ބ. ދަރަވަންދޫ އެއަރޕޯޓުގެ ޓާމިނަލް ޖާގަ ބޮޑުކޮށް، ޚިދުމަތްތައް އިތުރުކުރުމަށްޓަކައި ޓާމިނަލް ޑިޒައިން މަސައްކަތްކޮށްދޭނެ ބަޔަކު ހޯދުމަށް ހުޅުވާލައިފިއެވެ. ދަރަވަންދޫ އެއަރޕޯޓު ތަރައްޤީ ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އައިލޭންޑް އެވިއޭޝަނާއެވެ.
ދަރަވަންދޫ އެއަރޕޯޓު ތަރައްޤީކުރުމާއި ގުޅޭގޮތުން އައިލޭންޑް އެވިއޭޝަނުން ކޮށްފައިވާ އިއުލާނުގައި، ޓާރމިނަލުގެ ޑިޒައިން މަސައްކަތާއި އެކަމަށް ކޮންސަލްޓެންސީ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކޮށް އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ނިޔަލަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.
މިމަސައްކަތުގެ ދަށުން، އެރައިވަލް ހޯލް މިހާރަށްވުރެ ބޮޑު ކުރުމާއި، ޗެކިން އަދި އެރައިވަލް ބެލްޓް އިތުރުކުރުމަށް ވަނީ ހިމަނާފައެވެ. މީގެ އިތުރުން ޑިޕާޗަރ ހޯލުގައި ކެފޭ ޖާގައެއް އިތުރު ކުރުމާއި ޑިޕާޗަރ ގޭޓް އިތުރު ކުރުމަށް މަޝްރޫޢުގައި ވަނީ ހިމަނާފައެވެ. މިހާރު ހުރި ޓަރމިނަލަށް ބޮޑު ބަދަލެއް ގެންނަން ނިންމާފައިވާއިރު ޖުމްލަ އިމާރާތް ކުރާ ޖާގައަކީ 814 އަކަމީޓަރު ކަމަށް އައިލޭންޑް އެވިއޭޝަނުން ވިދާޅުވިއެވެ.
ބ. ދަރަވަންދޫ އެއަރޕޯޓު ތަރައްޤީ ކުރުމުގެ މަސައްކަތަކީ، ރައީސުލްޖުމްހޫރިއްޔާ ރިޔާސީ އިންތިޚާބުގެ ތެރޭގައި ވެވަޑައިގެންފައިވާ ވަޢުދެކެވެ. މިމަސައްކަތް ކުރުމަށް އައިލޭންޑް އެވިއޭޝަނާއި ހަވާލުކުރަން ނިންމާފައިވާކަން އެމަނިކުފާނު ހާމަކުރެއްވީ ނިމިދިޔަ އޯގަސްޓް މަހުގެ މެދެއްހާއިރު ބ. ދަރަވަންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ދަރަވަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެ އެއަރޕޯޓު ތަރައްޤީކުރި ކުންފުންޏާ މަޝްވަރާކޮށް، އެއަރޕޯޓު އައިލެންޑު އޭވިއޭޝަނާ ހަވާލުކޮށްގެން ތަރައްްީކުރުމަށް ނިންމާފައިވާކަމަށެވެ. އަދި އެއަރޕޯޓު ތަރައްޤީކުރުމުގެ ނަތީޖާ މުޅި އަތޮޅަށާއި ދަރަވަންދޫ އަދި ރާއްޖޭގެ އިޤްތިޞާދަށް ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބ.ދަރަވަންދޫގައި އެއަރޕޯޓެއް ތަރައްޤީކޮށް، ޚިދުމަތް ދޭންފެށިތާ މިހާރު ވަނީ 14 އަހަރު ފާއިތުވެފައެވެ. 2012 ވަނަ އަހަރު ހުޅުވި އެއަރޕޯޓާއެކު ބ.އަތޮޅަށް އަންނަ ފަތުރުވެރިންނާއި އެނޫންވެސް ގިނަމީހުން އެންމެ ފުރަތަމަ ފައިބާ އެއް ރަށަކަށް ދަރަވަންދޫ ވެގެންދިޔައެވެ. މީގެ އިތުރުން އެއަރޕޯޓާއެކު އެރަށުގައި ލޯކަލް ޓޫރިޒަމް ވިޔަފާރި ފުޅާވާން ފެށިއެވެ. މިވަގުތުވެސް 400 ޓޫރިސްޓު އެނދު އެރަށުގައި ހިންގައެވެ. އެހެން ނަމަވެސް ފާއިތުވި މުއްދަތުގެތެރޭގައި އެއަރޕޯޓަށް އެއްވެސް ތަރައްޤީއެއް އައިސްފައިނުވުމުގެ ކަންބޮޑުވުން ރައްޔިތުން ފާޅުކުރެއެވެ. ދަރަވަންދޫ އެއާޕޯޓަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި އެންމެ ބާރު ބޮޑު އަދި ދުވާލެއްގެ މައްޗަށް އެންމެ ގިނަ ފްލައިޓްތައް ޖައްސާ އެއާޕޯޓެވެ.