ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް މިދިޔަ އޭޕްރީލް މަހު 50.2 މިލިޔަން ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާއިން ވިދާޅުވެއްޖެއެވެ.
އެންސްޕާއިން ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިދިޔަ މަހު ފޯރުކޮށްދީފައިވާ މާލީ އެހީގެ ތަފާސްހިސާބު އާންމު ކުރައްވާފައެވެ.
އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އޭޕްރީލް މަހު 14024 މީހަކަށް 50.2 މިލިޔަން ރުފިޔާ މާލީ އިނާޔާތުގެ ގޮތުގައި ދީފައިވެއެވެ.
އެންސްޕާގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 14188 މީހުން ހިމެނެއެވެ. މީގެތެރޭގައި 18 އަހަރުން ދަށުގެ 4700 ކުދިން ހިމެނެއެވެ. އަދި މިދިޔަ މަހު އަލަށް 103 މީހަކު ދަފްތަރުކޮށްފައިވާ ކަމަށް އެއެޖެންސީން ވިދާޅުވެއެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 2011ވަނަ އަހަރުން ފެށިގެން އެލަވަންސެއް ދޭން ފަށާފައިވާއިރު 2023 ވަނައަހަރު ވަނީ އެފަރާތްތަކަށް ދޭ އެލަވަންސް 3000 ރުފިޔާއަށް ބޮޑުކޮށްފައެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ދިނުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރު" އެކުލަވާލާ އެދަފްތަރު އަދާހަމަކުރުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ. މިދަފްތަރުގައި ހިމެނޭ މަޢުލޫމާތުގެ އަލީގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދިރިއުޅުމަށް އަންނަ ބަދަލުތަކާއި، ބޭނުންވާ އެހީތެރިކަން އެނގޭނެހެން ޑޭޓާބޭސް އެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުންދާކަންވެސް ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ހިމެނިފައިވާ ފަރާތްތަކަށް ދީފައިވާ މާލީ އެހީ
— NSPA (@NSPAmaldives) May 14, 2025
އޭޕްރީލް 2025 pic.twitter.com/3Sk8VVveAr
އަދި އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ "ހާލު ކިހިނެއް؟" ޕްރޮގްރާމްގެ ތެރެއިންވެސް، ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅޭ ބައެއް ކަންބޮޑުވުންތައް ވަނީ ދެނެގަނެވިފައެވެ. އެގޮތުން އެންމެ ބޮޑު އެއް މައްސަލައަކީ ވަޒީފާގެ ފުރުސަތާއި ގުޅިގެން އެމީހުންގެ ހުރި ކަންބޮޑުވުމެވެ. ދައުލަތުގެ އިދާރާތަކުން ވަޒީފާދޭއިރު، އެފަދަ މީހުންނަށް އެންމެ އެކަށީގެންވާ ނުވަތަ އެންމެ ފުރިހަމައަށް އަދާކުރެވޭނެ ފަދަ ވަޒީފާ ނުލިބޭކަންވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން މިކަމަށް ހައްލެއް ގެނައުމަށް ސަރުކާރުންދަނީ އެކި ފަރާތްތަކާ ގުޅިގެން މަސައްކަތްކުރައްވަމުންނެވެ.
ރާއްޖޭގައި އެކިބާވަތުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން ދިރިއުޅެމުން އަންނައިރު، ވަޞީލަތްތައް މަދުވުމާއެކު އެކަށީގެންވާ މިންވަރަށް ތަޢުލީމީ ފުރުސަތު ލިބެން ނެތުމަކީވެސް އެމީހުންނާއި، އެފަދަ ކުދިންނާއި، އެ ޢާއިލާތަކުގެ ކަންބޮޑުވުމެކެވެ. އެހެންކަމުން ދެމެހެއްޓެނިވިގޮތެއްގައި މިފަދަ ކުދިންނަށް ތަޢުލީމުގެ ފުރުސަތު ފަހިކޮށްދިނުމަށް މިދާއިރާ އިތުރަށް ހަރުދަނާކުރުމަށްވެސް އެކި މަސައްކަތްތައް ސަރުކާރުން ކުރައްވައެވެ.