދާ ޚިލާފަށް އެތެރެކޮށްފައިވާ ސިނގިރޭޓާއި މަސްތުވާތަކެތި ވިއްކައިގެން ހޯދާފައިހުރި ފައިސާއާއި އެތެރެކޮށްފައިވާ އެކި ބާވަތްތަކުގެ މަސްތުވާތަކެތި ހޯދައި، ނެގެމުންދާ ކަމަށެވެ.

ދާޚިލީ ވަޒީރު ވަނީ ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ އަދި މިކަމުގެ ތެރޭގައި އުޅޭ މީހުންނަށް އިންޒާރުގެ މެސެޖެއްވެސް ދެއްވާފައެވެ. އެގޮތުން މިކަން ދެން ރާއްޖޭގައި ނުކުރެވޭނެކަމަށާއި މަސްތުވާތަކެތީގެ ވަބާއިން މުޅިން ރައްޖެ ފުހެވެންދެން 24 ގަޑިއިރު، ފުލުހުން މި އޮޕަރޭޝަން ކުރިއަށްގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"ދެން ޖެހޭނީ މިކަން ހުއްޓާލަން. މިއަދަށްފަހު ދެން އެ ފުރުޞަތެއް ނުދޭނަން. އެދޭ އެދުމަކީ މިކަމުގައި އުޅޭ ކުދިންވެސް އެހެން ކަމަކާއިގެން އުޅެން ފަށަން. އެކުދިންނަށް އުޅެން އުނދަގޫކުރާނަން. މިއަދު މި ފެށި އޮޕަރޭޝަން ހުއްޓާލާނީ މިކަމުގައި މަސްޢޫލުވެގެން އުޅޭ މީހުން ހުއްޓާލާ ހިސާބުން. ޤާނޫނުން އެެޅޭ އެންމެ ހަރުކަށި ފިޔަވަޅު އެމީހުންނާ މެދު އަޅާނަން." ދާޚިލީ ވަޒީރު ވިދާޅުވިއެވެ.

ފުލުހުންގެ ހުރިހާ ބާރެއް ގުޅިގެން އޮޕަރޭޝަން ފަށާފައިވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ 90 މީހުން މިހާރު މި އޮޕަރޭޝަންގެ ތެރެއިން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެމީހުން މަސްތުވާތަކެތި ރައްކާކުރަން ބޭނުންކުރާ ތަންތަން ބަލައި ފާސްކޮށް، ވިއްކާ މަސްތުވާތަކެތި ހޯދައި، ފުލުހުންގެ ބާރުގެ ދަށަށް ގެނައުމުގެ މަސައްކަތްކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިގޮތުން މަސްތުވާތަކެތި ރައްކާކުރަން ބޭނުންކުރި 100 އަށްވުރެ ގިނަ ތަން ބަލައި ފާސްކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"އޮޕަރޭޝަން އަލިމަގު" ގެ ނަމުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނެއް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ވަނީ ފަށާފައެވެ. މިއީ، އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް މުޅި ރާއްޖެ ހިމެނޭގޮތަށް ފަށާފައިވާ އޮޕަރޭޝަނެކެވެ.

މިއަދު ހެނދުނު 05:30 ގައި ފެށި މި އޮޕަރޭޝަންގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވެ، ސްޕެޝަލައިޒްޑް ޑިޕާޓްމަންޓްތަކާއި ރީޖަންތަކުން ވިލަރެސްކުރެވިގެން އެކުލަވާލެވިފައިވާ ޓީމުތަކުން މުޅި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަނުގައި އެއްވަގުތެއްގައި ތަންތަން ބަލައި ފާސްކުރުމާއި ގާނޫނު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތަކެއް ކުރިއަށް އެބަ ގެންދެއެވެ.

"އޮޕަރޭޝަން އަލިމަގު" އަކީ ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގޭ މަސްތުވާތަކެއްޗާ ދެކޮޅު ހަރަކާތެވެ. މިއީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރާ ވިއުގަތައް ހުއްޓުވައި، މުޅިން ނައްތާލުމަށާއި، މުޖުތަމައުގައި މަސްތުވާތަކެތި ފެތުރުމުގައި ޒިންމާވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން ހިންގޭ އޮޕަރޭޝަނެކެވެ.