ޚަބަރު

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޚިދުމަތްތައް މާދަމާއިން ފެށިގެން އައު ޓަރމިނަލަށް!


  • އައު ޓަރމިނަލްއަށް ޚިދުމަތްތައް ބަދަލުކުރަނީ އޮރާޓާ ޕްރޮސެސްގެ ތެރެއިން

  • އައު ޓަރމިނަލް ރަސްމީކޮށް ހުޅުވަނީ ނޮވެމްބަރު 9 ވަނަ ދުވަހު

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އޮޕަރޭޝަންސްތައް މާދަމާ އިން ފެށިގެން އައު ޓަރމިނަލްއަށް ބަދަލުކުރުމަށް ނިންމައިފިއެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 9 ވަނަ ދުވަހުގައެވެ.

އުތުރުގެ ފަތުރުވެރިކަމާއި ތަރައްޤީއާއި ގުޅިފައިވާ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ހިންގުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިެޓެޑް، އެމްއޭސީއެލްއާ ހަވާލުކުރައްވަފައިވާއިރު އެކުންފުނިން އަންނަނީ ނޮވެމްބަރު މަހު ރަސްމީކޮށް އެއަރޕޯޓު ހުޅުވުމަށް ތައްޔާރުވަމުންނެެ.

އެމްއޭސީއެލްއިން ވިދާޅުވީ، އެއަރޕޯޓު ރަސްމީކޮށް ހުޅުވުމަށް ވަމުންދާ ތައްޔާރީގެ ތެރެއިން މިހާރު ބޭނުންކުރަމުން އަންނަ ބައު ޓަރމިނަލްގެ އޮޕަރޭޝަންތައް ބުދަ ދުވަހުން ފެށިގެން އައު ޓަރމިނަލްގެ ތިރީ ފަންގިފިލާއަށް ބަދަލުކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

މިބަދަލަކީ ސިވިލް އެވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ އެއްގޮތަށް، ކޯޑް ސީގެ މަތިންދާބޯޓުތައް ޖެއްސުމަށްޓަކައި ގެންނަންޖެހޭ ބަދަލެކެވެ. އެގޮތުން ކޯޑް ސީގެ މަތިންދާ ބޯޓު ޖެއްސޭނީ މުޅި ރަންވޭ ބޭނުންކޮށްގެން ކަމުގައިވާތީ، ރަންވޭގެ ކްލިއަރެންސް ހޯދުމަށްޓަކައި، ރަންވޭއާއި އިންވެގެން ހުރި ކުރީގެ ޓަރމިނަލް އިމާރަތާއި، އުސްތަންތަން ހުސްކުރަންޖެހެއެވެ. އެހެންކަމުން ބައު ޓަރމިނަލް އިމާރާތުގައި ދެމުންދިޔަ ޚިދުމަތްތައް އައު ޓަރމިނަލްއަށް، އޮރާޓާ ޕްރޮސެސްގެ ތެރެއިން ބަދަލުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ރަސްމީކޮށް ހުޅުވުމަށްޓަކައި، ޓަރމިނަލްގެ ޚިދުމަތްތަކާއި ޕްރޮސީޖާތައް ތައްޔާރުކުރުމާއި އިކުއިޕްމަންޓް އަދި މެޝިނަރީސް ޓެސްޓުކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. އަދި އައު ޓަރމިނަލްގެ ޚިދުމަތް ދިނުމަށް ބޭނުންވާ މުވައްޒަފުން ތަމްރީނުކުރުމާއި ބައިނަލްއަޤުވާމީ އަދި ސިވިލްއެވިއޭޝަންގެ މިންގަނޑުތަކަށް އެއަރޕޯޓުގެ އޮޕަރޭޝަންސްތައް ފެއްތުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.

ހަނިމާދޫ އިންޓްރނޭޝނަލް އެއަރޕޯޓުގައި ތަރައްޤީކޮށްފައިވަނީ 2465 މީޓަރުގެ ދިގު، ކޯޑް ސީގެ އެންމެ ބޮޑެތި މަތިންދާބޯޓުކަމަށްވާ ބޮއިން 737 އާއި އެއަރބަސް A320ގެ ބޯޓުތައް ޖެއްސޭ ފެންވަރުގެ ރަންވޭއެކެވެ. އެންމެ ޒަމާނީ އަދި ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދޭފަދަގޮތަކަށް ތަރައްޤީކުރަމުން އަންނަ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ އަހަރަކު 1.3 މިލިއަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭ ފެންވަރުގެ އެއަރޕޯޓެކެވެ. އިންޑިއާގެ ޖޭއެމްސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. މިމަޝްރޫޢަކީ 136.6 މިލިއަން ޑޮލަރުގެ މަޝްރޫޢެކެވެ.