ޚަބަރު

ޙައްޖުވެރިންގެ މަދީނާ ޒިޔާރަތް: އިސްލާމީ ތާރީޚާއި ގުޅޭ ގިނަ މަޢުލޫމާތުތަކެއް ލިބިދޭ ޒިޔާރަތެއް


  • ހުރިހާ ޙައްޖުވެރިން މަދީނާގެ މުހިންމު ތަންތަނަށް ޒިޔާރަތްކުރި

  • އިސްލާމީ ތާރީޚާއި ގުޅޭ ގިނަ މަޢުލޫމާތުތަކެއް ފޯރުކޮށްދޭ

1446ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރި ދިވެހި ޙައްޖުވެރިންގެ ދަތުރުގެ އެންމެ ފަހު މަންޒިލަކީ މަދީނާއެވެ. މިއަހަރު ދިވެހި ޙައްޖުވެރިންގެ ދަތުރުތައް ރާވާލާފައިވަނީ އެހެން އަހަރުތަކާ ތަފާތުކޮށެވެ. ޙައްޖުގެ މަނާސިކުތައް އަދާކުރުމަށްފަހު ދިވެހި ޙައްޖުވެރިން ކުރިން ނުކުރާފަދަ ކުރު ދަތުރަކަށްފަހު މަދީނާއަށް އައެވެ. މަދީނާއަށް އައުމަށްފަހު މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން އެންމެ ބޮޑު އިސްކަމެއް ދިނީ ކީރިތި މާތް ނަބިއްޔާގެ މިސްކިތް، މާތްވެގެންވާ މަސްޖިދުއް ނަބަވީއަށް ޙައްޖުވެރިން ގެންދިޔުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށެވެ.

މަސްޖިދުއްނަބަވީގައި ކުރާ އެންމެ ނަމާދަކުން ލިބޭ ސަވާބާއި ދަރުމަ އެހެން މިސްކިތްތަކުގައި ކުރާ 1000 ނަމާދަށްވުރެ ހެޔޮކަން ބޮޑުވެގެން ވެއެވެ. މަދީނާޔަށް ދެވިއްޖެ ކޮންމެ މުސްލިމެއްގެވެސް އެދުމަކަށްވާނީ މަސްޖިދުލް ނަބަވީގެ "ރައުޟާ"ގައި ނަމާދެއް ކުރުމެވެ.

އެ މިސްކިތުގެ މިންބަރުކޮޅާއި ރަސޫލާ ސައްލަﷲ ޢަލައިހިވަސައްލަމައިގެ މަޤާމުކޮޅާ ދެމެދުގައި އޮންނަ ހުސް ސަރަހައްދުގައި ނަމާދެއް ކުރުމަކީ އެ މިސްކިތަށް ވަދެވިއްޖެ ކޮންމެ މީހަކުވެސް އެދޭނެކަމެއްކަން ޔަގީނެވެ. އެހެންކަމުން ރަސްމީ އިދާރާތަކުގެ ހުއްދަ ނެގުމަށްފަހު ދިވެހި އެންމެހާ ޙައްޖާޖީން ރައުޟާއަށް ޒިޔާރަތްކުރުމުގެ ފުރުސަތު މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ވަނީ ފަހިކޮށްދީފައެވެ.

އެއަށްފަހު ދިވެހި ޙައްޖުވެރިން ދެން ޒިޔާރަތްކުރީ ޤުބާ މިސްކިތަށެވެ. މި އުންމަތުގައި ބިނާކުރެވުނު އެންމެ ފުރަތަމަ މިސްކިތް ބަލައިލާ އެ މިސްކިތުގެ ތާރީޚުގެ ތެރެއަށް ގޮސްލުމަށް މި ދަތުރު މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ. އެގޮތުން ޤުބާ މިސްކިތް ސަރަހައްދުގައި ދިވެހި ޙައްޖުވެރިންނަށް މަޢުލޫމާތު ދެވުނެވެ. ޤުބާ މިސްކިތުގެ މާތްކަމާ، ރަސޫލާ ސައްލަﷲ ޢަލައިހިވަސައްލަމަޔާ މި މިސްކިތާ ގުޅިފައިވާ މިންވަރު މި ދަތުރުގެ ތެރެއިން ދިވެހި ޙައްޖާޖީންނަށް ވަނީ ކިޔައިދީފައެވެ.

މަދީނާގެ ކަދުރުބާޒާރަކީ ދިވެހިންގެ މެދުގައި މަޝްހޫރު ބަޒާރެކެވެ. އެންމެ ގިނަ ވައްތަރުތަކުގެ ކަދުރު އެއް ބާޒާރަކުން ލިބޭ ބާޒާރުގެތެރޭގައި މަދީނާގެ ކަދުރު ބާޒާރު ހިމެނެއެވެ. ކަދުރު ދަނޑުތަކުން ބިނދެގެން ގެންނަ ތާޒާ ކަދުރުގެ ބާވަތްތައް މި ބާޒާރުން ލިބެން ހުރެއެވެ. ދިވެހި ޙައްޖުވެރިން މަދީނާގައި ހޭދަކުރި ދުވަސްތަކުގެ ތެރެއިން ކަދުރުބާޒާރަށް ވަނީ ޒިޔާރަތްކޮށްފައެވެ.

މަދީނާ ދަތުރުގައި ދިވެހި ޙައްޖުވެރިން އެންމެ ފަހު މަންޒިލަކަށް ޒިޔާރަތްކޮށްފައިވަނީ އުހުދުގެ މައިދާނަށެވެ. އުޙުދުގެ މައިދާނަށް ކުރި ޒިޔާރަތުން ދިވެހި ޙައްޖުވެރިންނަށް ގިނަ ފިލާވަޅުތަކެއް ވަނީ ލިބިދީފައެވެ. އެގޮތުން އުހުދުގެ މައިދާނުގައި ދެވުނު ފިލާވަޅުތަކުގެ ތެރޭގައި އުހުދު ހަނގުރާމައިން މުސްލިމު އުންމަތަށް ލިބޭ ފިލާވަޅުތައް އޮޅުންފިލުވައިދީފައިވެއެވެ.

އިސްލާމީ ތާރީޚުގެ އިބްރަތްތެރި އެތައް ޞަފްހާއެއް ދިވެހި ޙައްޖުވެރިންގެ ކުރިމަތީގައި މަދީނާ ދަތުރުގައި ވަނީ ނިއުޅުވާލާފައެވެ. ޙައްޖު ދަތުރުން ލިބުނު ރޫޙާނީ އާރޯކަމާއެކު އިސްލާމީ ތާރީޚުގެ ރަންޒަމާނަށްވެސް ދިވެހި ޙައްޖުވެރިން ވަނީ ގެންގޮސްދީފައެވެ.