މ. ދިއްގަރުގެ ކުޅިވަރުގެ ހާލަތާ ގުޅޭގޮތުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި އެ ރަށުގެ ކައުންސިލާ ދެމެދު ބައްދަލުވުމެއް ބާއްވައިފިއެވެ.
މިބައްދަލުވުމުގައި ކައުންސިލުގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ މުލަކަތޮޅު ދިއްގަރު ކައުންސިލުގެ ރައީސް އަހުމަދު ނިޝާން އާއި ކައުންސިލު މެމްބަރު ޢާއިޝަތު ހަނާއެވެ.
ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި ކުރިއަށްދިޔަ މިބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި ރަށުގެ ކުޅިވަރުގެ ހާލަތާއި ގުޅޭގޮތުންނާއި ރަށުގައި ކުރިއަށްގެންދާ ލައިފް ސްޓައިލް އިންޓަވެންޝަން ޕްރޮގްރާމާއި ގުޅޭގޮތުން މަޝްވަރާކުރެވިފަވެއެވެ. މިއީ ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެވޭ ބަދަލުތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މ. ދިއްގަރުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ލައިފް ސްޓައިލް އިންޓަވެންޝަން ޕްރޮގްރާމަކީ އެރަށުގެ ކައުންސިލާއި ކުޅިވަރު ވުޒާރާގެ އިތުރުން ޔޫތު މިނިސްޓްރީ އަދި ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ކުޅިވަރު ވުޒާރާގައި ކުރިއަށް ދިޔަ މިބައްދަލުވުމުގެ ތެރެއިން މި ޕްރޮގްރާމު ފާއިތުވެ ދިޔަ ހަމަސްދުވަހުގެ ތެރޭގައި ކުރިއަށްދިޔަ ގޮތުގެ ރިޕޯޓް ވަނީ ވަޒީރަށް އަރުވާފައެވެ.
ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެވޭ ބަދަލުތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ކުރިއަށް ގެންދާ ލައިފް ސްޓައިލް އިންޓަވެންޝަން ޕްރޮގްރާމަކީ އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމު ރަށުގެ 120 މީހަކު އަންނަނީ ފުރިހަމަކުރަމުންނެވެ.
ރާއްޖޭގައި މުޅިން އަލަށް ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ފާއިތުވެދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ 14 ވަނަ ދުވަހު ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހަންމަދު އިފްތިތާހުކޮށްދެއްވާފައިވާ ޕްރޮގްރާމެކެވެ.