ޚަބަރު

ޖޭއެސްސީގެ މެންބަރުކަމުގެ މަޤާމަށް ޙުސްނީ މުބާރިކް ޢައްޔަންކުރައްވައިފި


  • ޖޭއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވައި، އިޤްރާރުގައި ވަނީ ސޮއިކުރައްވާފައި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު، ޙުސްނީ މުބާރިކް މިއަދު ޢައްޔަންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ޙުސްނީ މުބާރިކް ވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ.

ޙުސްނީ މުބާރިކަށް މެންބަރުކަމުގެ ހުވައިލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިނެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވިކަމުގެ ލިޔުން ޙުސްނީ މުބާރިކާ ޙަވާލުކޮށްދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ޙުސްނީ މުބާރިކް ޢައްޔަންކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން، އެ މަޖިލީހުން ކަނޑައަޅާ މެންބަރެއްގެ ހައިސިއްޔަތުންނެވެ.

ޖޭއެސްސީގައި 10 މެންބަރުން ތިއްބަވާއިރު، މަޖިލީހުގެ މެންބަރުންގެ ތެރެއިން ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ މެންބަރުގެ މަޤާމު ހުސްވީ، އެ މަޤާމުގައި ހުންނެވި މާފުށީ ދާއިރާގެ މެންބަރު ޙުސައިން ރިޟާ އާދަމް އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. ޖޭއެސްސީގެ ރައީސްއަކަށް ހުންނެވީވެސް ރިޟާއެވެ. ރިޟާގެ ބަދަލުގައި ޖޭއެސްސީއަށް ޙުސްނީ މުބާރިކް އައްޔަންކުރުމަށް މަޖިލީހުން ފާސްކުރެއްވީ މިމަހުގެ 27 ވަނަ ދުވަހުއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ ދަށުން މެންބަރުކަމުގެ މަޤާމެއް ހުސްވާތާ 30 ދުވަހުގެ ތެރޭގައި އެ މީހަކު ކޮމިޝަނަށް ޢައްޔަންކުރި ފަރާތުން އެ މަޤާމަށް މީހަކު އަލުން ޢައްޔަންކުރަންޖެހޭނެއެވެ.