ސްރީ ލަންކާގައި ބޭއްވި އެނުއަލް މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕުން ރާއްޖޭގެ އަލީ ޝަރީފް ރަން މެޑެލް ހާސިލުކޮށްފިއެވެ.
އޭނާ ރަން މެޑެލް ހޯދާފަވަނީ 45 އަހަރުންމަތީގެ ކެޓަގަރީގެ 100 މީޓަރު ހީޓުގައި ދުވެގެންނެވެ. މި އިވެންޓުގައި ޖުމްލަ 11 ބައިވެރިއަކު ވަނީ ވާދަކޮށްފައެވެ.
މިކާމިޔާބީއާ ގުޅޭގޮތުން ލަންކާގައި ހުރެ "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ޝަރީފް ބުނީ މިކާމިޔާބީގައި ވަރަށް ގިނަބައެއްގެ ހިއްސާ އޮތް ކަމަށެވެ. ޚާއްސަކޮށް މުބާރާތުން ފުރުސަތު ލިބުނީ މާސްޓަރސް އެތުލެޓިކްސް ކުލަބުގެ އެހީތެރިކަމާއެކުކަން ފާހަގަކޮށް އެ އެސޯސިއޭޝަނަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި މުބާރާތަށް ތައްޔާރުވުމުގައި އާމިރު ކޯޗުގެ ފަރާތުން ލިބުނު އެއްބާރުލުންވެސް އޭނާވަނީ ފާހަގަކޮށްފައެވެ.
"އެންމެ ފުރަތަމަ ޝުކުރުކުރަނީ މާތް ﷲއަށް. މުބާރާތައް މިއާދެވުނީ ވަރަށް ގިނަބައެއްގެ އެހީތެރިކަމާއެކު، ވަކިން ފާހަގަކޮށްލަން މާސްޓާސް އެތުލެޓިކްސް ކުލަބުގެ ނަން. އަޅުގަނޑު ރަށުގެ ހުއްޓާ ދައުވަތުދީގެން ގެނައީ އެބޭފުޅުން" ޝަރީފް ބުންޏެވެ.
ޝަރީފް ބުނީ މިފަދަ މުބާރާތްތަކުގައި ގިނަ ބަޔަކު ބައިވެރިވެ، އަދިވެސް އިތުރު މެޑެލްތަކެއް ހޯދިދާނެކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި މިފަދަ ކުޅިވަރުތަކުގެ ސަބަބުން އެކުވެރިކަން އާލާވާ ކަމަށާއި، މިއީ ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުންވެސް މީހާ ދުޅަހެޔޮކޮށްދޭ ކަމެއް ކަމަށް އޭނާ ފާހަގަކުރިއެވެ.
އެނުއަލް މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި މާސްޓަރސް އެތުލެޓިކްސް ކުލަބުން ހަ މެންބަރަކު ވާދަކުރެއެވެ. މިއީ މި މަހުގެ 24 އިން 25 އަށް ކުރިއަށްދާ މުބާރާތެކެވެ. މި މުބާރާތް ކުރިއަށްދަނީ ކޮލޮމްބޯގެ ސުގަތަދާސަ ސްޓޭޑިއަމްގައެވެ.