ޓޭބަލް ޓެނިސް ވޯލްޑް ޗެމްޕިއަންޝިޕް 2026 ގެ ސައުތު އޭޝިއަން ރީޖަނަލް ކޮލިފިކޭޝަން މުބާރާތުގައި ވާދަކޮށް ލޯ މެޑަލް ހާސިލްކުރި ރާއްޖޭގެ ގައުމީ އަންހެން އަދި ފިރިހެން ޓޭބަލް ޓެނިސް ޓީމުން އުންމީކުރީ މުބާރާތުގެ ދެވަނަ ހޯދުމަށް ކަމަށާއި އެހެންނަމަވެސް ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތްހަމަ ޖެހޭ ކަމަށް ގައުމީ ޓީމުގެ ކޯޗު ބުނެފިއެވެ.
މުބާރާތުގެ 3 ވަނަ ހޯދި ޓީމާއެކު އެނބުރި މާލެ އައިސް ޕީއެސްއެސް ނިއުސްއާއި މުބާރާތުގެ ތަޖްރިބާ ހިއްސާކުރަމުން ކޯޗު މަހްދީ ކޮޝްމަރަމް ބުނީ މިއީ ވަރަށް ވަރުގަދަ ކުޅުންތެރިންނާއި ވާދަކުރި މުބާރާތެއްކަމަށާއި އެހެންނަމަވެސް ރާއްޖޭގެ ކުޅުންތެރިން ވަރަށް ރަނގަޅު ކުޅުމެއް ދެއްކި ކަމަށެވެ.
ޓީމުގެ މެނޭޖަރ އަހުމަދު ޝާޒިލް ބުނީ ވޯލްޑް ޗެމްޕިއަންޝިޕް ކޮލިފައިންގައި ވާދަކުރި ޓީމުގެ އުންމީދަކަށްވީ މުބާރާތުން ދެވަނަ ހޯދުން ކަމަށް، އެހެންނަވެސް ތިންވަނަ ލިބުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. ސަބަބަކީ މީގެ ކުރިން ރާއްޖެއަށް ބަލި ކުރެވިފައި ނުވާ ދެ ޓީމު ކަމަށްވާ ސްރީލަންކާއާއި ބަނގްލަދޭޝް ބަލިކުރެވުމަކީ ރާއްޖެއަށް ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
މި މުބާރާތުގައި ވާދަކުރި ކުޅުންތެރިންގެ ތެރެއިން ފާތިމަތު ދީމާ އަލީ ބުނީ މި މުބާރާތުން ވަރަށް ގިނަ ކަންކަން ދަސްވި ކަމަށާއި، މި ސަރަހައްދުގެ އެންމެ ވަރުގަދަ އިންޑިއާ އާއި އެކު މި ކޮލިފިކޭޝަނގައި ވާދަކުރަން ލިބުމުން އެ ކުޅުންތެރިންގެ ކިބައިން ވަރަށް ގިނަ ކަންކަން ދަސްވި ކަމަށެވެ. އަދި މިއީ ކުރިޔަށް ހުރި މުބާރާތްތަކަށް ތައްޔާރުވުމަށް ލިބުނު ރަނގަޅު ތަޖްރިބާއެއް ކަމަށެވެ.
ފިރިހެން ޓީމުގެ ކުޅުންތެރިންގެ ފަރާތުން މޫސާ މުންސިފް އަހުމަދު ބުނީ މުބާރާތުގައި ހުރިހާ ކުޅުންތެރިންވެސް ވަރަށް ރަނގަޅަށް ޕާފޯމް ކުރިކަމަށާއި، މި ދެވުނީ ކުރިން ނުދެވޭ ހިސާބަކަށް ކަމަށެވެ. އެހެންކަމުން މިއީ ބޮޑު ކާމިޔާބީއެއް ކަމާއި އުންމީދަކީ ކުރިޔަށް އޮތް ތަނުގައި މިރީޖަނުގެ ދެވަނަ ހޯދުން ކަމަށް މުންސިފް ބުންޏެވެ.
