ޚަބަރު

"ރައީސް 2 އަހަރުން ކާމިޔާބުކުރެއްވީ ކުރީ ސަރުކާރުތަކަށް ނުކުރެވުނު ކަމެއް"


  • ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ކެނޑިނޭޅި ދަނީ މަސައްކަތް ކުރަމުން

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް 2 އަހަރު ދުވަހުގެ ތެރޭގައި އަދުގެ ސަރުކާރުން ހާސިލްކުރެއްވީ މީގެ ކުރީ ސަރުކާރުތަކަށް ހާސިލު ނުކުރެވުނު ކާމިޔާބީއެއް ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، "އޮޕަރޭޝަން ކުރަނގި"ގައި ލިބިފައިވާ ކުރިއެރުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓަކާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައެވެ.

ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސައްޙަކަން ކަށަވަރު ކުރެވިފައިވާ އެކްޓިވް ވޯކްޕަރމިޓުގައި މިވަގުތު ރާއްޖޭގައި ތިބެގެން މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން %98 މީހުން ބަޔޯމެޓްރިކަލީ ކާކުކަން ދެނެގަނެވޭނެ ގޮތަށް 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ ނަގައި ނިމިފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި އަދަދު 17 ނޮވެމްބަރު 2023 ގައި ހުރީ %13 ކަމަށެވެ. ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރާ މި މަސައްކަތުގައި ކުރިއަށް އޮތް 6 މަސް ދުވަހު ކުރެވޭނެ މަސައްކަތަކީ ބާކީ ތިބި މީހުން ހޯދާ ރާއްޖެއިން ޑިޕޯޓުކުރުމުގެ ޚާއްސަ މަސައްކަތްތައް ކަމަަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅިވިއެވެ.

ރައީސްގެ މި ޕޯސްޓާ ގުޅިގެން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ވުޒާރާއާއި ކަމާއި ގުޅުންހުރި އިދާރާތަކާ ހަވާލުކުރެއްވި މަސައްކަތް ކާމިޔާބު ކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އެގޮތުން ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި މި އޮޕަރޭޝަންގައި ކުރިއެރުން ހާސިލްކުރުމަށް މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ސަރުކާރުން ދެ އަހަރު ދުވަހުގެ ތެރޭގައި ބިދޭސީންގެ މައްސަލައިގައި ހޯދާފައިވާ ކުރިއެރުމަކީ ކުރީގެ އެއްވެސް ސަރުކާރަކަށް ކާމިޔާބު ނުކުރެވުނު ކުރިއެރުމެއް ކަމަށެވެ. އެހެންވެ ވަޒީރު ވަނީ އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެފައެވެ.