ޚަބަރު

5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމް: މިހާތަނަށް 5 ލައްކައަށްވުރެ ގިނަ ގަސް އިންދައިފި


  • މިމަޝްރޫޢުގެ ދަށުން 6،331،100 މިލިޔަން ގަސް އިންދުމަށް ވަނީ ހަމަޖެހިފަ

  • މިޕްރޮގްރާމްގައި ރާއްޖެއިން ނެތެމުންދާ ބާވަތްތަކުގެ ގަސް އިންދާ އާލާކުރުމަށް އިސްކަންދީފައިވޭ

ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ސަރުކާރުން ފަށާފައިވާ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާގެ ދަށުން މިހާތަނަށް 5 ލައްކައަށްވުރެ ގިނަ ގަސް އިންދާފައިވާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަދާހަމައަށް 565،890 ގަސް ވަނީ އިންދާފައެވެ. މި މަޝްރޫޢުގެ ދަށުން މުޅި ޖުމްލަ 6،331،100 މިލިޔަން ގަސް އިންދުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމުގެ ދަށުން ގަސް އިންދުމަށް ވަޢުދުވި ކުންފުނިތައް

* ރޯޒްވުޑް - 1،478،244 ގަސް
* އެޗްޑީސީ – 1،000،000 ގަސް
* އެމްޕީއެލް – 1،000،000 ގަސް
* އެސްޑީއެމް ފަރމް – 750،000 ގަސް
* އާރްއޭސީއެލް – 500،000 ގަސް
* ސްޓެލްކޯ – 600،000 ގަސް
* އެހެނިހެން – 1،002،856 ގަސް

،،

ކުރިއަށް އޮތް 5 އަހަރު ތެރޭގައި 5 މިލިޔަން ގަސް އިންދެވުމުގެ ޕްރޮގްރާމެއް ހިންގެވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާންކުރެއްވީ ތިމާވެށީގެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ އެންމެ ބޮޑު ބައްދަލުވުންކަމުގައިވާ "ކޮޕް28"ގައެވެ. މި ޕްރޮގްރާމް ރަސްމީކޮށް ފައްޓަވާފައި ވަނީ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެންނެވެ.

5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެހާ ބޮޑު ކުރިއެރުމެއްލިބިފައިވާއިރު، މީގެކުރިން ހިންގާފައިވާ ގަސް އިންދުމުގެ ޕްރޮގްރާމްތަކާއި މި ޕްރޮގްރާމް ތަފާތުވާނޭކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެގޮތުން މީގެކުރިން ހިންގި ގަސް އިންދުމުގެ ޕްރޮގްރާމްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންގޮސްފައިނުވާއިރު، ރައީސް މުއިއްޒުގެ ސަރުކާރުން ފެއްޓެވި ގަސް އިންދުމުގެ ޕްރޮގްރާމް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މީގެ އިތުރުން މި ޕްރޮގްރާމްގައި އިސްކަން ދެއްވާފައިވަނީ ރާއްޖެއިން ނެތެމުންދާ ބާވަތްތަކުގެ ގަސް އިންދާ އާލާކުރުމަށެވެ. އެގޮތުން ރާއްޖެއިން ނެތެމުންދާކަމަށް 90 ބާވަތެއްގެ ގަސް ވަނީ ލިސްޓުކޮށް، މި ޕްރޮގްރާމްގައި އިންދުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމަށް ގަސް ހަދިޔާކުރުމާއި، ގަސް އިންދުމުގައި ހުރިހާ ރައްޔިތުން ބައިވެރިވުމަށް ސަރުކަރުން އެދެއެވެ. ސަރުކާރުން ކުރިއަށްގެންދާ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމަށް އަވައްޓެރި ޤައުމުތަކުން ގަސް ހަދިޔާކުރާނެކަމަށްވެސް ސަރުކާރުން މީގެކުރިން ވަނީ ހާމަކޮށްފައެވެ.