ޚަބަރު

ހަމަހަމަކަން ކަށަވަރު ނިޝާން: އިދާރާތަކުން ކުރާ މަސައްކަތުގެ އަގުވަޒަންކުރެވޭނެ


  • ސީލްއަށް އެދި ހުށަހެޅޭނީ 21 ޑިސެންބަރުގެ ނިޔަލަށް

  • މިނިޝާން ހުޅުވާލާފައިވަނީ ތިން ލެވެލްއަކަށް

  • ވަޒަންކުރުމުގައި މައިގަނޑު 6 ބަޔަކަށް ރިޢާޔަތްކުރެވޭނެ

ހަމަހަމަކަން ކަށަވަރު ނިޝާން ނުވަތަ "ޖެންޑަރ އީކުއަލިޓީ ސީލް"އާއެކު މިންތީގެ ހަމަހަމަކަން ކަށަވަރުކުރުމަށް އިދާރާތަކުން ކުރާ މަސައްކަތްތައް ބަލައިގަންނަ މިންވަރު އިތުރުވާނެކަމަށް އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ވަޒީފާގެ މާހައުލުގައި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް މިންގަނޑުތައް ކަނޑައަޅާ، މި މިންގަނޑުތަކަށް ފެތޭ އިދާރާތަކުން ހަމަހަމަކަން ކަށަވަރު ނިޝާން ނުވަތަ "ޖެންޑަރ އީކުއަލިޓީ ސީލް"އަށް އެދި ހުށަހެޅުމުގެ ފުރުޞަތު 21 ޑިސެންބަރުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަމުން އިޖްތިމާއި އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ލީޑް ޗައިލްޑް ޕްރޮޓެކްޝަން އޮފިސަރ އާމިނަތު ރިޝްމީ އާމިރު ވިދާޅުވީ ހަމަހަމަކަން ކަށަވަރު ނިޝާން ނުވަތަ "ޖެންޑަރ އީކުއަލިޓީ ސީލް"އަކީ ދައުލަތުގެ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުގައި މިންތީގެ ހަމަހަމަކަން ކަށަވަރު ކުރުމަށް ކުރާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނާއި، މިންތީގެ ހަމަހަމަކަމަށް ބާރުއެޅުމާއި، ހަމަހަމަކަން ކަށަވަރުކުރުމަށް އިދާރާތަކަށް ހިތްވަރު ދިނުމުގެ ގޮތުން ޤައުމީ ފެންވަރުގައި ދިނުމަށް އެކުލަވާލާފައިވާ ނިޝާނެއްކަމަށެވެ. އެގޮތުން މި ނިޝާން ހުޅުވާލާފައިވަނީ ތިން ލެވެލްއަކަށެވެ. އެއީ ބްރޮންޒް، ސިލްވަރ އަދި ގޯލްޑް ލެވެލްއެވެ.

ރިޝްމީ ވިދާޅުވީ ހަމަހަމަކަން ކަށަވަރު ނިޝާނަށް އެދި ހުށަހަޅާ ފަރާތްތައް ވަޒަންކުރުމުގައި މައިގަނޑު 6 ބަޔަކަށް ރިޢާޔަތްކުރެވޭނެކަމަށެވެ. އެއީ ޒިންމާދާރު ގޮތުގައި ޖެންޑަރ އީކުއަލިޓީއަށް ކަންކަން ކަނޑައެޅުމުގައި އިދާރާތަކުގެ އޮނިގަނޑުގައި މިކަމަށް ރިޢާޔަތްކޮށްފައިވާ މިންވަރާއި، މިންތީގެ ހަމަހަމަކަމަށް ރިޢާޔަތްކޮށް އިދާރާގެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅާފައިވާ މިންވަރު އަދި އިދާރާތެރޭގައި މިންތީގެ ހަމަހަމަކަމަށް ރިޢާޔަތްކޮށް ބާރުދޭ މިންވަރުގެ އިތުރުން އިދާރާއިން ދޭ ޚިދުމަތްތަކާއި ހިންގާ ޕްރޮގްރާމްތަކުގައި މިންތީގެ ހަމަހަމަކަމަށް ރިޢާޔަތްކޮށްފައިވާ މިންވަރުއެވެ.

