މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާގައި މިވަގުތު ތިބި ރާއްޖޭގެ 1000 ޙައްޖާޖީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރާނެކަމަށާއި، ޙައްޖާޖީންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް އެއްވެެސް ދަތިކަމެއް ނެތްކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ. ޝަކީލް މިހެން ވިދާޅުވީ، ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ސައުދި ޢަރަބިއްޔާއަށް ދިއުމަށް ހަމަޖެހިފައިވާ ހުރިހާ ޙާޖީން މައްކާއަށް ދިއުމާއި ގުޅިގެން، ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ.
ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ، މީގެ ކުރިންވެސް ގިނަ ޢަދަދެއްގެ ޙައްޖުވެރިންނަށް ދީފައިވާ ޚިދުމަތުގެ ތަޖުރިބާއާއި ކެޕޭސިޓީގައި، މިފަހަރުވެސް 1000 ޙައްޖުވެރިންނަށް ޚިދުމަތްދިނުމަކީ ދަތިކަމެއް ނޫންކަމަށެވެ. ހުރިހާ ގޮތަކުންވެސް ޙައްޖުވެރިންނަށް ޚިދުމަތްދިނުމަށް ތައްޔާރަށް އޮތްކަން ފާހަގަކުރައްވަމުން ޝަކީލް ވިދާޅުވީ، މަޝާއިރު ނުވަތަ ޙައްޖުގެ އަޅުކަން ކުރިއަށް އޮތް ހަތަރުވަރަކަށް ދުވަހުގެތެރޭގައި ފެށޭއިރު، މިނާއަށް ދިއުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދާކަމަށެވެ.
"ހުރިހާ ޙައްޖުވެރިންނަށް އެއްކޮށް މިނާއަށް ދިއުމަށް ތައްޔާރުވާނީ. އެހެންވީމަ އެކަންތައްތައް މުޠައްވިފާ ގުޅިގެން ވާންޖެހޭ ތައްޔާރިތައް އަޅުގަނޑުމެން ދަނީ ވަމުން. އޭގެ އިތުރުން އަރަފާތު ބިމަށް ދިުމަށްފަހު ރަނގަޅު ކުރަންޖެހޭ ކަންކަން ހުރިނަމަ ޙައްޖު ދުވަހުގެ ކުރިން އެ ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ފުރިހަމަކުރާނަން."
އެހެން އަހަރުތަކާ ޚިލާފަށް ޙައްޖާޖީނަށް ބޮޑެތި ލުއިތަކެއް ހަމަޖައްސާދެމުން އަންނަ އަހަރެއްކަން ފާހަގަކުރައްވަމުން ޝަކީލް ވަނީ ޙައްޖުވެރިންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް ބޮޑު އެދިވަޑައިގަތުމެއްކަމަށް ވިދާޅުވެފައެވެ. މިގޮތުން އެމަނިކުފާނުގެ އެދިވަޑައިގަތުމަށް، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މައްކާއިން މަދީނާއަށް ހައި ސްޕީޑު ޓްރެއިންގައި ދިއުމަށް ހަމަޖައްސާފައިވާކަމަށެވެ. އެކމަށްވެސް ވާންޖެހޭ ތައްޔާރީތައްވެސް ވެނިމިފައިވާކަމަށް ޝަކީލް ވިދާޅުވިއެވެ.
ޝަކީލް ވިދާޅުވީ ޙައްޖު ކޯޕަރޭޝަނުން އެއްވެސް ޙައްޖާޖީއެއް ތަފާތުކުރުމެއްނެތި ޚިދުމަތް ދެމުންގެންދާނެކަމަށެވެ. އަދި ދިވެހި ހައްޖުވެރިންގެ ރައްކާތެރިކަމަށްވުރެ އެހެން އެއްވެސްކަމެއް ހައްޖު ކޯޕަރޭޝަނަށް އިސްނުވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.