ރާއްޖެއިން ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ މަތީ ތަޢުލީމުދޭ މަރުކަޒުތަކާއި ކިޔަވަންދާ ކޯހުގެ ސައްޙަކަން ކަށަވަރުކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އެމްކިޔުއޭއިން އިން އިލްތިމާސްކޮށްފިއެވެ.
ރާއްޖެއިން ބޭރަށް ކިޔަވަން ދިއުމުގެ ކުރިން ހޯދަންޖެހޭ ”ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމް" ހޯދުމުގެ ބޭނުމަކީ، ދަރިވަރުން ތަޢުލީމު ހާސިލުކުރާ މަރުކަޒަކީ އެމްކިއުއޭ އިން ޤަބޫލުކުރާ މަރުކަޒެއްކަމާއި އެ ކިޔަވާ ޕްރޮގްރާމަކީ އެމް.އެން.ކިއު.އެފް އަށް ފެތޭ ޕްރޮގްރާމެއްކަން ބެލުމެވެ. އަދި އެ މަރުކަޒަކީ އެ ޤައުމެއްގައި ސަރުކާރުގެ ކަމާ ބެހޭ އިދާރާއަކުން ޤަބޫލުކުރާ މަރުކަޒެއްކަމާއި އެ މަރުކަޒުގައި އެ ޕްރޮގްރާމް ރަޖިސްޓްރީ ކޮށްފައިވާކަން ކަށަވަރުކުރުންކަން އެމްކިއުއޭއިން ފާހަގަކުރައްވައެވެ.
ރާއްޖެއިން ބޭރަށް ކިޔަވަންދާ ދަރިވަރުންގެ ތެރެއިން ބައެއް ދަރިވަރުން އެމްކިއުއޭ އިން ހޯދަންޖެހޭ މުހިންމު އެއް ލިޔުންކަމުގައިވާ "ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމް" ނުހޯދާ ކިޔަވަން ދިއުމުގެ ސަބަބުން ދަރިވަރުން ކިޔަވަންދާ މަރުކަޒަކީ އެމްކިޔުއޭ ޤަބޫލުކުރާ މަރުކަޒަކަށް ނުވުމުން ސަނަދު ވެލިޑޭޓް ނުކުރެވެއެވެ.
އެހެންކަމުން ރާއްޖެއިން ބޭރަށް ކިޔަވަން ދިއުމުގެ ކުރިން ހޯދަންޖެހޭ "ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމް" ހޯދުމަށް އެމްކިއުއޭއިން ވަނީ ނަސޭހަތްތެރިވެފައެވެ. އަދި "ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމް" ނުހޯދާ ކިޔެވުން ފަށާފައިވާ ދަރިވަރުންވެސް ވީ އެންމެ އަވަހަށް އެ ލިޔުން ހޯދުމަށް އެމްކިޔުއޭއަށް ހުށަހެޅުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
އަދި ސަނަދެއް ހާސިލުކޮށް ވެލިޑޭޓްކުރުމަށް އެމްކިޔުއޭ އަށް ހުށަހެޅި ނަމަވެސް އެ ކިޔެވި މަރުކަޒަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ މަރުކަޒަކަށް ނުވާނަމަ އެކަމުގެ ސަބަބުން ދަރިވަރަށް ލިބޭ ގެއްލުމުގެ ޒިންމާ އެމްކިޔުއޭ އިން ނުނަގާނެކަމަށް ވެސް އެ އޮތޯރިޓީން ވަނީ ވިދާޅުވެފައެވެ.