ޚަބަރު

މަތީ އަރުތަވެރިންގެ ގިންތީގައި ހިމެނޭ ދަރިވަރުންގެ އަދަދު ނިސްބަތުން މަދު: ތަޢުލީމީ ވަޒީރު


  • މުޅި އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ 50 އިންސައްތަަ 5 މާއްދާއިން ފާސް ނުވޭ

  • ޓީޗަރުންގެ ޕްރޮޕެޝަނަލް ޑިވެލޮޕްމަންޓުތަކަށް ޚާއްސަކޮށް މަސައްކަތްތަކެއް ކުރެވެމުންދޭ

މަތީ އަރުތަވެރިންގެ ގިންތީގައި ހިމެނޭ ދަރިވަރުންގެ އަދަދު ނިސްބަތުން މަދުކަމަށް ތަޢުލީީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަމުންނެވެ.

ތަޢުލީީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ ރާއްޖޭގެ ތަޢުލީމީ ދާއިރާ ކުރިއަރުވަން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.

ވަޒީރު އިސްމާޢީލް ޝަފީޢު ވިދާޅުވީ 2013 ވަނަ އަހަރުގެ ނަތީޖާއާއި 2014 ވަނަ އަހަރުގެ ނަތީޖާއަށް ބަލާއިރުވެސް މުޅި އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ 50 އިންސައްތަަ 5 މާއްދާއިން ފާސް ނުވާކަމަށެވެ. އެންމެ ދަށްވެގެން 5 މާއްދާއިން ސީ ފާސް ހޯދުމަކީ ތައުލީމީ ވުޒާރާއިން ކަނޑައަޅާފައިވާ މިންގަނޑުކަމަށާއި، އެހިސާބަށްވެސް ވާސިލް ނުވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވޭތުވެދިޔަ ދެ އަހަރުގެ ނަތީޖާއަށް ބަލާލުމުންވެސް ފެންނަނީ އެމަންޒަރުކަން ފާހަގަކުރައްވާ ތަޢުލީމީ ވަޒީރު ވިދާޅުވީ ދައުލަތުން ތައުލީމީ ދާއިރާއަށް 4 ބިލިޔަން ރުފިޔާ ޚަރަދުކޮށްގެން މުދައްރިސުންނާއި ބެލެނިވެރިން ގުޅިގެން ކުރާ މަސައްކަތުންވެސް ދާން ބޭނުންވާ މަންޒިލަށް އަދިވެސް ނުދެވޭކަމަށެވެ.

ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ އޯލެވެލް ޓޮޕް ޓެންގައި ހިމެނޭ ދަރިވަރުންގެ ތެރެއިން އޭލެވެލް ޓޮޕްޓެންގައި ހިމެނެނީ މަދު އަދަދެއްގެ ދަރިވަރުންކަމަށެވެ. އެގޮތުން މަތީ އަރުތަ ވެރިންގެ ގިންތީގައި ހިމެނޭ ދަރިވަރުންގެ އަދަދު ނިސްބަތުން މަދުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"2021-2022 މި އަހަރު އޭލެވެލް ނިންމި ދަރިވަރުންގެ ތެރެއިން އޯލެވެލް ނިންމި ބެޗުގައި 840އަށްވުރެ ގިނަ ދަރިވަރުން ހިމެނޭ. ޓޮޕްޓެން އަށް މިދަނީ 64 އިންސައްތަ. އޭލެވެލް އާއި ހަމައަށް ދާއިރު އޭލެވެލްގެ ޓޮޕްޓެންއަކަށް ރީޗެއް ނުވޭ. މި ދަރިވަރުންގެ ތެރެއިން 36 އިންސައްތަ ދަރިވަރުން އޯލެވެލް ޓޮޕްޓެންގެ ތެރެއިން އޭލެވެލް ޓޮޕްޓެންގެ ތެރެއަށް ވަދެގެން ދަނީ 36 އިންސައްތަ" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އެކަށީގެންވާ ނަތީޖާއެއް ހާސިލްނުވާކަމަށް ފާހަގަވުމާއެކު ޓީޗަރުންގެ ޕްރޮޕެޝަނަލް ޑިވެލޮޕްމަންޓުތަކަށް ޚާއްސަކޮށް މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ. އަދި ސްކޫލްގެ ހިންގުން ހަރުދަނާކުރުމަށް ހުރިހާ ސްކޫލްތަކެއްގެ ޕްރިންސިޕަލުންނަށް ލީޑަރޝިޕް ޓްރެއިނިންވެސް ދީފައިވާކަމަށާއި ކަރިކިއުލަމް އަދި ކޮންޓެންޓަށް ގެންނަން ޖެހޭ ބަދަލުތައްވެސް ގެންނަމުންދާކަމަށް ތަޢުލީމީ ވަޒީރު އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.