ޚަބަރު

ކުލަބު ވޯލްޑް ކަޕުގެ ސެމީއަށް ޗެލްސީ


ފީފާ ކުލަބު ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލްގައި 2-1 ގެ ނަތީޖާއަކުން ޕަލްމެއިރާސް ބަލިކޮށް، މުބާރާތުގެ ސެމީ ފައިނަލްގެ ޖާގައެއް ޗެލްސީން ހޯދައިފިއެވެ.

ފިލަޑެލްފިއާގެ ލިންކޮން ފައިނޭޝަލް ފީލްޑް ގައި ފަސްދޮޅަސް ފަސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 16 ވަނަ މިނިޓުގައި ކޯލް ޕާމާ ވަނީ ލަނޑެއް ޖަހާ ޗެލްސީ އަށް ކުރި ހޯދަދީފަ އެވެ. މިއީ ލަނޑެއް ނުޖެހި 8 މެޗު ކުޅުމަށްފަހު ކޯލް ޕާމާ ޖެހި ފުރަތަމަ ލަނޑެވެ.

ޗެލްސީ އިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު މި މެޗުގައި އެ ޓީމުން ވަނީ ޕަލްމޭރާސްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ. ނަމަވެސް މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ޕާލްމޭރާސްގެ ގޯލު ކީޕަރު ވެވަރޓަން ވަނީ މޮޅު ސޭވްތަކެއް ކޮށްފަ އެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ އަށް ވަނަ މިނިޓުގައި ޕަލްމޭރާސްގެ އެސްޓެވާއޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

އުމުރުން 18 އަހަރުގެ އެސްޓެވާއޯ ވަނީ މީގެ ކުރިން ޗެލްސީ އަށް ކުޅެން އެއްބަސްވެ އެ ކްލަބާއިއެކު ސޮއިކޮށްފަ އެވެ. ނަމަވެސް އޭނާއަށް ޗެލްސީ އަށް ބަދަލު ނުވެވި ހުރީ އުމުރުން 18 އަހަރު ވަންދެކަށެވެ. މި މުބާރާތަށްފަހު އެސްޓެވާއޯ ޗެލްސީ އާއި ގުޅޭނީ 52 މިލިއަން ޕައުންޑުގެ ފީއަކަށެވެ.

މި މެޗުން ޗެލްސީ މޮޅުވި ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނިޓަށް ވެފައިވަނިކޮށް ޕަލްމޭރާސްގެ އޮގަސްޓިން އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.

މި މެޗުގައި ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ ދާދި ފަހުން އެ ޓީމާއި އަލަށް ގުޅުނު ޖޮއާއޯ ޕެޑްރޯ އަށް ކުޅެން ފުރުސަތު ދީފަ އެވެ.