ތަރައްްޤީ

އެއްވެސް މަޝްރޫޢެއްގެ އަސަރު އެއަރޕޯޓް އޮޕަރޭޝަންތަކަށް ނުކުރާނެ


އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި މިހާރު ކުރިއަށް ގެންދާ ބިންހިއްކުމުގެ މަޝްރޫޢުގެ ސަބަބުން، އެއަރޕޯޓުގެ އޮޕަރޭޝަންތަކަށް އެއްވެސް ބުރުލެއް ނާރާކަމަށާއި، އެއީ ވަރަށް ދުރާލައި ރާވައިގެން، ކުރަމުން އަންނަ މަސައްކަތެއް ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް، އެމް.އޭ.ސީ.އެލްގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މޫސާ ވިދާޅުވެއްޖެއެވެ.

ޢިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫއަކީ 2 ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ އެންމެ މުހިއްމު އެއް މަސައްކަތަކީ، 3400 މީޓަރު ދިގު، އަދި 65 މީޓަރު ފުޅާ އާ ރަންވޭއެއް އެއަރޕޯޓްގައި އެޅުމުގެ މަސައްކަތެވެ. އެކަމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިހާރު ދަނީ ބާރު ދުވެއްޔެގައި ކުރަމުންނެވެ.

މި މަޝްރޫޢުގެ ދަށުން އެއަރޕޯޓްގައި މިހާރު ބޭނުންކުރާ ބިމަށް %30 ޖާގަ އިތުރުކުރެވޭނެއެވެ. އެއީ 63 ހެކްޓަރުގެބިމެވެ. މި މަސައްކަތް ކުރަނީ ދުބާއީގެ މަޝްހޫރު ކުންފުންޏެއްކަމަށްވާ "ގަލްފް ކޮބްލާ" އާ ހަވާލުކޮށްގެންނެވެ. ބިން ހިއްކުމުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާލުމަކީ އެމް.އޭ.ސީ.އެލްގެ އަމާޒެކެވެ.

އާ ރަންވޭގެ މަސައްކަތްތަކާ ގުޅޭގޮތުން ޓީ.ވީ.އެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން އެމް.އޭ.ސީ.އެލްގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މޫސާ ވިދާޅުވީ، އާ ރަންވޭއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރިއަށްދާކަމަށާއި، މި މަޝްރޫޢުގެ ދަށުން މިހާރުވެސް 9 ހެކްޓަރުގެ ބިން ހިއްކާ ނިންމާފައިވާކަމަށެވެ. ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ އެއަރޕޯޓްގައި ސީޕްލޭންގެ އޮޕަރޭޝަންތައް ހިންގާ ސަރަޙައްދުގައިކަމުން، އެކުންފުނީގެ ފަރާތުން މި މަސައްކަތް ކުރަމުންދަނީ ސީޕްލޭންގެ އޮޕަރޭޝަންތަކާއި، އެއަރޕޯޓްގެ އިތުރު އެއްވެސް އޮޕަރޭޝަނަކަށް މި މަޝްރޫޢުގެ ސަބަބުން، ދަތިނުވާނެހެން ދުރާލައި ރާވައިގެންކަމަށް ޢާދިލް ވިދާޅުވިއެވެ. އަދި ބިން ހިއްކަމުންދާ ސަރަޙައްދުގެ ފަޅުގެ ބޮޑު ބަޔަކީ ގިނަ ޢަދަދެއްގެ ޔޮޓްފަހަރު އަޅާފައި ހުންނަ ސަރަޙައްދެއްކަމުން، މަސައްކަތް ކުރިއަށްދާ މިންވަރަކުން، އެ ސަރަޙައްދުން ޖާގަ ހުސްކުރުމުގެ މަސައްކަތް ކުރަމުންދާނެކަމަށެވެ.

