ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބޭއްވި 16 ވަނަ ގައުމީ ދިގުފެތުމުގެ މުބާރާތުގެ ވަނަވަނައަށް ދިޔަ ބައިވެރިންނަށް ޓްރޮފީ އާއި ހަނދާނީލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މިއަދު ހެނދުނު ހުޅުމާލޭ ސްވިމިންގ ކޮމްޕްލެކްސްގައި ކުރިއަށްދިޔަ މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވަނަވަނައަށް ދިޔަ ބައިވެރިންނަށް ޓްރޮފީއާއި ހަނދާނީ ލިއުން ހަވާލުކޮށްދެއްވާފަވަނީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.
ގައުމީ ދިގުފެތުމުގެ މުބާރާތް ބާއްވާފައިވަނީ މެއި މަހުގެ 17 ވަނަ ދުވަހު ކުޑަގިރީގައެވެ. އެމުބާރާތުގައި ހުރިހާ ކެޓެގަރީއެއް ހިމެނޭހެން ޖުމްލަ 281 ފެތުންތެރިން ވާދަކޮށްފަވެއެވެ.
އެގޮތުން ގައުމީ ފަސް ކިލޯމީޓަރުގެ ކެޓެގަރީގައި އަންހެން 10 ފެތުންތެރިންނާއި ފިރިހެން 14 ފެތުންތެރިން ވާދަކޮށްފަވެއެވެ. އަދި ތިން ކިލޯމީޓަރުގެ ޖޫނިއަރ ބައިގައި އަންހެން 8 ފެތުންތެރިންނާއި ފިރިހެން 24 ފެތުންތެރިން ފެނިގެންދިޔައެވެ.
މުބާރާތުގެ އެއް ކިލޯމީޓަރުގެ ކޮމިއުނިޓީ މާސް އިވެންޓް ބައިގައި، ފިރިހެން 63 ފެތުންތެރިންނާއި އަންހެން 36 ފެތުންތެރިން ވާދަކުރިއިރު، މާސްޓާސް އިވެންޓުގައި ވާދަކޮށްފަވަނީ ހަތް ފިރިހެން ފެތުންތެރިންނެވެ. އަދި އީއޭޑީ ކެޓެގަރީގައި ފިރިހެން ނުވަ ފެތުންތެރިންނާއި އަންހެން ދެ ފެތުންތެރިން ފެނިގެންދިޔައެވެ.
މީގެ އިތުރުން 0.5 ކިލޯމީޓަރަށް ފަތަން ޖެހޭ ކިޑްސް ސްވިމް ކެޓެގަރީގައި 66 ފިރިހެން ފެތުންތެރިންނާއި 42 އަންހެން ފެތުންތެރިން ވާދަކުރިއެވެ.
މިއީ އޯޕަން ވޯޓާ ސްވިމިން މުބާރާތް ކުޑަގިރީގައި ބޭއްވި ތިންވަނަ ފަހަރެވެ.