ޗެމްޕިއަންޓީމަށް ބައިލައްކަ ރުފިޔާގެ ފައިސާގެ އިނާމާއެކު "ދުވާފަރު ދަންޑަހެލު ކަޕް 2025" ގައި ބައިވެރިވާން ހުޅުވާލައިފިއެވެ.
މިމުބާރާތަކީ ދުވާފަރުގެ ޓީމުތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. "ދުވާފަރު ދަންޑަހެލު ކަޕް 2025" ގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ ޖޫން މަހުގެ ދިހަވަނަ ދުވެހެވެ. މިއީ ދުވާފަރުގެ ޓީމުތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މުބާރާތެއް ނަމަވެސް ކޮންމެ ޓީމެއްގައިވެސް ރަށުން ބޭރުގެ ފަސް ކުޅުންތެރިއަކު ހިމެނުމުގެ ފުރުސަތުވަނީ ހުޅުވާލައެވެ.
މިމުބާރާތް ބޭއްވުމަށް ތާވަލުކޮށްފަވަނީ ޖުލައިމަހުގެ ހަތަރެއްވާ ހުކުރުދުވަހަށެވެ. މިއީ މުޅި ރ. އަތޮޅުގައިވެސް ބޭއްވޭ އެންމެ އަގުބޮޑު ފުޓުބޯޅަ މުބާރާތެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައެޅިފަވާއިރު، ރަނަރަޕް ޓީމަށް 25000 ރުފިޔާގެ އިނާމެއް ދޭގޮތަށްވަނީ ހަމަޖެހިފައެވެ.
މިއީ "ދުވާފަރު ދަންޑަހެލު ކަޕް" ބާއްވާ ދެވަނަ އަހަރެވެ. ފާއިތުވެ ދިޔަ އަހަރުވެސް މިމުބާރާތްވަނީ ފޯރިއާއެކު ކުރިއަށް ގެންގޮސްފައެވެ. ނިމިދިޔަ އަހަރު މި މުބާރާތުން ޗެމްޕިއަންކަން ހޯދާފައިވަނީ އިލެވެން އެޓޭކްއާ ވާދަކޮށް ޑާކް ޕާކް ސްޕޯޓްސް ކުލަބުންނެވެ.
މިމުބާރާތާ ގުޅެގޮތުން "އެސްއެމް ނިއުސް" އަށް މައުލޫމާތުދެއްވަމުން ރ. ދުވާފަރު ކައުންސިލް މެންބަރ އަބްދުﷲ ނަޒީމް ވިދާޅުވީ މުބާރާތައް ފޯރިއާއެކު ރަށުގެ ރައްޔިތުން ތައްޔާރުވަމުން އަންނަކަމަށެވެ. އަދި މުބާރާތެއް ބޭއްވުމުގެ މަގްސަދަކީ ދުވާފަރުގައި ފުޓުބޯޅަ ދިރުވާ އާލާކުރުމާ، ކުޅިވަރުގެ އަޚުލާޤު ރަށު ޒުވާނުންގެ މެދުގައި އަށަގަންނެވެމުގެ އިތުރުން ކުޅިވަރުގެ ޒަރީއާއިން ރަށުގެ އިޖްތިމާޢީ ގުޅުންތައް ވަރުގަދަކޮށް، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ދުވާފަރު ރައްޔިތުންނަށް ބާރުއެޅުމެވެ.
"ދުވާފަރަކީ އަބަދުވެސް ކުޅިވަރުގެ ރަށެއް. މިރަށުގައި އެބަތިބި ވަރަށް ހުނަރުވެރި ކުދިން. ޤައުމީ ފެންވަރުގައިވެސް ރަށުގެ ކުދިން އެބަފެނޭ. ވަރަށް ފޯރީގައި މުބާރާތައް ތައްޔާރުވަމުން އަންނަނީ. އުންމީދަކީ ފާއިތުވެ ދިޔަ އަހަރަށްވުރެ ގިނަ ޓީމުތަކުން މިފަހަރުގެ މުބާރާތުގައި ކުޅެ، ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް އަނެއްކާވެސް ވިދާލުން" ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ނަޒީމް ވިދާޅުވިއެވެ.
ދުވާފަރަކީ ކުޅިވަރުގެ ފޯރި ގަދަ ރަށެކެވެ. މިގޮތުން އެރަށުގެ ޓީމުންވަނީ ފާއިތުވެދިޔަ ތިން އަހަރު އަތޮޅު ޗެމްޕިއަންކަން ހޯދާފައެވެ. މީގެ އިތުރުން 2023 ވަނަ އަހަރުގެ ޒޯން ޗެމްޕިއަންކަންވެސް ހޯދާފަވަނީ ދުވާފަރުންނެވެ. ރަށަށް ނިސްބަތްވާ މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި އިސްމާއިލް އީސާ (މެސީ)، ހަސަން ނާއިޒު، މުހަންމަދު އިޝާމް (ސަންޓޭ)، މުސްލިމް މުހަންމަދު (ރޮނާ) އަދި އިބްރާހިމް ނަޒީމް އާދަމް (ރިކޫ) ފާހަގަކޮށްލެވެއެވެ.
"ދުވާފަރު ދަންޑަހެލު ކަޕް 2025" ޖުލައިމަހުގެ ހަތަރުވަނަ ދުވަހަށް ތާވަލުކޮށްފަވާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދާނީ ދުވާފަރުގެ މަޝްހޫރު ދަންޑަހެލު ސްޓޭޑިއަމްގައެވެ. މިއީ ރަނގަޅު ފެންވަރަށް ތަރައްޤީކޮށްފައިވާ ވިނަ ދަނޑެކެވެ.