ޚަބަރު

ރޯޑް ސޭފްޓީ ޕާާޓްނަރުންގެ ގޮތުގައި 3 ކުންފުންޏަކާއެކު ސޮއިކޮށްފި


  • ސޮއިކުރީ އެމްޓީސީސީ، އެލައިޑް އިންޝުއަރަންސް އަދި އުރީދޫ މޯލްޑިވްސްއާއެކު

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް "ރައްކާ ކެމްޕެއިން"ގެ ނަމުގައި ކުރިއަށްގެންދާ ޚާއްސަ ކެމްޕެއިން ކުރިއަށް ގެންދިއުމަށް ތިން ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިސްކަންދަރު ބިލްޑިންގްގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުން ސޮއިކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ، އެމްޓީސީސީއާއި އުރީދޫ މޯލްޑިވްސްގެ އިތުރުން އެލައިޑް އިންޝުއަރެންސްއާއެކުއެވެ.

މި އެއްބަސްވުމުގައި ފުލުހުންގެ ޚިދުމަތުން ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން އެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ.

އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ކޮމާޝަލް އޮފިސަރ އޮފް މޯލްޑިވްސް ހުސައިން ނިޔާޒް އެވެ. އަދި އެލައިޑް އިންޝުއަރަންސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ އެގްޒެކިއުޓިވް ޑިރެކްޓަރ ނަސްރަތު މުޙައްމަދު އެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަހުލުވެރިކުރުމުގެ ގޮތުން ކުރިއަށްގެންދާ "ރައްކާ ކެމްޕެއިން" އާ ގުޅޭގޮތުން ޕީއެސްއެމްނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ޕްރޮގްރާމްގެ ދަށުން މިއަހަރު ރާއްޖޭގެ ދެ ސަރަޙައްދެއްގައި "ރައްކާ"ގެ ޝޯވް ބޭއްވުމަށް ނިންމާފައިވާކަމަށެވެ.

"މިއަހަރު ރައްކާގެ ދެ ޝޯވް ރާއްޖޭގެ ދެ ސަަރަޙައްދެއްގައި ބޭއްވުމަށް ނިންމާފައިވަނީ، އެގޮތުން މިމަހުގެ 17އިން ފެށިގެން މުޅި ށ އަތޮޅު ހިމެނޭހެން އަޅުގަނޑުމެން ރައްކާގެ ހަރަކާތްތަކެއް ކުރިޔަށްގެންދާނެ، އަދި މިއަހަރުގެ ފަހުކޮޅު ގއ. ވިލިނގިލި އަދި މުޅި އެއަތޮޅުގަވެސް ރައްކާގެ ޕްރޮގްރާމްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ" ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.

މީގެއިތުރުންވެސް މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަގުމަތީގެ ރައްކާތެރިކަމާއި ގުޅޭގޮތުން ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ކުރިއަށްދާނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ. އެގޮތުން، ޓްރެފިކް މޮނީޓަރސް ޕްރޮގްރާމްތަކާއި، ފަހި ރާސްތާ ޕްރޮގްރްމް، ޓެކްސީ ޑްރައިވަރުންނަށް ހިންގާ ޕްރޮގްރާމްގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ބާއްވާ ކުދި ރޯޑްޝޯވްތަަކާއި، ޓެކްސީ ޑްރައިވަރުން ތަމްރީނުކުރުމުގެ ޚާއްސަ ޕްރޮގްރާމްތަކެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

"ރައްކާ ކެމްޕެއިން"އަކީ 2014 ވަނަ އަހަރުންފެށިގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަހުލުވެރިކުރުވުމަށް ދިވެހިފުލުހުންގެ ޚިދުމަތުން މުޅިރާއްޖޭގައި ކުރިއަށްގެންދާ ޚާއްސަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން ފުލުހުން އަންނަނީ މާލެއާއި އަތޮޅުތެރޭގައިވެސް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަމުންނެވެ.