ޚަބަރު

އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް މިއަދުވެސް މޫސުން ގޯސް، ސަމާލުވޭ!


  • ދެކުނުގެ އަތޮޅުތަކަށް މޫސުން ރަނަގޅުވާނެ

  • ހއ. އަތޮޅުން ފެށިގެން ފ އަތޮޅާ ހަމައަށް ހުދު ސަމާލުވަނީ ނެރެފަ

މިއަދުވެސް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެކަމަށް ބެލެވޭތީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވަނީ ހުދު ސަމާލު ނެރެފައެވެ. އެގޮތުން ހއ. އަތޮޅުން ފެށިގެން ފ އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 06:00 އިން 12:00އާ ހަމައަށެވެ.

މި ވަގުތުތަކުގައި ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައު ވައި ޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށް މުސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ނ. މާފަރަށެވެ. އެގޮތުން މާފަރަށް 32.2 މިލިލީޓަރުގެ ވާރޭވެހިފައިވެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރައިން ވިދާޅުވީ، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެކަމަށެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.

އަދި އުތުރާއި މެދުރާއްޖެެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެކަމަށެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކަނޑުތައް ގަދަވާނެކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ރާޅުގެ އުސްމިނުގައި 4-2 ފޫޓު އަދި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގެ ކަނޑުތަކުގައި 7-5 ފޫތު ހުންނާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

ރާއްޖެއަށް މިހާރު މިކުރާ ވިއްސާރައަކީ، ހުޅަނގު މޫސުމުގެ ވިއްސާރަކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުންނާއި އާންމުކޮށް ހުރިހާ އެންމެންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.