"މިކަން ޝެޑިއުލްކުރެވިފައި އިންގޮތަށް އެބަކުރިއަށްދޭ. ހުޅުމާލޭ މިހާރު ދަތުރުކުރާ ނެރު އިން ހިސާބަށް 62 ހެކްޓަރުގެ ބިން ހިއްކިގެންދާނެ. އެހެންކަމުން އެ ސަރަހައްދަށް ވަނުމަށް އިތުރު ނެރެއްވެސް މިހާރު ކަނޑާނިމި، އެ ނެރުގެ ބޭނުންވެސް ކުރިއަށްއޮތް ދެތިން ހަފްތާތެރޭ ކުރަންފަށާނެ. މިހާރު ކުރާ މަސައްކަތަކީ އެ އޭރިއާއަކީ ވަރަށް ގިނަ ޔޮޓް ފަހަރު އަޅާފައި އޮންނަ އޭރިއާއެއް. ފަޅުގެ ބޮޑުބައެއް އެކަމަށް ބޭނުންކުރޭ. އެ އުޅަނދުތައް ނެގުމުން، ޖާގަލިބިގެން ހިއްކުމުގެ ބައި ކުރިއަށްގެންދެވޭނެ" އެމް.އޭ.ސީ.އެލްގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މޫސާ ވިދާޅުވިއެވެ.

އަލަށް ހެދުމަށް ހަމަޖެހިފައިވާ ރަންވޭއަކީ ވައިގެ އުނދުހުންތަކުގައި މިހާރު ބޭނުންކުރަމުން އަންނަ އެންމެ ބޮޑެތި އެއަރކްރާފްޓްތަކަށްވެސް ފަސޭހަކަމާއެކު ޖެއްސޭނޭހެން ފަރުމާކުރާ ރަންވޭއެއްކަމުން، ރަންވޭއަށް ބޭނުންވާ ބިން ހިއްކުމުގައި ޓެކްނިކަލް ގޮތުން ބަލަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ހުންނަކަމަށް ޢާދިލް ވިދާޅުވިއެވެ. އެހެންކަމުން އާދައިގެ ބިމެއް ހިއްކުމާއި، ރަންވޭއަކަށް ބޭނުންވާ ބިން ހިއްކުމަށް ހޭދަވާ މުއްދަތު ތަފާތުވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

"މިހާރު ރަންވޭއެއް ހިއްކާއިރު ބަލަންޖެހޭ ކަންތައްތަކާއި، އާދައިގެ ބިމެއް ހިއްކާއިރު ބަލަންޖެހޭ ކަންތައްތަކާއި ތަފާތުވާނެ. އެ ތަފަތާތަކީ ކޮމްޕެކްޝަން. މި ރަންވޭ ހެދިގެން މިދަނީ A380 އެއާބަސް މަރުކާގެ އެއަރކްރާފްޓްތަކަށް ޖެއްސޭނޭހެން. އެއީ ވަރަށް ބަރު އެއަރކްރާފްޓްތަކެއް. ހަމައެގޮތަށް ހުއްޓުމެއްނެތި އެއަރކްރާފްޓްސްތައް ޖައްސާ ތަނަކާއި، އާދައިގެ ތަނަކާއި ތަފާތުވާނެ. އެހެންވީމަ ކޮމްޕެކްޝަންވެސް އަޅުގަނޑުމެން ނޯމަލް ލޭންޑަކަށްވުރެ ވަރަށް ބޮޑުތަން ރަނގަޅުކުރަންޖެހޭ. އެހެންވީމަ ގިނަ ވަގުތުތަކެއް ނަގާނެކަމަށް މިބަލަނީ އެއަރޕޯޓެއްގެ ރަންވޭ އަޅާއިރު ހިއްކާ ހިއްކުން" އެމް.އޭ.ސީ.އެލްގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މޫސާ ވިދާޅުވިއެވެ.

އާ ރަންވޭ އެޅުމުން، މިހާރު ބޭނުން ކުރަމުންދާ ރަންވޭ ޓެކްސީވޭއަކަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. ރާންވޭގެ އިތުރުން، ކާގޯ ކޮމްޕްލެކްސްއަކާއި، ފިއުލްފާރމެއް ތަރައްޤީކުރުމަކީވެސް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ މަސައްކަތެކެވެ.

ގާތްގަނޑަކަށް 800 މިލިއަން އެމެރިކާ ޑޮލަރު ޚަރަދު ކުރައްވައިގެން ސަރުކާރުން ކުރިއަށް ގެންދަވާ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ހިންގަނީ ޗައިނާގެ ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް، ބީ.ޔޫ.ސީ.ޖީއާ ޙަވާށލުކޮށްގެންނެވެ.