ޚަބަރު

ގައުމީ ވޮލީބޯޅަ ލީގު: ފުރަތަމަ މެޗު ހުރާ ކޮމިއުނިޓީ ކުލަބަށް


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ގައުމީ ވޮލީބޯޅަ ލީގު 2025 ގެ ފިރިހެން ޑިވިޝަނުގެ ފުރަތަމަ މެޗު ހުރާ ކޮމިއުނިޓީ ކުލަބުން ކާމިޔާބުކޮށްފިއެވެ.

ގައުމީ ވޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޝަނުގެ ކުޅުން މިއަދު ފެށިއިރު، ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މެޗު ހުރާ ކޮމިއުނިޓީ ކުލަބުން ކާމިޔާބުކޮށްފަވަނީ ޕޮލިސް ކުލަބާ ވާދަކޮށް 3-1 ސެޓުންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ދެ ސެޓު ހުރާއިން ގެންދިޔައީ 25-23 އަދި 25-17 އިންނެވެ. އެކަމަކު ޕޮލިސް ކުލަބުން ވަނީ ޖެހިގެން އައި ސެޓު 25-22 އިން ކާމިޔާބުކޮށްފައެވެ. ނަމަވެސް ހުރާ ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް މެޗުގެ ހަތަރުވަނަ ސެޓު 25-23 އިން ގެންގޮސްފައެވެ.

މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހުރާ ޓީމަށް ކުޅެމުން އަންނަ ސްރީ ލަންކާ ކުޅުންތެރިޔާ ތަރުޝާ ސީޑީ ވީރައްޕުލިގެއެވެ.

ގައުމީ ވޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޝަނުގެ ކުޅުން ފެށިއިރު، ލީގުގައި ވާދަކުރަމުން އަންނަނީ މި ފަހުން ނިމުނު ވީއޭއެމް ކަޕް 2025 ގެ ގަދަ ފަސް ޓީމެވެ. އެއީ ވީއޭއެމް ކަޕުގެ ޗެމްޕިއަނުން ކަމަށްވާ ދިވެހި ސިފައިންގެ ކުލަބާއި، ރަނަރަޕް ކުލަބު އެޗްޑީސީ އާއި، ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި، ހުރާ ކޮމިއުނިޓީ ކުލަބުގެ އިތުރުން ޕޮލިސް ކުލަބެވެ.

ގައުމީ ވޮލީބޯޅަ ލީގުގެ ގަދަ ހަތަރު ޓީމު ދެން ދަތުރުކުރާނީ ކުރިއަށް އޮތް ގައުމީ ވޮލީބޯޅަ މުބާރާތަށެވެ.