ޚަބަރު

ކާބޯތަކެތީގެ ހަގީގީ މަންފާ ސިއްޙަތަށް ލިބޭނީ ރައްކާތެރި ދަނޑުވެރި ނިޒާމެއް ޤާއިމުކުރެވިގެން: ފަސްޓް ލޭޑީ


  • ދަނޑުވެރިންގެ ދުވަހުގެ ތަހުނިޔާ ދާއިރާގެ ހުރިހާ ފަރާތްތަކަށް ފޮނުއްވެވި

ކާބޯތަކެތީގެ ހަގީގީ މަންފާ ސިއްޙަތަށް ލިބޭނީ، ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ ދަނޑުވެރި ނިޒާމެއް ޤާއިމު ކުރެވިގެންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދަނޑުވެރިންގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ގަސްގަހާގެހިން ލިބޭ އުފެއްދުންތަކުގެ ހަގީގީ މަންފާ ޞިއްޙަތަށް ލިބޭނީ، ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ ދަނޑުވެރި ނިޒާމެއް ޤާއިމު ކުރެވިގެން ކަމަށެވެ. ދިވެހި ބިންތަކުގައި، ޞިއްޙަތަށް އެންމެ ފައިދާހުރި ކާނާ ހޯދޭ ގޮތަށް ދަނޑުވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތްތަކުގެ އަގު ޝުކުރުވެރިކަމާއެކު ވަޒަން ކުރައްވާ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

އެކަމަނާ ވަނީ ދަނޑުވެރިންގެ ދުވަހުގެ ތަހުނިޔާ ދަނޑުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ފޮނުއްވާފައެވެ.

އޮކްޓޫބަރުމަހުގެ 15 ވަނަ ދުވަސް ރާއްޖޭގައި ފާހަގަކުރަމުން އަންނަނީ ދަނޑުވެރީންގެ ދުވަހުގެ ގޮތުގައެވެ. މިއަހަރުގެ މިދުވަހުގެ ޝިއާރު ގުޅުވާފައިވަނީ ރަނގަޅު ކާނާއާއި ފަހި ކުރިމަގަކަށް އެންމެން އަތުގުޅާލުމުގެ މުހިންމުކަމުގެ މައްޗަށެވެ.

ދަނޑުވެރިކަމަކީ ވަކި ސިނާޢަތެއްގެ ގޮތުގައި ކުރިއެރުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ ސިޔާސަތެކެވެ. އެގޮތުން ދަނޑުވެރިކަމުގެ ކަންކަމަށް ވަކި ޚާއްސަ ވުޒާރާއެއް އުފައްދަވާ، ދަނޑުވެރިންނަށް ބޭނުންވާ ތަމްރީނާއި، އާލާތްތަކާއި، އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. މީގެ އިތުރުން، ދަނޑުވެރިކަމުގެ އުފެއްދުންތައް މާކެޓްކުރުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމަށްވެސް ސަރުކާރުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.