ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރެފުރީޒް ކޮމިޝަނަށް އައު މެންބަރުން އައްޔަންކޮށްފިއެވެ.
ރެފްރީޒް ކޮމިޝަނަށް ފަސް މެމްބަރުން މިއަދު އައްޔަންކުރައްވާފަވާއިރު، މި ރަސްމިއްޔާތު ބާއްވާފައިވަނީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގައެވެ. އަލަށް އައްޔަން ކުރެވުނު ފަސް މެމްބަރުންނަށް މަގާމު ހަވާލުކޮށްދެއްވީ ވީއޭއެމްގެ ރައީސް މުޙައްމަދު ލަތީފެވެ.
މީގެ އިތުރުން ރެފްރީޒް ކޮމިޝަނުގެ ޗެއަރމަނަކަށް ހަމަޖައްސަވާފައިވަނީ ހުސައިން ހަމީދެވެ. މިހިނގާ ދައުރަށް ހަމަޖެއްސުނު ރެފްރީޒް ކޮމިޝަނަށް މެމްބަރުން އައްޔަންކުރެވިފައި ވަނީ ކުރީގެ ކޮމިޝަނުގެ މުއްދަތުހަމަވެ، ދައުރު ހަމަވުމާވިދިގެންނެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ވީއޭއެމްގެ ރައީސް މުހަންމަދު ލަތީފް ވިދާޅުވީ ރެފްރީޒް ކޮމިޝަނަށް މެމްބަރުން އައްޔަންކުރެވުނީ މެމްބަރުން ހޯދުމަށް ކުރެވުނު އިއުލާނާ ގުޅިގެން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ވޮލީގައި ހަރަކާތްތެރިވާ މިންވަރަށް ބަލާ އެންމެ ތަޖުރިބާ ގިނަ ފަރާތްތަކަށް އިސްކަންދީގެންކަމަށެވެ.
ވީއޭއެމްގެ އަސާސީ ގަވާއިދުގައިވާގޮތުން ރެފްރީޒް ކޮމިޝަނެއްގެ މުއްދަތަކީ ހަތަރު އަހަރުދުވަހެވެ.