ކުޅިވަރު

އޭއެފްސީ ޗެލެންޖް ލީގުގެ ޖާގައެއް ކަށަވަރުކުރުމަށް މާޒިޔާ ނުކުންނާނީ ކުވެއިތުގެ އަލް އަރަބިއާ ދެކޮޅަށް


އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ، އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަނުން ތިންވަނަ ފަންތީގެ ކުލަބުތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ އޭއެފްސީ ޗެލެންޖް ލީގުގެ ގުރޫޕް ސްޓޭޖުގެ ޖާގައެއް ކަށަވަރުކުރުމަށް ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުވެއިތުގެ އަލް އަރަބިއާ ވާދަކުރަން ހަމަޖެހިއްޖެއެވެ.

އޭއެފްސީން ޗެލެންޖް ލީގުގެ ޕްލޭއޮފްގައި ކުޅެން ޖެހޭ ޓީމުތައް ކަނޑައަޅާފައިވަނީ ދެކުނު އޭޝިއާ ސަރަހައްދުގެ ޓީމުތަކުގެ ރޭންކިން އާއި އެހެނިހެން ކަންކަމަށް ބެލުމަށްފަހުއެވެ. އެގޮތުން ޕްލޭއޮފްގައި މާޒިޔާއިން އެންމެ ފުރަތަމަ ވާދަކުރާގޮތަށް ހަމަޖެހުނީ ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްއާ ކަމަށްވިޔަސް، އޭއެފްސީން ރޭންކިން އާއި ފުރުސަތު ލިބުނު އެހެން ކުލަބުތަކުގެ ކަންކަމަށް ބެލުމަށްފަހު، ފަހުން ހަމަޖެހުނީ މާޒިޔާއިން އަލް އަރަބިއާ ދެކޮޅަށް ވާދަކުރަންޖެހޭ ގޮތަށެވެ.

މާޒިޔާއިންވަނީ ފާއިތުވެދިޔަ 2024 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް ކަށަވަރުކޮށްފައެވެ. ސެންޓްރަލައިޒްކޮށް ކުވެއިތުގައި ގްރޫޕް ސްޓޭޖުގެ ކުޅުނު އެމުބާރާތުގެ ދެވަނަ މެޗުގައި މާޒިޔާއިން ވަނީ އެ އަހަރު އަލް އަރަބިއާ ދެކޮޅަށް ކުޅެ 2-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.

މި އަހަރު މި ދެ ޓީމުގެ ކުރިމަތިލުން، ގްރޫޕް ސްޓޭޖުގެ ޖާގައެއް ކަށަވަރުކުރުމުގެ މަރުހަލާގައި އޮތްއިރު، މި މެޗު ތާވަލުކޮށްފައިވަނީ އޮގަސްޓް މަހުގެ 12 ވަނަ ދުވަހު މާލޭގައި ކުޅޭގޮތަށެވެ.

ވަރުގަދަ ސްކޮޑަކާއެކު މޮޅު ކުޅުމެއްދައްކަމުން އަންނަ މާޒިޔާއިންވަނީ މިދިޔަ މަހު ކުރިއަށްދިޔަ އެފްއޭއެމް ލީގުކަޕުގެ ތަށި އެއްވެސް މެޗަކުން ބަލިނުވެ ހިއްލާލާފައެވެ. މީގެ އިތުރުން މާޒިޔާއިންވަނީ އޭއެފްސީ ކުލަބު ލައިސަންސު ވިދިވިދިގެން ދެވަނަ ފަހަރަށް ހޯދި ހަމައެކަނި ދިވެހި ކުލަބުގެ ޝަރަފުވެސް ދާދިފަހުން ހޯދާފައެވެ.