ސައުތު އޭޝިއަން ރީޖަނަލް ކޮލިފިކޭޝަން މުބާރާތުގައި ވާދަކޮށް ލޯ މެޑަލް ހާސިލްކުރި ކުޅުންތެރިން ވަނީ މިއަދު މާލެ އައިސްފައެވެ. ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ޓީމަށް މަރުހަބާ ދަަންނަވާ ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް އާއި ކުޅިވަރު ވުޒާރާގެ ބައެއް އިސްވެރިންނާއި އޮލިމްޕިކް ކޮމިޓީގެ އިސް ބޭފުޅުން ވަނީ ޓީމާ ބައްދަލުކުރައްވާފައެވެ.
އަދި ޓީޓީ ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވުމަށް ކުޅުންތެރިން ދެއްކި ހިތްވަރު ފާހަގަކުރައްވާ ކުރިޔަށް ހުރި މުބާރާތްތަކުން މިއަށްވުރެ ރަނގަޅު ކާމިޔާބީއެއް ހޯދުމަށް ސްޕޯޓްސް ކޮމިޝަނަރ ވަނީ ކުޅުންތެރިންނަށް ހިތްވަރު ދެއްވާފައެވެ.
ޖުލައި މަހުގެ 30 އިން 31 އަށް ނޭޕާލްގައި ކުރިޔަށްދިޔަ މި ކޮލިފިކޭޝަންގައި ވާދަކުރީ ރާއްޖެ އާއި އާއި އިންޑިއާ އާއި ނޭޕާލް އާއި ބަނގްލަދޭޝް އަދި ސްރީލަންކާއެވެ.
އަންހެން ޓީމުތަކުން ވާދަކުރި މެޗުތަކުގެ ތެރެއިން ރާއްޖެއިން ސްރީލަންކާއާއި ދެކޮޅަށް ކުޅުނު މެޗު 3-1 ސެޓުން ކާމިޔާބުކުރީ ސްރީލަންކާއިންނެވެ. އިންޑިއާއި ރާއްޖެ ބައްދަލުކުރި މެޗު 3-0 ސެޓުން ކާމިޔާބުކުރީ އިންޑިއާއިންނެވެ. ރާއްޖެ އާއި ބަނގްލަދޭޝް ބައްދަލުކުރި މެޗު 3-1 ސެޓުން ކާމިޔާބުކުރީ ރާއްޖެއިންނެވެ. ނޭޕާލް އާއި ރާއްޖެ ބައްދަލުކުރި މެޗު 3-0 ސެޓުން ކާމިޔާބުކުރީ ނޭޕާލުންނެވެ.
ފިރިހެން ޓީމުތަކުން ވާދަ ކުރި މެޗުތަކުގެތެރެއިން ރާއްޖެ އާއި ލަންކާ ބައްދަލުކުރި މެޗުން 3-1 ސެޓުން ކާމިޔާބުކުރީ ރާއްޖެއިންނެވެ. އިންޑިއާއި ރާއްޖެ ބައްދަލުކުރި މެޗު 3-0 ސެޓުން ކާމިޔާބުކުރީ އިންޑިއާއިންނެވެ. ރާއްޖެ އާއި ބަނގްލަދޭޝް ބައްދަލުކުރި މެޗުން 3-2 ން ކާމިޔާބުކުރީ ބަނގްލަދޭޝްއިންނެވެ.
މި މުބާރާތުގައި ރާއްޖެއިން ވާދަކުރި ފިރިހެން އެތުލީޓުންނަކީ މޫސާ މުންސިފް އަހުމަދު، މުހައްމަދު ޝައްފާން އިސްމާއިލް، އަޚްޔަރް އަހުމަދު ޚާލިދު އަދި މުހައްމަދު ޒީސްތް ނަސީމެވެ. އަންހެން ޓީމުގައި ހިމެނޭ އެތުލީޓުންނަކީ ފާތިމަތު ދީމާ އަލީ، އައިޝަތު ރަފާ ނާޒިމް، މިޝްކާ މުހައްމަދު އިބްރާހިމް އާއި އައިޝަތު އަލްސާ ނާފިޒެވެ.
ވޯލްޑް ޗެމްޕިއަންޝިޕް 2026 އޮންނާނީ އަންނަ އަހަރު އިނގިރޭސިވިލާތުގެ ލަންޑަނުގައެވެ.