އައްޑޫ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ނެގި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގެ ދާއިމީ ނަތީޖާ އިޢުލާންކުރައްވައިފިއެވެ.
އައްޑޫ 3 ރަށެއްގެ ރައްޔިތުންގެ މެދުގައި އިއްޔެ ނެގި ޚިޔާލު ހޯދުމުގެ ވޯޓަކީ އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތް ބަދަލުކޮށް، އެ އަތޮޅުގެ ފޭދޫ، ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް ނެގި ވޯޓެކެވެ. އަދި މިވޯޓަކީ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވަކި ޤާނޫނެއް ހަދައިގެން، އެ ޤާނޫނުގެ ދަށުން ނެގި ޚިޔާލު ހޯދުމުގެ ފުރަތަމަ ވޯޓެވެ.
އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރެއްވި ދާއިމީ ނަތީޖާ ދައްކާގޮތުން އައްޑޫގެ ހުޅުދޫއާއި މީދޫ ރައްޔިތުންގެ އަޤްލަބިއްޔަތު ތާޢީދުކޮށްފައިވަނީ ސިޓީ ކައުންސިލުން ވަކިވެ، އެ ދެ ރަށަށް ވަކި ދެ ރަށު ކައުންސިލް އުފެއްދުމަށެވެ. ނަމަވެސް ފޭދޫ މީހުންގެ އަޤްލަބިއްޔަތު ތާއީދުކޮށްފައިވަނީ ސިޓީ ކައުންސިލާއެކު ދެމިތިބޭށެވެ.
• ފޭދޫ ރަސްމީ ނަތީޖާ:
ފެންނަކަމަށް: 616
ނުފެންނަކަމަށް: 1784
ބާތިލް ވޯޓު: 36
ވޯޓުލުމުގެ ޙައްޤު ލިބޭ: 4355
ވޯޓުލީ މީހުންގެ އަދަދު: 2436
• ހުޅުދޫ ރަސްމީ ނަތީޖާ:
ފެންނަކަމަށް: 723
ނުފެންނަކަމަށް: 329
ބާތިލް ވޯޓު: 36
ވޯޓުލުމުގެ ޙައްޤު ލިބޭ: 2874
ވޯޓުލީ މީހުންގެ އަދަދު: 1069
• މީދޫ ރަސްމީ ނަތީޖާ:
ފެންނަކަމަށް: 847
ނުފެންނަކަމަށް: 144
ބާތިލް ވޯޓު: 17
ވޯޓުލުމުގެ ޙައްޤު ލިބޭ: 2347
ވޯޓުލީ މީހުންގެ އަދަދު: 1008
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު ވިދާޅުވީ އައްޑޫ ވޯޓާ ގުޅިގެން ޝަކުވާ ހުށައެޅުމަށް އޮންނަ ކޮމްޕްލަޔަންސް ބިއުރޯގައި އެއްވެސް ޝަކުވާއެއް ރަޖިސްޓްރީކޮށްފައިނުވާ ކަމަށެވެ. ވޯޓު ކަންކަން ކުރިއަށްދިޔައީ ވަރަށް އަމަން އޮމާންކޮށް ކަމަށާއި މޮނިޓަރުންގެ ފަރާތުންވެސް ފުރިހަމަ އެއްބާރުލުން ލިބުނުކަމަށް ޢަބްދުއްރަޙްމާން ޞަލާޙް ވިދާޅުވިއެވެ.
އައްޑޫގެ ރަށްރަށުގެ މެދުގައި ވަކި ކައުންސިލްތަކެއް އުފެއްދުމާ މެދު ވޯޓެއް ނެގީ ބައެއް ރަށްރަށުން މައި އައްޑޫ ސިޓީ ކައުންސިލުން ވަކިވެ، ވަކި ރަށު ކައުންސިލެއް އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާގެ ކިބައިން އެދިފައިވާތީއެވެ. ނަމަވެސް މި ވޯޓުގައި ސަރުކާރުން ވަކި ގޮތަކަށް ތާޢީދުކޮށް، ވަކާލާތުކޮށްފައެއް ނުވެއެވެ.