ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ކަނޑުތައް ގަދަވެފައިވާއިރު، ކަނޑުމަތީގެ ތަފާތު 7 ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ޖުލައި 10 ވަނަ ދުވަހު ވަނީ ރިޕޯޓުކޮށްފައެވެ.
ޖުލައި 10 ވަނަ ދުވަހުގެ މެންދުރު 12:00 އިން ފެށިގެން އެދުވަހުގެ 22:30އާ ހަމައަށް ރިޕޯޓްކޮށްފައިވާ ހާދިސާތަކުގެ ތެރޭގައި ޑިންގީއެއްގައި ގދ. ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް ދަތުރުކުރި މީހަކު ގެއްލުމުގެ ހާދިސާއާއި، ރ. އަތޮޅު އުތުރުމާފުށި ރިސޯޓުން ކެނޯއެއްގައި ދަތުރުކުރަމުންދިޔަ މީހަކު ގެއްލުނު ހާދިސާއާއި، އަރިއަތޮޅު ކައިރިން ހަތަރު މީހުންނާއެކު ދަތުރުކުރަމުންދިޔަ އުޅަނދެއްގެ އިންޖީނު ހުއްޓުމުގެ ހާދިސާ ހިމެނެއެވެ.
ހަމައެހެންމެ 22 ގެސްޓުންނާއި 15 ފަޅުވެރިންނާ އެކު ބ. އަތޮޅު ދަރަވަންދޫ ކައިރިން ދަތުރުކުރަމުންދިޔަ ސަފާރީ އުޅަނދެއް ދިޔަވުމުގެ ހާދިސާއާއި، 4 މީހުންނާއެކު މާލެ އަތޮޅު ގިރިފިނޮޅު ކައިރިން ލޯންޗެއް ފަރަށް އެރި ހާދިސާއާއި، މ. އަތޮޅުން ހަތް މީހުންނާ އެކު މަހަށް ފުރި ދޯންޏެއް ގެއްލުމުގެ ހާދިސާއާއި، 8 ދިވެހީންނާއި 4 ބިދޭސީންނާ އެކު މާލެއިން ލ.ހިތަދޫއަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓެއް އަޑިއަށްދިޔަ ހާދިސާ ހިމެނެއެވެ.
ޑިންގީއެއްގައި ގދ. ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް ދަތުރުކުރަމުންދަނިކޮށް ގެއްލުނު މީހާ އަދި ފެނިފައިނުވާއިރު، އެ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ދަނީ ކުރަމުންނެވެ.
ރ. އަތޮޅު އުތުރުމާފުށި ރިސޯޓުން ކެނޯއެއްގައި ދަތުރުކުރަމުންދަނިކޮށް ގެއްލުނު މީހާ ވަނީ ފަތާފައި ރ. ދުވާފަރަށް އަރާފައެވެ. ކޯސްޓްކާޑުން ވިދާޅުވީ އަރިއަތޮޅު ކައިރިން ހަތަރު މީހުންނާ އެކު ދަތުރުކުރަމުން ދަނިކޮށް އިންޖީނު ހުއްޓުނު އުޅަނދު މިހާރު ދަނީ، އެހެން އުޅަނދެއްގައި ކަފު ޖަހައިގެން މާލެ އައުމަށް ދަތުރުކުރަމުންނެވެ.
22 ގެސްޓުންނާއި 15 ފަޅުވެރިންނާ އެކު ބ. ދަރަވަންދޫ ކައިރިން ދަތުރުކުރަމުން ދަނިކޮށް ދިޔަވާން ފެށި ސަފާރީ ވަނީ ސަލާމަތްތެރިކަމާ އެކު ބ. ދަރަވަންދޫއަށް ޖުލައި 10ވަނަ ދުވަހުގެ 22:23 ހާއިރު ވަދެފައެވެ. މި ސަފާރީއަށް އެހީތެރިކަން ފޯރުކޮށްދީފައި ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިންނެވެ.
ކ. ގިރިފިނޮޅު ކައިރިން ދަތުރުކުރަމުންދަނިކޮށް ފަރަށް އެރި ލޯންޗުގައި ތިބި ހަތަރު މީހުން ވަނީ ޖުލައި 11ވަނަ ދުވަހުގެ 00:05ގައި ކޯސްޓްގާޑުގެ ލޯންޗުގައި ކ. ހިންމަފުއްޓަށް ގެންގޮސްފައެވެ. މ. އަތޮޅުން ހަތް މީހުންނާ އެކު މަހަށް ފުރި ދޯނި އަދި ފެނިފައިނުވާ އިރު، ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ދަނީ ކުރަމުންނެވެ.
8 ދިވެހީންނާއި 4 ބިދޭސީންނާ އެކު މާލެއިން ލ.ހިތަދޫއަށް ދަތުރުކުރަމުންދިޔަ "އޯޝަން އެކްސްޕްރެސް" ނަމަކަށްކިޔާ މުދާ އުފުލާ ބޯޓު، ރިހިވެލި މޯލްޑިވްސް ރިސޯޓު ކައިރިން ދިޔަވެ އަޑިއަށްގޮސްފައިވާ އިރު، އެ ބޯޓުގައި ތިބި އެންމެން ވަނީ ސަލާމަތްތެރިކަމާ އެކު ޖުލައި 10ވަނަ ދުވަހުގެ 22:52 ހާއިރު މާލެ ގެނެސްފައެވެ. މި މީހުން މާލެ ގެނެސްފައި ވަނީ އޮޅުވެލި ބީޗް ރިޒޯޓްގެ ލޯންޗަކާއި، ކޯސްޓްގާޑުގެ ހާބަރކްރާފްޓުގައެވެ.
މި ދުވަސްވަރު ރާއްޖޭގެ ހުޅަނގުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ބާރުގަދަވެ، ރާއްޖޭގެ އެކި ހިސާބުތަކަށް ކުރިއަށް އޮތް ދެ ދުވަހެ ވެސް މޫސުން ގޯސްވާނޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.
ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރައްވާއިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށްވެސް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކުރަމެވެ.