ކުޅިވަރު

ފުޓްބޯޅަ ދުވަހުގެ ސަބަބުން މިކުޅިވަރަށް ކުޑަކުދިންގެ ޝައުގުވެރިކަން އިތުރުވާނެ: ވަޒީރު ރާފިއު


ފުޓްބޯޅަ ދުވަހުގެ ސަބަބުން މިކުޅިވަރަށް ކުޑަކުދިންގެ ޝައުގުވެރިކަން އިތުރުވާނެކަމަށް ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ފުޓުބޯޅަ ދުވަސް ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި އިއްޔެވަނީ ފާހަގަކޮށްފައެވެ. މިގޮތުން މާލޭގައި މިހަރަކާތްކުރިއަށްދިޔައީ އިއްޔެ ހަވީރު ރަސްމީ ބޯޅަދަނޑުގައެވެ. މިހަރަކާތުގެ ތެރެއިން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ފުޓުބޯޅަ ދުވަހުގެ މުނާސަބަތުގައި އެކި އެކަޑަމީތަކުން މިކުޅިވަރަށް ލޯބިކުރާ ކުދިންތަކެއް އެއްތަނަކަށް އެއްކުރެވި، އެކުވެރިކަމާއެކު މަޖާ މާހައުލެއްގައި ފުޓުބޯޅަ ކުޅެލުމުގެ ފުރުސަތު ފަހިކޮށްދެވިއްޖެކަމަށެވެ.

"ދުނިޔޭގެ ފުޓްބޯލް ދުވަހުގެ މުނާސަބަތުގައި އަޅުގަނޑުމެން އެކަޑަމީތަކުގެ ކުދިން ފުޓުބޯޅައަށް ލޯބިކުރާ ކުދިން ގެނެސް ހަމަ ވަރަށް ރަނގަޅު އެންގޭޖްމަންޓެކޭ މިގެނައީ" ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން މިހަރަކާތުގެ ތެރެއިން ރާއްޖޭގެ ފުޓްބޯޅައިގެ ތާރީޚީ މުހިންމު ބައެއް ތަކެތިވެސްވަނީ ދައްކާލާފައެވެ. މިގޮތުން ގައުމީ ޓީމަށް ލިބިފައިވާ ތަށިތަކާ މެޑަލްތަކުގެ އިތުރުން ރާއްޖޭގެ ކުރީގެ ގައުމީ ޓީމުގެ ކުޅުންތެރިންގެ ޖާރޒީވެސްވަނީ މިހަރަކާތުގެ ތެރެއިން ދައްކާލާފަވެއެވެ. މިކަމަށް އިޝާރާތްކުރައްވަމުން ވަޒީރު ވިދާޅުވީ މިފަދަ ކާމިޔާބީތަކާއި ތާރީޚީ މުހިންމު ތަކެތި ކުދިންނަށް ފެނުމުން، މިކުޅިވަރުގައި ކުރިއަށް ދިއުމަށް ކުޑަކުދިންގެ ހިތުގައި އިތުރު ހިތްވަރެއް އާލާވެގެންދާނެކަމަށެވެ.

"ފުޓުބޯޅައަށް ލޯބިކުރާ ކުދިންނަށް އަދި އަޅުގަނޑުމެން އެންމެންނަށްވެސް މިތަނުން ފެނިގެން މިދިޔައީ އަޅުގަނޑުމެންގެ ބައެއް ޓީމުތަކުގެ އެޗީވްމަންޓްސްތަކާ އަދި އަޅުގަނޑުމެންގެ ނެޝަނަލް ޓީމުގެ ޖާރޒީތަކާއި، އަދި އަޅުގަނޑުމެންގެ ނެޝަނަލް ޓީމަށް ލިބިފަހުރި އެޗީވްމަންޓްސްތައްވެސް ކުދިންނަށް ފެނިގެން މިދިޔައި. އެހެންވީމަ އެއެއްޗެހީގެ ސަބަބުން ކުދިން އިންސްޕަޔަރވެގެން އިތުރަށް މިކަމުގަ އެންގޭޖްކުރުވާ ފަން އެކްޓިވިޓީއެއްގެ ގޮތުގައި މިކަން ކުރިއަށް މިދިޔައީ" ވަޒީރު ވިދާޅުވިއެވެ.

"ވޯލްޑް ފުޓްބޯލް ޑޭ" ރާއްޖޭގައި ފާހަގަމިކުރީ މުޅިން އަލަށެވެ. ގަލޮޅު ރަސްމީ ދަނޑުގައި މި ހަރަކާތްކުރިއަށް ދިޔަވަގުތު އޭދަފުއްޓާއި، ކުޅުދުއްފުށި ސިޓީ އަދި އައްޑޫ ސިޓީގައިވެސް މި ހަރަކާތްވަނީ ފޯރިއާއެކު ކުރިއަށް ގެންގޮސްފައެވެ.

މި އިވެންޓުގައިވަނީ މާލޭގެ 12 އެކަޑަމީއަކުންނާއި، ސްޕެޝަލް އޮލިމްޕިކްސް އަދި ގައުމީ އަންހެން ފުޓުބޯޅަ ޓީމުގެ އިތުރުން ކުރީގެ ޤައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއްވެސް ބައިވެރިވެފަވެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ރާއްޖޭގެ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދެވި ހަރަކާތެކެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއްވިގޮތުގައި މިފަދަ އިވެންޓެއް ބޭއްވުމުގެ މަގުސަދަކީ ހުރިހާ އެންމެން އެކުވެ، އެއްތާކުން ފުޓުބޯޅައިގެ އުފާވެރިކަން ލިބިގަތުމަށް ފުރުސަތު ފަހިކޮށްދިނުމެވެ.