ޚަބަރު

ދެ ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމުން މީޑިއާ ކައުންސިލް އިންތިޚާބަށް އަލުން ހުޅުވާލައިފި


  • 4 ކެންޑިޑޭޓުން މަގާމުތަކަށް ކުރިމަތިލި

  • މީޑިއާ ކައުންސިލްގެ 3 މަގާމެއް ވަނީ ހުސްވެފައި

މޯލްޑިވްސް މީޑިއާ ކައުންސިލުގެ ހުސްވެފައިވާ މަޤާމުތަކަށް މެންބަރުން ޢައްޔަންކުރެއްވުމަށް ބާއްވާ އިންތިޚާބުގައި ވާދަކުރާ 2 ކެންޑިޑޭޓަކު ނަން އަނބުރާ ގެންދިއުމުން އަލުން މީޑިއާ ކައުންސިލަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއިން ނެރުނު އިޢުލާނެއްގައި ވިދާޅުވީ މީޑިއާ ކައުންސިލްގެ ހުސްވެފައިވާ 3 މަޤާމަށް ކުރިމަތިލާން ހުޅުވާލި ފުރުޞަތުގައި އެ މަޤާމަށް ކުރިމަތިލީ 4 ކެންޑިޑޭޓުން ކަމަށެވެ. އޭގެ ތެރެއިން ދެ ކެންޑިޑޭޓުން މިހާރު ނަން އަނބުރާ ގެންގޮސްފައިވާ ކަމަށާއި އެހެންކަމުން އަލުން އެ ފުރުޞަތު ހުޅުވާލީ ކަމަށް ވިދާޅުވިއެވެ.

އަލުން މީޑިއާ ކައުންސިލަށް ކުރިމަތިލާން ހުޅުވާލި ނަމަވެސް ކުރިން އެ މަޤާމަށް ފޯމު ހުށަހަޅާފައިވާ ބޭފުޅުން އަލުން ފޯމު ހުށަހަޅަން ނުޖެހޭނެ ކަމަށްވެސް މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއިން މީޑިއާ ކައުންސިލަށް މެންބަރުން އައްޔަން ކުރުމަށް ބާއްވާ އިންތިޚާބު ތާވަލު ކުރީ މި މަހުގެ 30 ވަނަ ދުވަހަށެވެ. އެ އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓުވެސް އެ ވުޒާރާއިން ވަނީ ނެރެފައެވެ.

މީޑިއާ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލާން އަލުން ހުޅުވާލާފައިވާއިރު އެ މަޤާމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން މިމަހުގެ 27 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން މެންބަރުކަމަށް އެދި ހުށަހަޅާ ފޯމާއި މައްސަލަ ސާފު ކުރާ ފޯމު މިނިސްޓްރީގެ އީމެއިލް، [email protected] މެދުވެރިކޮށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް އެކުލެވިގެންވަނީ މީޑިއާތައް ތަމްސީލް ކުރައްވާ 8 މެންބަރުންނާއި އާންމުގެ 7 މެންބަރުންގެ މައްޗަށެވެ.