ޒުލްޙިއްޖާ މަހުގެ 9 ވަނަ ދުވަހުގެ މެންދުރު ވަގުތަށް އެންމެހާ ޙައްޖާޖީން ޖަމާވީ އަރަފާތު ބިމަށެވެ. މިއީ މުސްލިމުންގެ އެންމެ ބޮޑު އެއްވުމެވެ.
މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 1.6 މިލިޔަން މީހުން އަރަފާތު ބިމުގައި މެންދުރާއި ޢަސުރުން ފަހުގެ ވަގުތުތައް ހޭދަކުރަމުން ދިޔައެވެ.
އަރަފާތު ދުވަހުގެ މެންދުރު ވަގުތު ފިނިހޫނުމިން 42 ޑިގްރީ ސެލްސިއަސްއަށް ވަނީ އަރާފައެވެ. މި ހޫނުގަދަ ދުވަހުގެ މެންދުރު ވަގުތު އަރަފާތު ބިމުން ފެނުނީ މާތްﷲއަށް ކުށްތަންވެ ދުޢާ ކުރުމުގައި ޙައްޖާޖީން ވަގުތުތައް ހޭދަކުރަމުންދިޔަ މަންޒަރެވެ.
ހޫނު ގަދަކަމާއެކު ބޭރަށް ނުކުމެ ނޫޅުމަށް ސަޢުދި ޢަރަބިޔާގެ ކަމާ ގުޅުންހުރި އިދާރާތަކުން ވަނީ ޢިލްތިމާސްކޮށްފައެވެ. ދިވެހި ޙައްޖާޖީން އެމީހުންނަށް ޚާއްސަކޮށްފައިވާ ފޭލިގެތަކުގައި ތިބިނަމަވެސް ފެނުނީ ދުޢާކުރުމާ ޒިކުރުކުރުމުގައި ވަގުތުތައް ހޭދަކުރަމުންދިޔަ މަންޒަރެވެ.
ބޭނުންޖެހިފައިވާ މީހުން އެމީހުންގެ ބޭނުންތައް ފުއްދައިދެއްވާތޯ ﷲއަށް ދުޢާކޮށް ލޮލުން ކަރުނަ ފައިބަމުންދިޔަ މަންޒަރު ފެނުނެވެ. ކީރިތި ޤުރުއާން ކިޔަވަން ތިބި އެކި އުމުރުގެ މީހުން ފޭލިގެ ތެރެއިން ފެންނަމުންދިޔައެވެ. ފޭލިގެއިން ބޭރުން ޢަރަފާތު ބިމުންވެސް ފެނުނީ މާތްﷲއަށްޓަކައި ދުޢާކޮށް ރޮއެ އުޅުނު މީހުންނެވެ.
އުޑާ ދިމާޔަށް ދެއަތް އުފުލައިގެން ހިތުގެ ޚާލިސްކަމާއެކު ދުޢާތައް ﷲއަށް ދަންނަވަމުން ދިޔައީ އަސަރުން ފުރިގެންވާ ގޮތަކަށެވެ. ގަސްމަދު އެ ބިމުގައި އެތައް ހާސް ބަޔަކު ޖަމާވެފައިވާއިރު ކޮންމެ މީހަކަށް ހިޔާ ލިބޭ ތަންކޮޅެއްގައި ނަމާދުކޮށްލުމުގެ ފުރުސަތު ނުލިބެއެވެ. އެހެންނަމަވެސް އެކަކު ކުޑަނަގައިގެން ހުންނައިރު އެ ކުޑައިގެ ހިޔަލުގައި ނަމާދުކޮށް ދުޢާކުރަން ތިބި މީހުންވެސް އެހާމެ ގިނައެވެ. ކޮންމެ މީހަކުވެސް ދެދުނިޔޭގެ ރަހުމަތަށް އެތި ﷲގެ ހަޟްރަތުގައި ދުޢާކުރުމުގައި އަރަފާތު ބިމުގައި ވަގުތުތައް ހޭދަކުރަމުން ދިޔައެވެ.
ޖަބަލުއްރަޙުމާގެ މަތީގައި ހިލަތަކުގެ މަތީގައިވެސް ދުޢާކޮށް ޛިކުރުކުރަން އެތައް ޙައްޖުވެރިންނެއް މަޑުކޮށްގެން ތިއްބެވެ. ދުރުން ބަލާމީހަކަށް ޖަބަލުއްރަޙުމާގެ މަތީގައި ހުދުކުލައިގެ ސާލެއް ފަތުރާފައިވާހެން ހީވެއެވެ.
ނަމިރާ މިސްކިތުގައި ދެވުނު މިއަހަރުގެ ޙައްޖު ޚުޠުބާ އަޑުއެހުމަށް ގިނަ ބަޔަކު ނަމިރާ މިސްކިތަށް ދިޔައެވެ. ޚުޠުބާ އަޑުއަހަމުން ދިޔައިރު ޙައްޖުވެރިންގެ ލޮލުން ކަރުނަ ފައިބަމުންދިޔައެވެ.
މި ޚުޠުބާ އަޑުއަހަން ޙައްޖާޖީން ތިބީ ފެންކަޅިވެފައެވެ. އިސްލާމީ އުންމަތަށް ކުރާ ޢިލްތިމާސްތަކަކާ ވަސިއްޔަތްތަކެއް މި ޚުޠުބާގައި ހިމެނެއެވެ.