ޚަބަރު

ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ ރައްޔިތުންގެ ގެދޮރާއި މުދަލަށް ގެއްލުން ދެނީ


ހުޅަނގު އައްސޭރީގައި، ޔަހޫދީންގެ އަނިޔާވެރިކަން އަނެއްކާވެސް އިތުރުކޮށް، ފަލަސްޠީނުގެ ރައްޔިތުންގެ ގެދޮރާއި މުދަލުގައި ރޯކޮށް ގެއްލުން ދެމުންދާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ މައްޗަށް އަތްގަދަކުރަން، ފަލަސްޠީނުގެ ރައްޔިތުންގެ ގެދޮރާއި މުދަލަށް ގެއްލުންދީ، ގެދޮރު ދޫކުރަން މަޖުބޫރުކުރުވަން ޔަހޫދީން ދަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުންނެވެ.

މިގޮތުން، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި، ހުޅަނގު އައްސޭރީގެ އެކި އަވަށްތަކުގައި ގިނަ އަދަދެއްގެ ގެދޮރާއި ވެހިކަލްތަކުގައި ރޯކޮށް، ގެއްލުން ދީފައިވާކަމަށް ފަލަސްޠީނުގެ ވަފާ ނޫހުން ބުންޏެވެ.

ޔަހޫދީ ވަޒަންވެރިން ކުޑަކުއްޖަކަށް ވެސް ތޫނު އެއްޗަކުން ޙަމަލާދީ ޒަޚަމްކޮށްލާފައިވާކަމަށް ވެސް އެ ނޫހުން ބުނެފައިވެއެވެ.

އަދި ޔަހޫދީ ވަޒަންވެރިންގެ އަނިޔާވެރިކަމުން ސަލާމަތްވާން މަސައްކަތް ކުރި ފަލަސްޠީނުގެ ރައްޔިތުންގެ ތެރެއަށް ޔަހޫދީންގެ ނިރުބަވެރި ފައުޖުން ކަރުނަ ގޭސް ޖަހާފައިވާކަމަށް ވެސް ބުންޏެވެ.

ކަރުނަ ގޭހުގެ އަސަރު ކޮށްގެން ދެ މީހަކަށް ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންދަންޖެހުނު ކަމަށް އެ ނޫހުން ބުނެފައިވެއެވެ.

މީގެއިތުރުން، ނަމާދުކޮށް މިސްކިތަކުން ފޭބި ބައެއްގެ ތެރެއަށް ވެސް ޔަހޫދީ ސިފައިން ކަރުނަ ގޭސް ޖަހައި، އެއް ބަޔަކު މިސްކިތް ތެރޭގައި ބަންދުކުރި ކަމަށް ފަލަސްޠީނުގެ ރެޑް ކްރެސެންޓުން ބުންޏެވެ.

2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދޭން ފެށިފަހުން ޔަހޫދީން އިސްތިޢުމާރު ކޮށްފައިވާ ހުޅަނގު އައްސޭރިން ހައްޔަރުކުރި ފަލަސްޠީނުގެ ރައްޔިތުންގެ ޢަދަދު ވަނީ 23،000އަށް އަރައިފައެވެ.

ޞަހްޔޫނީން ފަލަސްޠީނުގެ ބިންތައް ފޭރިގަނެ، އެ ޤައުމުގެ ރައްޔިތުން އިސްތިޢުމާރު ކޮށްފައި ވަނީ 1967 ވަނަ އަހަރުއެވެ. އަދި، 2023 އޮކްޓޫބަރުގައި ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދުކުރުމަށް ފެށި ޤަތުލުޢާންމާ އެކު، ހުޅަނގު އައްސޭރީގެ ބިންތައް ފޭރިގަތުމަށް ހިންގަމުންދިޔަ ޖަރީމާތައް ވަނީ އިތުރުކޮށް، ފުޅާކޮށްފައެވެ.