ޚަބަރު

ފުރަތަމަ މެޗުން ނެދަލަންޑްސް މޮޅުވެއްޖެ


ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ނެދަލަންޑްސްއިން ކުޅުނު ފުރަތަމަ މެޗުން މޮޅުވެއްޖެއެވެ. ޔޫރަޕުގެ ވޯލްޑް ކަޕް ކޮލިފައިން ގްރޫޕް ޖީ ގައި ރޭ ފިންލަންޑާ ދެކޮޅަށް ކުޅުނު މި މެޗުން ނެދަލަންޑްސް މޮޅުވެފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

ގައުމުން ބޭރުގައި ނެދަލޭންޑްސް ކުޅުނު މި މެޗުގައި އެ ޓީމުން ވަނީ ރަގަޅު ކުޅުމެއް ދައްކާ ފިންލޭންޑްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ. އޭގެ ތެރޭގައި މެމްފިސް ޑިޕޭ އާއި ޑެންޒެލް ޑަމްފްރައިސްގެ އިތުރުން ކޯޑީ ގެކްޕޯ ވަނީ ފިންލެންޑްގެ ގޯލަށް އަމާޒުކޮށް ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ.

މި މެޗުގައި ނެދަލޭންޑްސް އިން ލީޑު ނަގާފައިވަނީ މެޗުގެ 6 ވަނަ މިނިޓުގައި ކޯޑި ގެކްޕޯ ދިން ޕާހަކުން މެމްފިސް ޑިޕޭ ކާމިޔާބުކުރި ލަނޑުންނެވެ. އަދި އޭގެ 17 މިނިޓު ފަހުން ޑެންޒެލް ޑަމްފްރައިސް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.

މެމްފިސް ޑިޕޭ މި މެޗުގައި ޖެހި ލަނޑާއެކު އޭނާ ގައުމީ ޓީމަށް ޖަހައިދިން ލަނޑުގެ އަދަދު ވަނީ 48 އަށް އަރާފަ އެވެ. ނެދަލޭންޑްސްއަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ރޮބިން ވެންޕާސީ އަށް ޖެހިފައިވަނީ 50 ލަނޑެވެ.

ނެދަލޭންޑްސް މި މެޗުން މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ގްރޫޕް ޖީގެ ތިންވަނަ މަގާމް ލިބިފަ އެވެ. މި ގްރޫޕްގައި ޖުމްލަ 5 ޓީމު ހިމެނޭއިރު ގިނަ ޓީމުތަކުން ވަނީ ތިން މެޗު ކުޅެފަ އެވެ. އެއްވަނައިގައި އޮތް ޕޮލެންޑް ކުޅުނު ދެ މެޗުން މޮޅުވެ އެ ޓީމުން ވަނީ ހަ ޕޮއިންޓް ހޯދާފަ އެވެ. ދެވަނައިގައި އޮތް ފިންލެންޑް ވަނީ ކުޅުނު ތިން މެޗުން 4 ޕޮއިންޓް ހޯދާފަ އެވެ.

މި މެޗަށްފަހު ވާހަކަ ދައްކަމުން ނެދަލޭންޑްސްގެ ކެޕްޓަން ވެންޑައިކް ބުނެފައިވަނީ ފުރަތަމަ މެޗަކީ އަބަދުވެސް އުނދަގޫ މެޗެއް ކަމަށެވެ.

"މުބާރާތެއްގެ ފުރަތަމަ މެޗަކީ އަބަދުވެސް އުނދަގޫ މެޗެއް. މި މެޗުގައި ރަގަޅަށް ކުޅެ ވަނީ ގިނަ ހަމަލަތަކެއް އުފައްދާފައި އަދި ނަސީބު ރަގަޅު ނަމަ 3 ލަނޑަށްވުރެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެވުނީސް." ވެންޑައިކް ބުންޏެވެ.