ކުޅިވަރު

ބައިނަލްއަގުވާމީ ދެ މުބާރާތަކުން ހޯދި ފަޚުރުވެރި ވަނަތަކާއެކު ގައުމީ ނެޓްބޯޅަ ޓީމު ރާއްޖެއަށް


ޗައިނާގެ ހޮންގް ކޮންގުގައި ކުރިއަށްދިޔަ ބައިނަލްއަގުވާމީ ދެ މުބާރާތުން ފަޚުރުވެރި ވަނަތަކެއް ހޯދި ރާއްޖޭގެ ގައުމީ ނެޓްބޯޅަ ޓީމު ރޭ މާލެ އަތުވެއްޖެއެވެ.

މިމަހުގެ ފަހަކުން އަށަކަށް ހޮންގް ކޮންގުގައި ކުރިއަށްދިޔަ ހޮންގް ކޮންގް ޗެލެންޖް ކަޕުގައި ރާއްޖޭގެ ސީނިއަރ ނެޓްބޯޅަ ޓީމުންވަނީ ވާދަކޮށް މުބާރާތުގެ ދެވަނަ ހޯދާފައެވެ. މިމުބާރާތުގެ ޗެމްޕިއަންކަން ހޮންގކޮންގުން ހޯދާފަވާއިރު، ހޮންގކޮންގަކީ އޭޝިއާގެ ނެޓްބޯޅައިގެ ރޭންކިންގެ ހަތަރުވަނައިގައިވާ ޓީމެވެ.

މީގެ އިތުރުން ރާއްޖޭގެ 21 އަހަރުންދަށުގެ ނެޓްބޯޅަ ޓީމުވެސްވަނީ ހޮންގކޮންގުގައި ކުރިއަށްދިޔަ ބައުހީނިއާ ކަޕުގައި ވާދަކޮށް ޗައިނީޒް ޓައިޕޭ ބަލިކުރުމަށްފަހު މުބާރާތުގެ ތިންވަނަ ކަށަވަރުކޮށްފައެވެ. ރާއްޖޭގެ އިތުރުން ދެން މިމުބާރާތުގައި ވާދަކޮށްފަވަނީ މުބާރާތް ބޭއްވި ގައުމުކަމަށްވާ ހޮންގކޮންގާއި، ޗައިނީޒް ޓައިޕޭ އަދި އަވަށްޓެރި އިންޑިއާއެވެ.

ނެޓްބޯޅަ ޓީމުން ހޯދި ކާމިޔާބީތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދިން ޚާއްސަ އިންޓަވިއުއެއްގައި ގައުމީ ނެޓްބޯޅަ ޓީމުގެ ކޯޗު ނީޝާ ހަލީމް ބުނީ ބައިނަލް އަޤްވާމީ މިފަދަ މުބާރާތްތަކުގައި ވާދަކުރަން ލިބުމަކީ ޓީމަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ. ވަކިން ޚާއްސަކޮށް ސީނިއާ ގައުމީ ނެޓްބޯޅަ ޓީމަކީ މިފަދަ ފުރުސަތުތައް މީގެ ކުރިން ނުލިބޭ ޓީމެއްކަމަށާ މިމުބާރާތުގެ ސަބަބުން ކުރިއަށް އޮތް އޭޝިއަން ޗެމްޕިއަންޝިޕަށް އެ ޓީމު ބައްޓަން ކުރުމުގައި ވިސްނަންވީ ދިމާތައް ދެނެގަތުމަށް ބާރަކަށްވެގެން ހިނގައްޖެކަމަށްވެސް ނީޝާގެ ވާހަކައިގައި ފާހަގަކުރިއެވެ.

"އަޅުގަނޑުމެން މިދިޔައީ ސީނިއާރ ޓީމާ އަންޑަރ 21 ޓީމާ އެއްކޮށް، ދެން އަންޑަރ 21 ޓީމު އަސްލުގަ އަޅުގަނޑުމެން ތައްޔާރުމިވަނީ ކުރިއަށް މިއޮތް ޖޫނިއާ އޭޝިއަން ޗެމްޕިއަންޝިޕަށް މުބާރާތަށް ކޮރެއާގަ އޮތް. ދެން ވަރަށް ރަނގަޅު އެކްސްޕީއަންސެއްކަމަށް މިބަލަނީ. އަޅުގަނޑުމެންނަށް ލިބުނީ އަނޑަރ 21އިން ތިންވަނަ. އަޅުގަނޑުމެންނަކަށް އަނެއްހެން ރާއްޖޭގަ ކުޅެލާނެ އިތުރު މާބައިވަރު ޓީމުތަކެއް ނުލިބޭ. އެހެންވީމަ އެމުބާރާތުގައި ވާދަކުރާ އެހެން ޓީމުތަކާ ވާދަކޮށްލަން ލިބުނީމަ ޚުދު އަޅުގަނޑަށްވެސް ޓީމު ބައްޓަންކުރާނެ ބައިވަރު ގޮތްތަކެއް އެނގިގެންދިޔަ" ނީޝާ ބުންޏެވެ.

މިމުބާރާތުގެ ސަބަބުން ރާއްޖޭގެ ދެ ޓީމަށްވެސް ފައިދާތަކެއްކޮށްފިކަމަށާ، ކުރިއަށް އޮތް ދެމުބާރާތައް މިއީ ލިބުނު ރަނގަޅު ފުރުސަތެއްކަމަށް ނީޝާ ވަނީ ބުނެފައެވެ. މިއީ އިންވިޓޭޝަނަލް މުބާރާތެއްގައި ބައިވެރިވުމަށް ގައުމީ ނެޓްބޯޅަ ޓީމަށް ލިބުނު ފުރަތަމަ ފުރުސަތެވެ.

ސީނިއާރ ގައުމީ ނެޓްބޯޅަ ޓީމުން މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ އަހަރަށް ތާވަލުކޮށްފައިވާ އޭޝިއަން ޗެމްޕިއަންޝިޕުގައި ވާދަކުރުމަށެވެ. އަދި 21 އަހަރުންދަށުގެ ގައުމީ ނެޓްބޯޅަ ޓީމުން ފަރިތަކުރަމުންދަނީ މިއަހަރު ކޮރެއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖޫނިއާ އޭޝިއަން ޓޯރނަމެންޓުގައި ވާދަކުރުމަށެވެ.