މީގެއިތުރުން ޕްރޮގްރާމްތައް ހިންގުމުގައި ތަފާސް ހިސާބުތަކަށް ރިޢާޔަތްކޮށް މިންތީގެ ހަމަހަމަކަން ކަށަވަރުކުރުމަށް ބާރުއަޅާ މިންވަރާއި މިންތީގެ ހަމަހަމަކަން ކަށަވަރުކުރުމަށް އެކަމާއި ގުޅުންހުރި އެހެނިހެން އިދާރާތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކުން މަސައްކަތްކުރާ މިންވަރަށްވެސް ބެލޭނެކަމަށް ރިޝްމީ ވިދާޅުވިއެވެ.

ރިޝްމީ ވިދާޅުވީ ޖެންޑަރ އިކުއަލިޓީއަކީ ބައިނަލްއަޤްވާމީ ގޮތުން ބަލާއިރުވެސް ވަރަށް ބޮޑަށް ބަލައިގަންނަ ދާއިރާއެއްކަމަށެވެ. އެގޮތުން މި ނިޝާން ލިބުމުން އެ އިދާރާއަކުން މިންތީގެ ހަމަހަމަކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތްތަކަށް ވަރަށް ބޮޑައް ފައިދާކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

" ޖެންޑަރ އިކުއަލީޓިއަކީ ބައިނަލްއަޤްވާމީ ގޮތުން ބަލާއިރުވެސް އެ އިދާރާއަކުން ކުރާ މަސައްކަތް ވަރަށް ބޮޑަށް ބަލައިގަންނަ ދާއިރާއެއް. އިދާރާތަކުން މަސައްކަތް ކުރާއިރު އެއް އޭރިޔާ ކަނޑައަޅާ އެއް އޭރިޔާ ކޮންމެ ޕްރޮގްރާމެއްގައި ކޮންމެ ޕްރޮޖެކްޓެއްގައިވެސް މިންތީގެ ހަމަހަމަކަމަށް ކުރެވޭ މަސައްކަތް، ނިޝާން ހުރުމަކީ އެމީހުންނަށް ކުރާނެ ވަރަށް ބޮޑު ފައިދާއެއް" ރިޝްމީ ވިދާޅުވިއެވެ.

ރިޝްމީ ވިދާޅުވީ މިނިޝާން ހޯދުމަށް ސަރުކާރުގެ އިދާރާތަކާއި ރާއްޖޭގައި ރަޖިސްޓްރީވެ 1 އަހަރުވެފައިވާ ކުންފުނިތަކާއި، މުއައްސަސާތަކަށް ހުށައެޅޭނެކަމަށެވެ. އަދި ހުށަހަޅާ ފަރާތްތަކުން މިކަން އިދާރީގޮތުން ބަލާ އޮނިގަނޑެއް އޮންނަންވާނެކަމަށް ވިދާޅުވިއެވެ. ޖެންޑަރ އީކުއަލިޓީ ސީލްއަށް އެދި ހުށަހެޅުމަށް ކޮންމެ އިދާރާއަކުންވެސް ހުށަހަޅަން ބޭނުންވާ ލެވެލްއެއްގެ އެސެސްމަންޓް ފޯމް ފުރިހަމަކުރުމަށްފަހު އެ ފޯމަކަށް މަދުވެގެން 50 އިންސައްތަ މާކްސް ލިބިއްޖެނަމަ އެލެވެލްއެއްގެ ސީލްއަށް ހުށަހެޅޭނެއެވެ.

ދައުލަތުގެ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުގައި މިންތީގެ ހަމަހަމަކަމަށް ބާރު އެޅުމުގެ ގޮތުން، ޤައުމީ ފެންވަރުގައި "ހަމަހަމަކަން ކަށަވަރު" ނިޝާން ތަޢާރަފުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވާފައިވަނީ 24 ޑިސެންބަރު 2023 ގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ. މިނިޝާނަކީ ޖެންޑަރ އީކުއަލިޓީ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭންގައިވާ އިދާރާތަކުން ކުރާ މަސައްކަތް މެއިންސްޓްރީމްކުރުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް ވެގެންދާނެއެވެ.