ޚަބަރު

ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ލިބެނީ މާތްﷲ އިޚްތިޔާރުކުރައްވާ ބަޔަކަށް


  • މިއަހަރުވެސް ރާއްޖެއިން 1000 މީހުންނަށް ޙައްޖުވުމުގެ ފުރުޞަތު ލިބުނު

  • މިއީ ތަޢުބާވުމަށް ލިބޭ ފުރުޞަތެއް

އިސްލާމްދީނަކީ އަޅުކަންކުރުމުގެ ރީތި އަޚުލާޤަކާ އުސޫލުތަކެއް އެކުލެވިގެންވާ ދީނެކެވެ. މާތްﷲއަށް އީމާންވުމަށްފަހު ކޮންމެ މުސްލިމަކުވެސް އަޅުކަންތަކެއްގެ މަތީގައި ދެމިހުންނަންޖެހެއެވެ. އެގޮތުން ނަމާދު ޤާއިމުކޮށް، ޒަކާތްދީ، ރަމަޟާންމަހުގެ ރޯދަ ހިފައި، ކުޅަދާނަކަން ލިބިގެންވާ މީހާ ޙައްޖުގެ އަޅުކަން އަދާކުރަންޖެހެއެވެ.

މާތްﷲ ފަރުޟުކުރައްވާފައިވާ އަޅުކަންތަކުގެ ތެރެއިން ޙައްޖުވުމަކީ އަހަރުގެ ވަކި ދުވަސްވަރެއްގައި ވަކި ތަނަކަށް ގޮސްގެން ނޫނީ އަދާ ނުކުރެވޭ އަޅުކަމެކެވެ. ޙައްޖުގެ އަޅުކަމަކީ އިސްލާމީ ތާރީޚުން ޢިބުރަތްތެރި އެތައް ފިލާވަޅެއް ޙައްޖާޖީންނަށް ދަސްކޮށްދޭ އަޅުކަމެކެވެ. ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ހާދިސާތަކުގެ ހަނދާންތައް އާކުރުމަށް ޙައްޖުގެ އަޅުކަން މަގު ފަހިކޮށްދެއެވެ. އެގޮތުން މުސްލިމު އުންމަތަކީ އެއްބައިވަންތަ އުންމަތެއްކަމާއި، މާތްﷲ ސުބުހާނަހޫ ވަތަޢާލާގެ ހަޟްރަތުގައި ހުރިހާ މުސްލިމުންނަކީވެސް ހަމަހަމަ ބައެއްކަން ޙައްޖުން ހާމަކޮށްދެއެވެ. މަޙްޝަރު މައިދާނުގައި އިންސާނުން ވާނެ ހާލާއި، ޤުރުބާނީތަކުގެ ހަނދާންވެސް ޙައްޖުގެ އަޅުކަމުން އާކޮށްދެއެވެ.

ކީރިތި ޤުރުއާނާއި، ކީރިތި މާތް ނަބިއްޔާގެ ސުންނަތުން އެނގޭ ގޮތުގައި ޙައްޖުގެ އަޅުކަމަކީ އިންސާނާގެ ކުށްފާފަތައް ފުއްސެވުމަށް ފަހިކޮށްދޭ ފުރުސަތެކެވެ. ޙައްޖުގެ މަނާސިކުތައް އަދާކުރުމަށް މުސްލިމުން ހޭދަކުރާ ކޮންމެ ވަގުތުކޮޅަކީވެސް ދަރުމަޔާ ސަވާބު ހޯދުމަށް ލިބިދޭ ވަގުތުކޮޅެކެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުން ރެއަކާ ދުވާލު ފަސްފަހަރު ނަމާދުކުރަނީ ގެފުޅަށް ކުރިމަތިލައިގެން ތިބެއެވެ. އެޤިބުލަ ހަމަލޮލުން ދެކިލާ ހަރަމްފުޅުގައި ނަމާދުކުރުމަކީ މުސްލިމުންނަށް އެތައް ހާސް ދަރުމަޔަކާ ސަވާބެއް ލިބޭ ކަމެކެވެ. ތިމާގެ ލޯބިވާ އަހުލުން ދޫކޮށް ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ލިބެނީ މާތްﷲ އިޚްތިޔާރުކުރައްވާ ބަޔަކަށެވެ. އެ ނަސީބު ލިޔުއްވާފައިވަނީ ވަކި ބައެއްގެ ހަޔާތުގައެވެ.

ޙައްޖުގެ މަތިވެރިކަމާއި ބެހޭގޮތުން ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރައްވާފައިވެއެވެ.
[الحج المبرور ليس له جزاء إلا الجنة)) [رواه البخاري ومسلم]
“މަބްރޫރު ޙައްޖަކަށް ސުވަރުގެ ފިޔަވައި އެހެން އެއްވެސް ޖަޒާއެއް ނުވެއެވެ.”

އެހެންކަމުން ޙައްޖުގެ މާތް އަޅުކަން އަދާކުރުމުގެ ނަސީބު ލިބޭ މީހުންނަށް އޮތް އަނެއް ނަސީބަކީ މަބްރޫރު ޙައްޖެއް ހޯދުމުގެ ނަސީބެވެ. ޙައްޖުގެ އަޅުކަން އަދާކުރުމުގެ ނަސީބު މިއަހަރު ލިބުނު 1000 މީހުންނަށް މިއީ ނަސީބުގެ ދަތުރެކެވެ.