ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ ޕާކިސްތާނުގެ ވަގުތީ ރައީސް، ޔޫސުފް ރަޒާ ގިލާނީގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ޒިޔާރަތަކީ ޕާކިސްތާނުގެ ވެރިރަށް، އިސްލާމްއާބާދަށް މަޖިލީހުގެ ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުރެއްވި ޒިޔާރަތެކެވެ.
ޕާކިސްތާނުގެ ވަގުތީ ރައީސްގެ ގޮތުގައި މިހާރު ހުންނެވި ޔޫސުފް ރަޒާ ގިލާނީއަކީ އެ ޤައުމުގެ ސެނެޓުގެ ޗެއަރމަނެވެ. ރައީސްގެ ހުރިހާ ބާރުތަކަކާ އޭނާ ހަވާލުވީ ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީ ޗައިނާއަށް ދަތުރުފުޅެއް ކުރައްވަމުން ގެންދަވާތީއެވެ.
މި ބައްދަލުވުމުގައި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ ރާއްޖެއާއި ޕާކިސްތާނާ ދެމެދުގައިވާ ޒަމާންވީ އެކުވެރިގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މި ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން ވާހަކަފުޅުދައްކަވާފައެވެ. އަދި އެކި ދާއިރާތަކުން، ޚާއްޞަކޮށް ތަޢުލީމާއި ޞިއްޙީ ދާއިރާއާއި ވިޔަފާރީގެ ރޮގުން ޕާކިސްތާނުގެ ސަރުކާރުން ރާއްޖެއަށް ވެދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް ޕާކިސްތާނުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވައި، މަޖިލީހުގެ އިމާރާތަކީ ދެ ޤައުމުގެ ވަރުގަދަ ގުޅުމުގެ ރަމްޒެއްގެ ގޮތުގައި މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި، ޣައްޒާގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ލާއިންސާނީ އަނިޔާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، ރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްޠީނާ އެކުގައިކަމަށް ވިދާޅުވިއެވެ. އަދި، ބައިނަލްއަޤްވާމީ މައިދާނުގައި ހުއްޓުމެއް ނެތި ދިވެހިރާއްޖެއިން ފަލަސްތީނަށް ތާއީދު ކުރުންމަތީ ދެމިތިބޭނެކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުވުން ނިންމާލައްވަމުން، ޕާކިސްތާނު ސަރުކާރުން އެ މަނިކުފާނަށާއި ވަފުދުގެ ބޭފުޅުންނަށް އަދާކުރެއްވި މެހެމާންދާރީއަށް ޝުކުރުއަދާކުރެއްވިއެވެ. އަދި، ދިވެހިރާއްޖެއާއި ޕާކިސްތާނަކީ ސަގާފީ އަދި ދީނީގޮތުން އެއްބައިވަންތަ ދެ ޤައުމުކަން ފާހަގަކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ބަދަހި ގުޅުމުގެ ސަބަބުން، މިފަދަ އިސްލާމީ ޤައުމުތަކުގެ މެދުގައި ސުލްޙަ މަސަލަސްކަމާއި، ތަރައްޤީއާއި، އެއްބައިވަންތަކަން ދެމެހެއްޓުމަށް މަގުފަހިވާކަންވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މިމަހުގެ 16 އިން 20 އަށް ކުރައްވާ މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދާއި މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކާއި ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު އަދި ހުޅުމާލެ މެދު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަޛީމް ބައިވެރިވެވަޑައިގަންނަވައެވެ.