އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އިން ތުރުކިޔޭގެ އިސްތަންބުލްގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޖަމުޢިއްޔާގެ ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ 51 ވަނަ ބައްދަލުވުމުގައި ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ބައިވެރިވެވަޑައިގެންފިއެވެ.
މި ބައްދަލުވުމަކީ ކޮންމެ އަހަރަކުވެސް އޯ.އައި.ސީ.ގެ ޤައުމުގެ ޚާރިޖީ ވަޒީރުން އެއްތަނަކަށް އެއްވެ އިސްލާމީ އުއްމަތަށް ދިމާވެފައިވާ މުހިންމު މައްސަލަތަކަށް ހައްލު ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ގިނަ އޯ.އައި.ސީ. ގެ މެމްބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
މި ބައްދަލުވުމުގައި އޯ.އައި.ސީ.ގެ ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ މި އަހަރުގެ ސެޝަންގެ ޗެއަރގެ މަގާމާ ތުރުކިޔޭގެ ފޮރިން މިނިސްޓަރ، ހަކަން ފިދާން ހަވާލުވެވަޑައިގަންނަވާނެއެވެ.
އޯއައިސީ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ މި ބައްދަލުވުމުގައި ރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަޤްރީރުކުރައްވާނެއެވެ. މި ތަޤްރީރުގައި މެދުކެނޑުމެއްނެތި އިސްރާއީލުން ޣައްޒާ އަދި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި އަމަލުތައް ކުށްވެރިކޮށް މިކަމާމެދު ކަންބޮޑުވުން ފާޅުކުރައްވާނެކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ. އަދި އިސްރާއީލުން އީރާނަށް ދެމުންގެންދާ ހަމަލާތައް ކުށްވެރިކުރައްވައި އިސްރާއީލުގެ މައްޗަށް ބައިނަލްޢަޤްވާމީ ޤާނޫނު ތަންފީޒުކުރުމަށް ގޮވާލައްވާނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
ހަމައެހެންމެ ފަލަސްޠީނުގެ މައްސަލައާ ގުޅިގެން ރާއްޖެއިން ގެންގުޅޭ ސިޔާސަތު ހާމަކުރައްވައި އަދި ފަލަސްޠީން މިނިވަން މުސްތަޤިއްލު ގައުމެއްގެ ގޮތުގައި ދުނިޔެއިން ބަލައިގަތުމަށް ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއްކުރުމަށް އޯ.އައި.ސީ.ގެ މެމްބަރު ގައުމުތަކަށް އިލްތިމާސްކުރައްވާނެކަމަށާއި، ފަލަސްޠީނު މައްސަލައިގެ އިތުރުން އިސްލާމީ އުންމަތައް ދިމާވެފައިވާ މުހިންމު މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން ވަޒީރުގެ ތަޤުރީރުގައި ހާމަކުރައްވާނެއެވެ.
މި ދަތުރުފުޅުގައި އޯ.އައި.ސީ.ގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ތެރެއިން އިސްރާއީލުން އީރާނަށް ދެމުންގެންދާ ހަމަލާތައް ކުށްވެރިކޮށް އެކަމާ ގުޅޭގޮތުން އޯ.އައި.ސީ.އިން ބާއްވާ ޚާއްސަ ބައްދަލުވުމެއްގައިވެސް ޚާރިޖީ ވަޒީރު ބައިވެރިވެވަޑައިގަންނަވާނެއެވެ.
އޯ.އައި.ސީ.އަކީ ދެގޮތެއްނުވެ ފަލަސްޠީނުގެ ހައްޤުގައި އަދި އިސްލާމީ އުންމަތަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލުހޯދުމަށް ވަކާލާތުކުރަމުންދާ، 57 މެމްބަރު ޤައުމު ހިމެނޭ ޖަމުޢިއްޔާއެކެވެ. ދިވެހިރާއްޖެ އޯ.އައި.ސީ.ގެ މެމްބަރަކަށްވެފައިވަނީ 1976 އެވެ.
ދިވެހިރާއްޖެއިން ދެކޭ ގޮތުގައި ފަލަސްތީނުގެ މައްސަލައަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލަކީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްޠީނުގެ ދައުލަތް ޤާއިމްކުރުމެވެ. މި ސިޔާސަތަކީ ފާއިތުވި 48 އަހަރު ދެގޮތެއްނުވެ ދެމިގެންގޮސްފައިވާ ސިޔާސަތެކެވެ.
އޯ.އައި.ސީ. ބައްދަލުވުންތަކުގެ އިތުރުން ބައިނަލްއަޤުވާމީ އެކި މަންސަތަކުގައި ރާއްޖެއިން އަބަދުވެސް އަންނަނީ ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޢަމަލުތައް ކުށްވެރިކޮށް، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކުރަމުންނެވެ.