ޚަބަރު

މަސްޖިދުއް ނަމިރާ: އަހަރަކު އެއް ދުވަހު ނަމާދުކުރާ މިސްކިތެއް


  • ނަމިރާ މިސްކިތުގައި ނަމާދުކުރާނީ އަރަފާތު ދުވަހު އެކަނި

  • އަރަފާތު ދުވަހަށް ތައްޔާރުވުމަށް މިސްކިތް އާބާތުރަ ފިލުވަމުމުގެ މަސައްކަތް ދަނީ ކުރަމުން

ހިޖުރައިން 10 ވަނަ އަހަރު ކީރިތި މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙައްޖުގެ އަޅުކަމަށް ވަޑައިގަންނަވާން ގަސްތުކުރައްވާކަން އިޢުލާންކުރެއްވިއެވެ. މިއީ މަދީނާގައި ތިބި މުސްލިމުންނަށް އުފަލުން ފުރިގެންވީ ޚަބަރަކަށްވިއެވެ.

ނަތީޖާއެއްގެ ގޮތުން ލައްކައަކަށްވުރެ ގިނަ މުސްލިމުންނައިގެން އެކަލޭގެފާނުގެ އުފަން ބިންކަމުގައިވާ މައްކާއަށް ވަދެވަޑައިގެންނެވިއެވެ. މި ޙައްޖު ދަތުރުފުޅުގައި މައްކާގެ ޢަރަފާތު ބިމުގައި ޙައްޖު ދުވަހު ވަރަށް ތާރީޚީ ޚުޠުބާއެއް ދެއްވިއެވެ. މި ޚުޠުބާއަކީ އެކަލޭގެފާނު މި އުންމަތަށް ދެއްވި ވަދާޢުގެ ޚުޠުބާކަމުގައި ވިއެވެ.

މުހާޖިރުންނާއި އަންޞާރުންގެ ތެރެއިން ގިނަ ޢަދަދެއްގެ ބޭކަލުންނާއި ޢަރަބި ޤަބީލާތަކާއި ޤުރައިޝުންގެ ތެރެއިން އިސްލާމްވީ އެތައްބަޔަކާއި އެތައް އަންހެނުންނެއް ހިމެނޭހެން އެއްލައްކަ ސާޅީސްހާސް މުސްލިމުންގެ ކުރިމަތީގައި ވަދާޢުގެ ޚުޠުބާ އެކަލޭގެފާނު ދެއްވިއެވެ. ނަބިއްޔާ صلى الله عليه وسلم ޙައްޖުދުވަހުގެ ޚުޠުބާ ދެއްވަން ހުންނެވީ ވާދީ ނަމިރާގައެވެ. އެއީ ޢަރަފާތުގެ ބޭރެވެ. އެކަލޭގެފާނު ޢަރަފާތު ތެރެއަށް ވެދެވަޑައިގެންނެވީ މެންދުރާއި ޢަޞުރު ޢަރަފާތުން ބޭރުގައި ކުރައްވައި ޚުޠުބާ ދެއްވުމަށްފަހުއެވެ. އެ ތާރީޚީ ޚުޠުބާ ކީރިތި ރަސޫލާ ދެއްވި ތަނަކީ މިއަދު މަސްޖިދުއް ނަމިރާ، ނުވަތަ ނަމިރާ މިސްކިތެވެ.

މިހާރުވެސް ނަމިރާ މިސްކިތުގައި ޚުޠުބާ ދެއްވާ އިމާމު ހުންނަވަނީ ޢަރަފާތުން ބޭރުގައެވެ. ނަމަވެސް ޢަރަފާތު ބިމާއި މިސްކިތާ ވަކިވާ ސަރަހައްދު ފާހަގަކޮށްފައި ހުރެއެވެ. ނަމިރާ މިސްކިތުގެ ޤިބުލައާ ދިމާއިން ވާތުން ކަނާއަތަށް ބޮޑުވާ ގޮތަށް ޢިމާރާތްކޮށްފައިވަނީ ޢަރަފާތުން ބޭރުގައެވެ.

ނަމިރާ މިސްކިތަކީ ސަޢުދީ އަރަބިޔާގެ ވާދީ އުރަނާގައި ހުންނަ މިސްކިތެކެވެ. މިމިސްކިތް ބިނާކޮށްފައިވަނީ ޢަރަފާތު ބިމުގެ ހުޅަނގު ފަރާތުގައެވެ. ނަމިރާ މިސްކިތް ބިނާކުރެވުނީ އައްބާސީ ޚިލާފަތުގެ ދުވަސްވަރުގައެވެ. މިސްކިތަށް ކިޔާ ނަންތަކުގެ ތެރޭގައި މަސްޖިދު އިބްރާހިމް އަލް ޚަލީލް، މަސްޖިދް ޢަރަފާތު، މަސްޖިދު ޢުރަނާ ހިމެނެއެވެ.

ނަމިރާ މިސްކިތް ބިނާކޮށްފައިވަނީ ޖަބަލުއްރަޙުމާ ކައިރީގައެވެ. ނަމިރާ މިސްކިތަކީ ސަޢުދީގައި ހުރި އެންމެ ބޮޑެތި މިސްކިތްތަކުގެތެރެއިން އެއް މިސްކިތެވެ. މި މިސްކިތުގައި އެއްފަހަރާ ހަތަރުސަތޭކަ ހާސް މީހުންނަށް ނަމާދުކުރެވޭނެ ޖާގަ ހުރެއެވެ.

މަސްޖިދުއް ނަމިރާއަކީ ޙައްޖު ދުވަހުގެ ދެވޭ އެންމެ ޚާއްސަ ޚުޠުބާ ދެވޭ މިސްކިތެވެ. ނަމިރާ މިސްކިތުގެ މިމްބަރުގައި ދެވޭ ޙައްޖު ޚުޠުބާއަކީ އިސްލާމީ އުންމަތުގެ ހާލަތު ބަޔާންކޮށްދީ، މުސްލިމުން އެކަތިގަނޑެއްގެ ގޮތުގައި ދެމިތިބޭނެ ގޮތް ބަޔާންކޮށްދޭ ޚުޠުބާއެކެވެ. އަދި މި ޚުޠުބާއަކީ އިސްލާމް ދީނުގެ ތެދުމަގުގައި ސާބިތުވެ ތިބުމަށް މުޅި އިސްލާމީ އުންމަތަށް އިއްވޭ ޚުޠުބާއެކެވެ.

މިއަހަރުގެ ޛުލްޙިއްޖާމަހުގެ 9ވަނަ ދުވަހު މަސްޖިދުއް ނަމިރާގައި ޙައްޖު ޚުޠުބާ ދެއްވާނީ މަސްޖިދުލް ޙަރާމްގެ އިމާމް ޑރ. ޞާލިޙް ބިން ޢަބްދުﷲ ނިން ޙުމައިދުއެވެ. ޢަރަބި ބަހުން މި ޚުޠުބާ ދެމުންދާ ވަގުތުން 20 ބަހަށް މި ޚުޠުބާ ތަރުޖަމާވެގެންދާނެއެވެ.

ނަމިރާ މިސްކިތް އަރަފާތު ދުވަހު ހުޅުވުމަށް މިހާރު ދަނީ އާބާތުރަ ފިލުވުމުގެ މަސައްކަތްކުރަމުންނެވެ. މިއީ ހަމައެކަނި އަހަރަކު އެންމެ ދުވަހު ނަމާދުކުރާ މިސްކިތެކެވެ.