ޚަބަރު

ޖުލައިމަހަށް ނިންމާގޮތަށް 35 ކައުންސިލެއްގެ އައު އިމާރާތުގެ މަސައްކަތް މިމަހު ފަށަނީ


  • 20 ރަށެއްގެ ކައުންސިލް އިމާރާތުގެ އަމަލީ މަސައްކަތް މިހާރު ދަނީ ކުރިއަށް

55 ކައުންސިލްގެ އައު އިމާރާތް އެޅުމުގެ މަސައްކަތުގެ ދަށުން 35 ކައުންސިލެއްގެ ޢަމަލީ މަސައްކަތް މިމަހު ފަށާނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވަޒީރު ޢާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން 55 ކައުންސިލް އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން، އާރުސީސީއަށެވެ.

ކައުންސިލް އައު އިމާރާތްތައް ތަރައްޤީކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ޢާދަމް ޝަރީފް ޢުމަރު ވިދާޅުވީ 55 ކައުންސިލް އިދާރާގެ ތެރެއިން 20 ރަށެއްގެ ކައުންސިލް އިމާރާތުގެ އަމަލީ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާކަމަށެވެ. އަދި ބާކީ 35 ކައުންސިލްގެ އަމަލީ މަސައްކަތް މި މަހު ފަށާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މިދިޔަ ހަފްތާގައި ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު އާދަމް ޝަރީފް ވިދާޅުވީ ކައުންސިލްތަކުން ފޯރުކޮށްދޭ ޚިދުމަތްތައް އެންމެ ރަނގަޅަށް ފޯރުކޮށްދެވޭނީ ރަނގަޅު މާހައުލެއް ޤާއިމްކުރެވިގެންކަމަށެވެ. އަދި ކައުންސިލްތައް އިމާރާތް ކުރުމުގެ މަޝްރޫޢަކީ މިހާރު ހުރި ކައުންސިލް އިމާރާތްތަކަކީ ދުވަސްވެފައިވާ އިމާރާތްތަކެއްކަމަށްވުމުން އެކަންކަން ރަނގަޅު ކުރުމަށްޓަކައި ކުރިއަށްގެންދާ މަޝްރޫޢުއެއްކަމަށް ވަޒީރު ވިދާޅުވިއެވެ

ވަޒީރު ވިދާޅުވީ އާރުސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތްތައް ބާރަށް ކުރިއަށްގެންދެވޭކަމަށާއި މި މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނިންމުމަށް އަމާޒު ހިފާފައިވާކަމަށެވެ.

" 55 ކައުންސިލް އެއްފަހާރާ މަސައްކަތް ފަށާއިރު ބޭނުންވާ ތަކެތި ރަށްރަށަށް ފޮރުކޮށްދިނުމާ ސަބް ކޮންޓްރެކްޓަރުން ހޯދުމުގެ މަސައްކަތް އާރްސީސީން ވަރަށް ބޮޑަށް ކުރިއަށް ގެންދޭ. މިހާރު ސަބް ކޮންޓްރެކްޓަރ ނުލިބި އޮތީ 3 ރަށް. ގިނަ ރައްތަކުގައި މިހާރު ތަކެތި ހޯދާ މަސައްކަތްތަކަށް ތައްޔާރުވެފައިވަނީ ." ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު ޢާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.

އާރްސީސީއާ ހަވާލުކޮށްގެން 55 ކައުންސިލް އިމާރާތް ކުރުމުގެ މަސައްކަތް ފަށާފައިވާއިރު އިތުރު 50 ކައުންސިލެއް ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ތަރައްޤީކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ބާވެ ވީރާނާވެފައިވާ ކައުންސިލް ޢިމާރާތްތައް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން 100އަށް ވުރެ ގިނަ ރަށުގައި މި ދައުރުގެ ތެރޭގައި ކައުންސިލް ޢިމާރާތް އެޅުމަށް ހަމަޖެހިފައިވެއެވެ. މި މަޝްރޫޢާއެކު ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރެވި، ރަށްރަށުގެ ކުރިއެރުމަށް މަސައްކަތްކުރުމަށް ކައުންސިލްތަކަށް ތަނަވަސް ފުރުޞަތުތަކެއް ފަހިވާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.