ޚަބަރު

ބެސްޓް ރޭޑިޔޯ ޕްރެޒެންޓަރގެ ގަދަ 10 ޔަޤީންވެ، ވާދަވެރިކަން އިތުރުވެއްޖެ


  • ކުރިއަށް ހުރި ބުރުތަކުގައި އިންޓަވިއު ކުރުމާ، މަންޒަރު ސިފަކޮށްދިނުން އޮންނާނެ

ބެސްޓް ރޭޑިއޯ ޕްރެޒެންޓަަރ ސީޒަން 6ގެ ގަދަ ދިހައެއްގައި ވާދަކުރާ ބައިވެރީން ޔަޤީންވެއްޖެއެވެ. މިއާއެކު މުބާރާތުގެ ވާދަވެރިކަން މިވަނީ ކުރިއަށްވުރެވެސް ބޮޑަށް އިތުރުވެފައެވެ.

މިއަހަރުގެ ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުން ރޭޑިޔޯގައި ޕްރެޒެންޓުކުރުމުގައި އާންމުކޮށް ބޭނުންކުރާ ފޯމެޓްތަކުގެ ތެރެއިން ވާހަކަ ކިޔުމުގެ ހުނަރު ދެއްކުމަށްފަހު ފަނޑިޔާރުންގެ މާކުސްއާ އާންމުންގެ ވޯޓުން އެންމެ މަތިން ލިބުނު 10 ބައިވެރިން މިވަނީ ކަނޑައަޅާފައެވެ.

ގަދަ 10 އެއްގައި ވާދަކުރާ ބައިވެރިން:

އާމިނަތު އިނާސް
މޫސާ ނާޝިއު
ލަސަން މުޙައްމަދު
ލުބްނާ ރަފީއު
އަލީ ޖައިޝަން ޢާމިރު
ޞާބިރާ އިސްމާޢީލް
ޢާއިޝަތު ފިނާ ފިރާޤް
ޢާއިޝަތު ލަޠީފް
ހަނާން އިބްރާހީމް
ޢަލީ ހަސީން

ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގައި އެންމެ ފަހުން ބައިވެރިން ދައްކާފައިވަނީ ރޭޑިޔޯ ޑްރާމާ ކުޅުމުގެ ހުނަރެވެ. އަދި މުބާރާތުގެ ކުރިއަށް ހުރި ބުރުތަކުގައި އިންޓަވިއު ކުރުމާ، ރޭޑިޔޯގެ އެހުންތެރިންނަށް މަންޒަރު ސިފަކޮށްދިނުންވެސް އޮންނާނެކަމަށް ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑުން ވިދާޅުވެއެވެ.

މިއަހަރުގެ މި މުބާރާތަށް ވެސްވަނީ އަގުހުރި އިނާމުތަކެއް ހުށަހަޅާފައެވެ. އެގޮތުން، މުބާރާތުގެ ޓައިޓަލް ކާމިޔާބުކުރާ ފަރާތަކަށް މުބާރާތުގެ ޓައިޓްލް އެވޯޑުގެ އިތުރުން 25،000 ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކޮންޓްރެކްޓް އުސޫލުން އެއް އަހަރު ދުވަހު ދިވެހިރާއްޖޭގެ އަޑުގައި ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން މުބާރާތުގެ 2 ވަނަ އަށް 20،000 އަދި 3 ވަނަ އަށް 15،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

2016 ވަނަ އަހަރުން ފެށިގެން ޕީ.އެސް.އެމްގެ ދިވެހިރާއްޖޭގެ އަޑުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތަކީ ރޭޑިއޯ ޕްރެޒެންޓިންގެ ދާއިރާއަށް ހުނަރުވެރި ޒުވާނުން ތަޢާރަފުކޮށް މި ދާއިރާއިން އިތުރަށް ކުރިއަށްދެވޭނެ މަގުފަހިކޮށްދިނުމަށް ބާއްވަމުން އަންނަ މުބާރާތެކެވެ. އަދި މިއީ މި ދާއިރާއަށް ޝަޢުގުވެރިވާ ޒުވާނުންނަށް ޚާއްސަކޮށްގެން ރާއްޖޭގައި ކުރިއަށްގެންދާ އެންމެ ފޯރިގަދަ، އެންމެ ވާދަވެރި އަދި އެންމެ ބޮޑު މުބާރާތެވެ.