ޚަބަރު

ނިމުނު ހަފްތާ: މަޝްރޫޢުތައް ދިވެހިންނަށް، އުމްރާނީ، އިޤްތިޞާދީ ކުރިއެރުން


  • ޖެނޭރަޝަނަލް ބޭން އޮން ޓޮބޭކޯ ތަންފީޒުކުރަން ފަށަފައިވޭ

  • 206 މަޝްރޫޢެއް ދިވެހި ކުންފުނިތަކާ ހަވާލުކޮށްފައިވޭ

  • ފުވައްމުލަކާއި އައްޑޫއަށް ރައީސް ދަތުރުފުޅެއް ކުރައްވާފައިވޭ

  • އެސްއީޒެޑްގެ ބިލަށް ގެނައި އިސްލާހުތައް މަޖިލީހުން ފާސްކުރައްވާފައިވޭ

ނިމުނު ހަފްތާގައިވެސް އެކިއެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ކަންތައްތަކެއް ހިނގައިދިޔައެވެ. (1 ނޮވެންބަރު) އެގޮތުން އެއް ކަމަކީ ނޮވެންބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 3 ކަމެއް ތަންފީޒުކުރަން ފެށުމެވެ. އެގޮތުން ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން 2007އިން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތް މަނާކޮށް، ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯއަށް ޢަމަލުކުރަން ފަށާފައިވެއެވެ. އަދި ގަވާއިދު ޢާންމުކޮށް ކަށި މިޔަރުގެ މަސްވެރިކަން ކުރުމުގެ ހުއްދަ ސަރުކާރުން ދެއްވާފައިވެއެވެ.

3 ދާއިރާއެއްގެ މުސާރަ އެއްހަމަކޮށް ތަންފީޒު ކުރަން ފެށުމުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރަން ފެށީ ވެސް ނޮވެންބަރު މަހުގެ ފުރަތަމަ ދުވަހުއެވެ.

ދިވެހިރާއްޖޭގެ ފަޚުރުވެރި ނަޞްރުގެ ދުވަސްވެސް ފާހަގަކުރަނީ ނިމުނު ހަފުތާގައެވެ. (3 ނޮވެންބަރު) ނަޞްރުގެ ދުވަހުގެ މުނާސަބާގައި ނޮވެންބަރު 3ގެ ހަނދާނީ އައްޑަނަ ސިފައިންގެ ތެރެއިން ޝަހީދުވި ބޭފުޅުންނާއި ޢާންމުންގެ ތެރެއިން ޝަހީދުވި ބޭފުޅުންގެ ޢާއިލާތަކަށް ދެއްވާފައިވެއެވެ. އަދި ނޮވެންބަރު 3ގެ ޝަރަފުގެ ޚާއްޞަ އައްޑަނަ، ރައީސް މައުމޫން ޢަބްދުލްޤައްޔޫމަށްވެސް ވަނީ އަރުވާފައެވެ.

(4 ނޮވެންބަރު) ހުޅުދޫއާއި މީދޫ އައްޑޫ ސިޓީން ވަކިކޮށް، ވަކި ކައުންސިލްތައް އުފައްދަން ޤަރާރަކުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީވެސް ނިމުނު ހަފުތާގައެވެ. (6 ނޮވެމްބަރު) އަދި 9 ދާއިރާއަކުން 206 މަޝްރޫޢެއް 53 ދިވެހި ކުންފުންޏަކާއި ހަވާލުކުރީވެސް ނިމުނު ހަފުތާގައެވެ. މިއީ ފުރަތަމަ ފަހަރަށް އެއް ދުވަހެއްގައި މިހާ ގިނަ މަޝްރޫޢުތައް ދިވެހި ކުންފުނިތަކާ ހަވާލުކުރި ފުރަތަމަ ފަހަރެވެ.

