ޙައްޖުގެ މަޝާއިރުތަކުގައި ހިމެނޭ ކޮންމެ ކަމަކީ އެކަންކަން ކުރުން ދޫކޮށް ނުލެވޭ ކަންކަމެވެ. އެގޮތުން މިފަދަ އެއްތަނަކީ މިނާއެވެ.
ޙައްޖުގެ މަޝާއިރުތައް ފަށަނީ މައްކާގެ ސަރަޙައްދާ ގުޅިގެން މާތްﷲ މާތް ކުރައްވާފައިވާ މިނާއިންނެވެ. ޙައްޖު މަހުގެ 8 ވަނަ ދުވަހު މިނާގައި މަޑު ކުރުމަށްފަހު އަރަފާތާއި މުޒްދަލިފާގައި މަޑުކުރުމަށްފަހު އަނެއްކާވެސް އެނބުރި ދާން ޖެހެނީ މިނާއަށެވެ. އެގޮތުން ޙައްޖު މަހުގެ 11،12 އަދި 13 ވަނަ ދުވަސްވެސް ހޭދަކުރަނީ މިނާގައެވެ. މިނާއަކީ މުސްލިމުންނަށް ވަރަށް ބޮޑު ތާރީޚެއް އޮތް ތަނެކެވެ. މިނާއަކީ މާތް ﷲއަށް ކުއްތަންވުމުގައި އެއިލާހުގެ އަޅުތަކުންގެ ޤުރުބާނީ ހަނދާން ކޮށްދޭ ތާރީޚީ ތަނެކެވެ.
މިނާއަކީ މާތް ﷲއަށް ކުއްތަންވުމުގައި އެއިލާހުގެ އަޅުތަކުންގެ ޤުރުބާނީ ހަނދާން ކޮށްދޭ ތާރީޚީ ތަނެކެވެ. އެއީ އިބްރާހީމް އަލައިހިސަލާމް އިމްތިޙާން ކުރެއްވި ތަނެވެ. މާތް ﷲ އިބްރާހީމްގެފާނު އިމްތިޙާނު ކުރެއްވީ އެކަލޭގެފާނުގެ ލޮބުވެތި ދަރިކަލުން އިސްމާއިލްގެފާނު ޒަބަހަ ކުރެއްވުމަށެވެ. މާތް ﷲގެ އެއެންގެވުމަށް ހަމައެކަނި ހުންނެވި ދަރިކަލުން ގޮވައިގެން ޒަބަހަކުރެއްވުމަށް އިބްރާހިމްގެފާނު ވަޑައިގަތީ މިނާއަށެވެ. މިނާއަށް އެ ދެބަފައިކަލުން ވަޑައިގަތްއިރު ތިއްބެވީ އެކަން ކުރެއްވުމަށް ހިތުން ރުހުމުންނެވެ.
އެހެންނަމަވެސް އިބްރާހީމް އަލައިހިއްސަލާމްގެ އެ ޤުރުބާނީ ހުއްޓުވުމަށް އިބިލީސް މަސައްކަތް ކުރިއެވެ. އިންސާނެއްގެ ސޫރައިގައި ހުރެގެން ޝައިތާނާ އިބްރާހީމްގެފާނަށް ވިސްނައިދެމުން ގެންދިޔައީ ޤުރުބާން ކުރުމަކީ އިންސާނުން ކޮށް އުޅޭކަމެއް ނޫންކަމަށެވެ. މާތް ﷲ އެކަމުން ފުދިވޮޑިގެންވާކަން ވިސްނައިދެމުން ގެންދިޔައެވެ. އިބްރާހީމްގެފާނުގެ އިތުރަށް އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލްގެ ފާނަށްވެސް އިބިލީސް ވިސްނައިދެމުން ގެންދިޔައީ ހަމަ އެބީދައިންނެވެ.
އިސްމާޢީލްގެފާނަށް އިބިލީސް ހުށައެޅީ ތިއީ ޒުވާން ކުއްޖެއްކަމާއި ދުނިޔޭގައި ހުރެއްޖެނަމަ ވަރަށް ބޮޑެތި ހެޔޮ ކަންތައްތައް ކޮށްދެވޭނެކަމަށެވެ. މާތް ﷲ އިންސާނެއް ޒަބަހަ ކުރެއްވުމަށް އެދިވަޑައި ނުގަންނަވާނެ ކަމަށްވެސް ޝައިޠާނާ ވިސްނައިދެމުން ގެންދިޔައެވެ. ނަމަވެސް މާތް ﷲގެ ރަޙްމަތުން ޝައިޠާނާގެ އެނުބައި ވަސްވާސްތަކުން އިބްރާހީމްގެފާނާއި ދަރިކަލުން ސަލާމަތްކުރެއްވިއެވެ. ޝައިޠާނާގެ ބަހަށް ހެއްލުމުގެ ބަދަލުގައި ބިން މަތިން ހިލަ ހޮއްވަވާ އިބްރާހިމްގެފާނު އިބިލީސް ފައްސާލެއްވިއެވެ. އެކަން ތިން މަޤާމެއްގައި އިބްރާހިމްގެފާނު ކުރެއްވިއެވެ.
އިބްރާހީމްގެފާނުގެ ޤުރުބާނީ ޤަބޫލުކުރައްވާ އިސްމާއީލްގެފާނު ޒަބަހަ ކުރެއްވުމުގެ ބަދަލުގައި އުޟްޙިޔާގެ ޤުރުބާނީދެއްވިއެވެ. އެގޮތުން ޖަންނަތުން ކަންބަޅި ބަކަރިއެއް މާތް ﷲ ފޮނުއްވެވުމުން އިބްރާހީމްގެފާނު އެކަންބަޅި ބަކަރި ޤުރުބާން ކުރައްވާ އެސުންނަތް އަންނަން އޮތް އިސްލާމީ އުއްމަތަށް ޝަރުޢުކުރެއްވިއެވެ. ޙައްޖަށް ނާދެވޭ މީހުންވެސް އުޟުހިޔާގެ ޤުރުބާނީ ކުރުން ސުންނަތް ވެގެންވެއެވެ. އަދި ޙައްޖުގައި ބައިވެރިވާ ހުރިހާ ޙާޖީން ހަދްޔުގެ ގޮތުގައި އެއްޗެއް ކަތިލުން ވާޖިބުވެގެންވެއެވެ.
މިނާއާ ގުޅިގެން މި ޤުރުބާނީ ހަނދާން ކުރަންޖެހެއެވެ.