ޚަބަރު

ރައީސް އޮފީހުން ކުރިއަށް ގެންދާ "އެގްޒެކެޓިވް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ފަށައިފި


  • ދައުލަތުގެ އެކި ވުޒާރާތަކާއި އިދާރާތަކުގެ ގިނަ މުވައްޒަފުން ބައިވެރިވޭ

  • މިއީ ޕަރފޯމަންސް ހަރުދަނާކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށްގެންދާ "އެގްޒެކެޓިވް ޑިވެލޮޕްމަންޓް ޕްރޮގްރާމް 2025-2027" ފަށައިފިއެވެ.

"އެގްޒެކެޓިވް ޑިވެލޮޕްމަންޓް ޕްރޮގްރާމް" އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިޓިކަލް އެފެއަރޒް އޮފީސްގެ ޕޮލިޓިކަލް އެޕޮއިންޓީޒް ޕަރފޯމަންސް މެނޭޖްމަންޓް ޔުނިޓްގެ އިސްނެގުމަށް، ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓާއި ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ކިންގް ސަލްމާން މިސްކިތުގައެވެ.

‎ބުދަ ދުވަހުގެ ފުރަތަމަ ސެޝަން ކުރިއަށް ގެންދަވާފައިވަނީ ޢަފީފް ޙުސައިންއެވެ. ޢަފީފުގެ މަޢުޟޫޢު ޚާއްޞަ ކުރައްވާފައިވަނީ "ލީޑިންގ އެންޑް ޓްރާންސްފޯމިންގ އަ ނޭޝަން ތްރޫ ސަރވިސް އެކްސެލެންސް ކަލްޗަރ" ނުވަތަ، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ޘަޤާފަތެއްގެ ތެރެއިން ޤައުމުގެ ތަޞައްވުރު ބަދަލުކުރުމުގެ މައްޗަށެވެ.

މި ސެޝަންގައި ދައުލަތުގެ އެކި ވުޒާރާތަކާއި އިދާރާތަކުގެ ގިނަ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެގްޒެކެޓިވް ޑިވެލޮޕްމަންޓް ޕްރޮގްރާމަކީ ދައުލަތުގެ މުވައްޒަފުންނާއި ސިޔާސީ ގޮތުން ޢައްޔަންކުރެވޭ ބޭފުޅުންވެސް ހިމެނޭހެން ހުރިހާ ފަރަތްތަކެއްގެ ޕަރފޯމަންސް ހަރުދަނާކުރުމަށް އެކުލަވާލާފައިވާ ޕްރޮގްރާމެކެވެ.

‎މިޕްރޮގްރާމްގެ ދަށުން، ހިންގުމުގެ ހުނަރުތައް ދަސްކޮށްދިނުމާއި، އިދާރާތަކުގެ މެދުގައި މުޢާމަލާތްކުރުމުގައި ހުރި ހިރާސްތައް ހަމަޖެއްސުމާއި، އިދާރީ އޮނިގަނޑަށް ގެނެވޭނެ ހެޔޮ ބަދަލުތަކުގެ މައްޗަށް އަލިއަޅުވާލާނެއެވެ. މިޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ އިންޓަރެކްޓިވް ލެކްޗަރތަކާއި، ސެމިނަރ، އަދި މަސައްކަތު ބައްދަލުވުންތަކާއި، ދާއިރާގެ ތަޖުރިބާކާރުންގެ ސެޝަންތައް ހިމަނައިގެންނެވެ.