(ނޮވެންބަރު 4-5) ރައީސްގެ ދަތުރުފުޅު:

• ފުވައްމުލައް ސިޓީގައި 400 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުން
• ފުވައްމުލަކު އިސްލާމީ މަރުކަޒާއި ސިޓީ ހޮޓަލެއް ހިމެނޭގޮތަށް ފުވައްމުލައް ސިޓީގައި 10 މަޝްރޫޢެއް ކުރިއަށްގެންދާކަން ހާމަކުރެއްވުން
• ފުވައްމުލައް ސިޓީގައި ބީއެމްއެލް ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފެށުން
• އައްޑޫ ހުޅުދޫ، މީދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފެށުން
• އައްޑޫ ހުޅުދޫ، މީދޫ އިދާރީގޮތުން ވަކިކުރުމަކީ ދެރަށުގެ ތަރައްގީގެ ފެށުންކަމަށް ރައީސް ވިދާޅުވުން
• ޤައުމީ ދިފާޢީ ބާރުގެ ފުރަތަމަ އެއަރ ސްޓޭޝަން ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވުން
• އައްޑޫ ސިޓީ ލިންކު ރޯޑާއި މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުން
• އައްޑޫ ސިޓީ ފޭދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފެށުން
• އައްޑޫ ސިޓީ މަރަދޫފޭދޫގައި ބީއެމްއެލް ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފެށުން
• އައްޑޫ ސިޓީގެ ގުޅިފައިވާ ތިންރަށެއްގައި 200 ހައުސިންގ ޔުނިޓް ތަރައްޤީކުރަން އެޗްޑީސީއާ ހަވާލުކުރުން
• އައްޑޫ ސިޓީގައި 30 މެގަވޮޓުގެ ކަރަންޓުގެ ކެޕޭސިޓީ ޤާއިމްކުރުމުގެ ބޮޑު މަޝްރޫޢެއް ފަށާކަން ހާމަކުރެއްވުން
• އައްޑޫ ސިޓީގައި އައްސޭރި ޓޫރިޒަމަށް 300 އެނދުގެ މަޝްރޫޢެއް ފަށާކަން ހާމަކުރެއްވުން

ސިޔާސީ ދާއިރާ:

ނިމުނު ހަފުތާގައި ސިޔާސީ ދާއިރާއިން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާއިރު، (5 ނޮވެންބަރު) ކޮލެޖު ހިންގާތާ 15 އަހަރުވުމުން ޔުނިވަރސިޓީއެއްގެ ދަރަޖަ ލިބޭގޮތަށް މަތީ ތަޢުލީމާ ބެހޭ ޤާނޫނަށް އިސްލާހު ގެނައި ޚަބަރު ފާހަގަކޮށްލެވެއެވެ. (5 ނޮވެންބަރު) އަދި އިންވެސްޓަރުންނަށް ފަހި ފުރުޞަތުތައް ހޯދައިދޭ ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލު މަޖިލީހުން ފާސްކުރީވެސް ނިމުނު ހަފުތާގައެވެ.

އެހެނިހެން ޚަބަރުތައް:

(2 ނޮވެންބަރު) އެހެނިހެން ދާއިރާތަކުން މޯލްޑިވްސް ޕޯޓސް ލިމިޓެޑް، އެމްޕީއެލްގެ ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި 2 މީހަކު ނިޔާވި ޚަބަރު ފާހަގަކޮށްލެވެއެވެ. ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި 6 މީހަކަށް އަނިޔާވެގެން ފަރުވާ ދީފައިވެއެވެ.

މި ޚަބަރުތަކާއެކު ނިމުނު ހަފުތާވެސް ފާހަގަކޮށްލެވެނީ ސިޔާސީ، އިޤުތިޞާދީ، އަދި ޢުމްރާނީ ތަރައްޤީގެ ދާއިރާއިން ގިނަ ޚަބަރުތަކެއް ސުރުޚީތަކަށް ތިލަވެގެންދިޔަ ހަފުތާއެއްގެ ގޮތުގައެވެ.