ޚަބަރު

ރިކޯޑް މުއްދަތެއްގެ ތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރައީސް ވަޑައިގެންފި


  • މީހުން ދިރިއުޅޭ 187 ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވި

  • 64 ރަށަކަށް ދެވަނަ ފަހަރަށް ޒިޔާރަތްކުރައްވާފައިވޭ

  • 148 ކައުންސިލަކާއި ދެވަނަ ފަހަރަށް ބައްދަލުކުރެއްވި

ވެރިކަމަށް 2 އަހަރު ނުވަނީސް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޒިޔާރަތްކުރައްވައިފިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށަކަށް ވަޑައިގެންނެވުނުކަން ރައީސް އިޢުލާންކުރެއްވީ ކ. ތުލުސްދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނު ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވާފައި މިވަނީ ވެރިކަމުގެ ފުރަތަމަ 1 އަހަރާއި 11 މަސް ތެރޭގައެވެ. މީގެ ކުރިން އެއްވެސް ވެރިއަކު މިހާ ކުރު މުއްދަތެއްގެ ތެރޭގައި ހުރިހާ ރަށަކަށް ވަޑައިގެންފައެއް ނުވެއެވެ.

ތުލުސްދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ވެރިކަމަށް ދެ އަހަރުވުމުގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދެވިއްޖެކަމަށާއި 64 ރަށަކަށް ދެވަނަ ފަހަރަށް ޒިޔާރަތްކުރެވިއްޖެ ކަމަށެވެ. އަދި ދެވަނަ ފަހަރަށް 148 ކައުންސިލަކާ ބައްދަލުކޮށްފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަބަދުވެސް ސިޔާސަތަކީ ރައްޔިތުންގެ ގާތަށް ވަޑައިގެން، ޚިޔާލު ހޯއްދަވައިގެން، ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްޤީ ގެނެސްދިނުން ކަމަށެވެ. އަދި ސަރުކާރު އިދާރާތަކުގެ ވެރިންނާއި ކައުންސިލްތަކާއި މުއައްސަސާތަކުގައި ތިބި ވެރިންގެ ގާތަށް އައިސް، ކަންކަމަށް ހައްލު ހޯދުމަށް މަސައްކަތްކުރުމަކީ އެމަނިކުފާނުގެ ސިޔާސަތުކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

"ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ބައްޓަންކުރަން ފަސޭހަވެގެންދޭ. މިސާލަކަށް ސިޓީ ފޮނުވުން. ސިޓީއަށް ޖަވާބު އަންނަން ދެން އެތައް ދުވަހަކު އެބަ މަޑުކުރަންޖެހޭ. ނަމަވެސް ރައްޔިތުންގެ ގާތަށް ދިއުމުން އަވަހަށް އެކަން ކުރެވޭ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވަޢުދުވެވަޑައިގަތީ ރައްޔިތުންގެ ގާތަށް އައިސް، ހަލުވި ދުވެލީގައި ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރިއަށްގެންދިއުމަށް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުތަކުގައި، ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. އަދި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާ، އެކި ކަންކަމުގައި ރައްޔިތުންގެ ފަރާތުން ހިއްސާކުރެއްވި ވާހަކަތައް އަޑުއެއްސެވިއެވެ.

ސަރުކާރުގެ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރީންގެ މައްޗަށް އެކުލެވޭ ވަފުދުތައް، މި ދަތުރުފުޅުތަކުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެ ވަފުދުތަކުން ވަނީ، ކޮންމެ ރަށެއްގައި މިހާރު ފަށާފައިވާ އަދި ފެށުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭ އަދާހަމަ މަޢުލޫމާތު ފޯރުކޮށްދެއްވާފައެވެ.